މާރިޔާގެ ހިތްވަރާއި ކެރުން: މަންމައިންނަށް ނަމޫނާއެއް!

މިނިސްޓަރު މާރިޔާ މަންމާފުޅާއި އަންހެން ދަރިފުޅާއިއެކު

އަމިއްލަ ސަލާމަތަށް ނުރައްކާ އޮންނަ ދަނޑިވަޅުތަކުގައި ވެސް ފުރާނަ އަތް މައްޗަށް ލައިގެން ގައުމީ އިންޓަރެސްޓްގައި މަސައްކަތް ކުރެއްވުމަކީ ރާއްޖޭގެ ފުރަތަަމަ އަންހެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އާ ތަޖުރިބާއެއް ނޫނެވެ. ސިޔާސީ ހަޔާތްޕުޅުގައި އެކަމަނާ ކަޑައްތުކުރެއްވި އޮއިބާރު ކޮންމެ ކޮޅިގަނޑެއްގައި ވެސް ދެއްކެވީ ސާބިތުކަމާ އެކު ކުރިއަށް ދިޔުމުގެ މިސާލެވެ.

މިފަހުގެ ތާރީހެއްގައި ދުނިޔެ ނުދެކޭފަދަ ބޮޑު ބަލިމަޑުކަމެއް ބިރު ރާއްޖެއާ ވެސް ކުރިމަތުވެފައިވާ އިރު، އެކަމަނާ ހުންނެވީ އެންމެ ކުރީ ސަފަށް ނިކުމެ ވަޑައިގެންނެވެ. ނެޝެނަލް އެމެޖެންސީ ސެންޓަރު (އެންއީއޯސީ)ގައި އެންމެ އިސްރޯލެއް އަދާކުރާ ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަކީ މިނިސްޓަރު މާރިޔާގެ ސީދާ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރާ އިދާރާ އެކެވެ.

މާރިޔާ ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަސް ރާއްޖެއިން ފެނި މި ވޭތުވި މަސްތަކަކީ އެކަމަނާގެ ކެރިއަރުގައި އަދި ކުރިމަތިވެފައި ނުވާ އެތައް އާ ކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ދުވަސްތަކެކެވެ. އަމިއްލަ ދިރިއުޅުމަށް ވެސް އެތައް އާ ބަދަލުތަކެއް އައިސްފި އެވެ.

މާރިޔާއަށް އެންމެ އުނދަގޫފުޅުވާ ކަމަކީ، އެކަމަނާ ވިދާޅުވި ގޮތުން ތިން ކުދިންނާއި އުމުރުފުޅުން 80 އަހަރުގެ މަންމާފުޅު އަމީނާ މުފީދުއާއެކު ކުރިން ބޭއްވި ގާތްގުޅުން މިއަދު ބޭއްވުމަށް އުނދަގޫވެ، އަމިއްލަ ދިރިއުޅުމުގެ އާދަތައް ބަދަލުކުރައްވަން މަޖުބޫރުވުމެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކަމަނާ ސިފަކުރެއްވި ގޮތުގައި، ކޮވިޑް-19ގެ މިހާލަތުގައި ކުރީގެ ދިރިއުޅުން އެ ފުށް މި ފުށަށް ޖެހުނު ކަހަލަ އެވެ. އާއިލާއާ އެންމެ ކައިރީގައި މި ވަގުތު ހުންނަން ބޭނުންވި ނަމަވެސް، މާރިޔާ ވިދާޅުވި ގޮތުގައި ފްރޮންޓްލައިންގެ ހިދުމަތްތެރިއަކަށް ވުމުން އެ ފުރުސަތު މިހާރު ވަނީ ވަރަށް ހަނިވެފަ އެވެ. އަމިއްލަ ދިރިއުޅުމުގެ އެތައް ކަމެއް ގުރުބާން ކުރައްވަން ވަނީ ޖެހިފަ އެވެ. ހާއްސަކޮށް މާރިޔާގެ މަންމާ ފުޅަކީ ދުވަސްވީ ބޭފުޅަކަށް ވުމުން، ރިސްކް އޮތުމުން މާރިޔާ މިދުވަސްކޮޅު ހޭދަކުރައްވަނީ ވީހާވެސް ބޮޑަށް މަންމާފުޅާ ދުރުންނެވެ. އެކަމަކު އެކަމަނާގެ ޝަކުވާއެއް ނެތެވެ.

