މާބަނޑު މީހުންނަށް ހުރި އިންތިޒާމްތައް ގިނަ ބަޔަކަށް ނޭނގޭ: ދިރާސާ

ކޮވިޑް19 އާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ހާލަތުގައި މާބަނޑު މީހުންނާއި އަންހެނުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ހޯދުމަށް ކަނޑައެޅިފައިވާ އިންތިޒާމުތަކުގެ މައުލޫމާތު ގިނަ ބަޔަކަށް ނޭނގޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުންގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް އެޗްއާރްސީއެމުން ކޮށްފައިވާ މަސައްކަތުން 30 އެޕްރީލް ވަނަ ދުވަހާ ހަމައަށް އެއްކުރި މައުލޫމާތުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހުލާސާ ރިޕޯޓު މިހާރު ވަނީ އާންމުކޮށްފައެވެ.

ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ރައްޔިތުންގެ އަސާސީ ކަންކަން ހަމަޖެހިފައިވާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު އެއްކުރުމަށް އެޗްއާރްސީއެމް އިން ސުވާލު ކަރުދާސްތަކެއް އެކުލަވާލައި، މާލެ އާއި އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނާއި، ރަށު ކައުންސިލްތަކުން މައުލޫމާތު ހޯދަން ގޫގުލް ފޯމެއް ސާކިއުލޭޓްކުރަން ފެށީ އޭޕްރީލް 26 ވަނަ ދުވަހު އެވެ.

އެޗްއާރްސީއެމް އިން ބުނީ އޭޕްރީލް 30 ވަނަ ދުވަހާ ހަމައަށް 1091 މީހަކު ފޯމު ފުރިހަމަކޮށްފައިވާ ކަމަށާއި، 33 ކައުންސިލަކުން މައުލޫމާތު ފޯރުކޮށްދީފައިވާ ކަަމަށެވެ.

އެ ދިރާސާގައި ބައިވެރިވެ ކޮމިޝަނަށް މައުލޫމާތު ފޯރުކޮށްދިން 65 ޕަސެންޓު މީހުންނަށް، މާބަނޑު މީހުންނާ އަންހެނުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ހޯދުމަށް މިވަގުތު ކަނޑައެޅިފައިވާ އިންތިޒާމްތަކުގެ މައުލޫމަތު ނޭނގޭކަން ވަނީ ފާހަގަކޮށްފަ އެވެ.

އެ ދިރާސާއިން ދައްކާގޮތުންް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ 72 ޕަސެންޓު މީހުންނަށް އެ މައުލޫމާތު ލިބިފައެއް ނުވެއެވެ. މާބަނޑު މީހުންނާއި އަންހެނުންނަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