"އެހެންޏާ އަޅުގަނޑު ގެއަށް އަންނަގޮތަށް އެންމެ ފުރަތަމަވެސް މަންމާފުޅުގެ އަރިހަށް ވަދެފައި އެހެންކަމެއް ކުރާނީ. އަބަދުވެސް މަންމައާއި ވަރަށް ކައިރީގައި އިށީނދެ ވާހަކަދައްކަނީވެސް، އެކަމަކު މިހާރު މަންމަގެ ކޮޓަރިކޮޅާއި ހަމައަށްގޮސް ބޯދިއްކޮށްލާފައި ވާހަކަ ދެއްކުމާއި، ކާންތިބޭއިރުވެސް އެއް މޭޒެއްގެ ދޮށުގައި ތިއްބަސް އެންމެ ދުރުގޮނޑީގައި އިށީނުމާއި އެކަހަލަ ގޮތަކަށް މި އުޅެންޖެހެނީ. ވަރަށް ވިސްނައިން، އެހެންވިޔަސް މަންމައަށް އެކަން އިހުސާސް ނުވާގޮތަށް ބެލެންސެއް ގެންގުޅެނީ. މަންމަގެ ވަރަށް ގާތް ބޭފުޅުންތަކެއް މިފަހުން ދުނިޔެ ދޫކޮށްދިއުމާއި އެކު، ދެރަފުޅުވާ ވަގުތު ކައިރީގައި ހުރެދިނުމަށްވެސް ދުރުގައި ހުރެގެން މަސައްކަތްކުރަން." މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓާ މާރިޔާ ފިރިހެން ދަރިންނާއި އެކު

މިނިސްޓަރު މާރިޔާގެ ތިން ކުދިންގެ ތެރެއިން މިވަގުތު ކައިރީގައި ހުންނެވީ އެންމެ ހަނގު ދަރިފުޅެވެ. "އެންމެގާތް އެކުވެރިޔާގެ" ގޮތުގައި ބައްލަވާ އެ ދަރިފުޅާ އެކު ކުރިން ވަގުތު ހޭދަކުރެއްވިހާ ގިނައިން ވަގުތު ހޭދަކުރެއްވުމަށް މިހާރު ފުރުސަތު ލިބިވަަޑައެއް ނުގަންނަވަ އެވެ. ގެއަށް ވަޑައިގެން ނަމަވެސް، ގައިިދިރުކަން ހިފަހައްޓަން ޖެހުމުން ދަރިފުޅާ ވެސް އުޅުއްވަނީ ކުރިއަށް ވުރެ ދުރުންނެވެ. އެއީ އެކަމަނާއަށް އޮތް މާޔޫސްކަމެއް ނަމަވެސް، މަންމައެއްގެ ހައިސިއްޔަތުން މާރިޔާ ދަރިފުޅަށް އެއް ކަމެއް ވިސްނައިދެއްވަ އެވެ. މަންމަ އަބަދު ކައިރީގައި ނެތަސް، އަމިއްލައަށް ޒިންމާ ނަގާ ޒިންމާދާރު ދަރިއަކަށް ވުމަކީ މާރިޔާ އޭނާގެ ދަރިފުޅަށް ނަގައިދީފައިވާ އެންމެ އަގުބޮޑު ފިލާވަޅެވެ.

ދިވެހި ހުރިހާ މަންމައިންނަށް މާރިޔާ ދެއްވާ މެސެޖަކީވެސް ދަރިންގެ ދިރިއުޅުން އެކުދިން އަމިއްލައަށް ބައްޓަން ކުރުމުގެ މިނިވަންކަން އެ ކުދިންގެ އަތް މައްޗަށް ދޫކޮށްލުމެވެ. ފަސް ޖެހުމެއް ނެތި ގައުމީ ހިދުމަތަށް ނިކުމެ ހުންނެވުމަށް އެކަމަނާއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްވަރަކީ ވެސް، އެ ތަރުބިއްޔަތު ދަރިންނަށް ދެއްވިފައިވުމެވެ.

މިނިސްޓާ މާރިޔާ ދަރިފުޅު އަމްރާއާއި އެކު---

"އަޅުގަނޑުމެން ބޮޑުވި އިރު ތިބޭނީ ދެފައިދެފަޔަށް އަޅައިގަނެފައި ވެއްޓޭކަހަލަ ބެލްސް ލައިގެން. ދެން އަޅުގަނޑުގެ ބޮޑުދައިތަ ދަންނަވާނެ މަންމައަށް، އަމީނާއޭ ދެން ހަމަ މިހެން މިމީހުން ތިބޭއިރު ބޮލަށް އުނދަގުލެއް ނުވޭހޭ. ބުނީމަ މަންމަ ވިދާޅުވި، ދޯއްތައޭ! ތިމަންނާ މަންމަ ލާފައި ހުރީ ދިވެހި ލިބާހެކޭ، ތިމަންނާ ލައިގެން މިހިރީ ފާސްކުރި ހެދުމެކޭ، އެކުދިން ލާނީ އެކުދިން ބޭނުންވާ ހެދުމޭ، އެކުދިން ނުޖެހޭނެ ތިމަންނަމެން ލާ ހެދުމެއް ލައިގެން ބޮޑުވާކަށް. އެހެންކަމުން އަޅުގަނޑަށް ދޭހަވި، ކުދިން ބޮޑެތިވާއިރު އެކުދިންނަށް އަމިއްލަ އަށް ކަންކަން ކުރުމަށް ފުރުސަތުދޭންވާނެ ކަމާއި، އެކަމަކު ހިފަހައްޓަން ޖެހޭ ދަނޑިވަޅުގައި ހިފެހެއްޓައިގެން ބޮޑުވާން ފުރުސަތުދޭންވާނެކަން،" މަންމާފުޅުގެ އަރިހުން ދަސްވި އެންމެ މުހިންމު ނަސޭހަތެއްގެ ގޮތުގައި މާރިޔާ ވިދާޅުވީ އެވެ.

މިނިސްޓަރު މާރިޔާ، ހުޅުމާލޭގައި ސިފައިން ހަދާ ކޮވިޑް ފަރުވާގެ ސެންޓަރު ބައްލަވާ ލައްވަނީ --

މަންމާފުޅުގެ މި ނަސޭހަތްތަކާ އެކު، އަމިއްލަފުޅު ދިރިއުޅުމުގައި އެކަމަނާ ހިފެހެއްޓެވި އާދަޔާ ހިލާފު ވަރުގަދަ އަޒުމާ ކިތަންމެހާވެސް ގުޅުން ބޮޑެވެ. އެންމެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރަށްވުމުގެ އިތުރަށް އެކަމަނާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ގާނޫނީ ވަކީލްވެސް މެއެވެ. އެކަމަނާ އެކި ގޮތްގޮތަށް ދިވެހި ތާރީހު އަންނަނީ ލިޔުއްވަމުންނެވެ. ދިވެހި މުޖުތަމައުގެ ސްޓޭޓަސް ކޯ ބަދަލުކުރެއްވުމުގައި އެކަމަނާއަކީ ސަހުސިއްޔަތެކެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެންމެ ފުރަތަމަ އިންތިހާބީ އަންހެން ޗެއާޕާސަނަކީ ވެސް އެކަމަނާ އެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ އަންހެން ބޭފުޅަކަށް އެކަމަނާވާނެ އެވެ. މާރިޔާ ވިދާޅުވާ ވާހަކައެއް އެބައޮތެވެ؛ އަންހެނަކަށް، މަންމައަކަށް ވުމަކީ، ގައުމު އެދި ގޮވާލާ ވަގުތު ފަސްޖެހުމެއް އަންނަންވީ ކަމެއް ނޫނެވެ. މާރިޔާ ވިދާޅުވި ގޮތުގައި ފަސްއެނބުރި ބެލުމަކީ އެކަމަނާއަށް އޮޕްޝަނެއް ނޫނެވެ. ހިތްވަރާއި އަޒުމާއި އެކީ މި ދަތި ދަނޑިވަޅުން ގައުމު ސަލާމަތްކޮށް ރައްކާތެރި ދިވެހިރާއްޖެއެއް ހޯދައިދިނުމަކީ ދަރިއެއް، މަންމައެއްގެ ހައިސިއްޔަތުން އެކަމަނާ ނަންގަވާ ޗެލެންޖެކެވެ.

comment ކޮމެންޓް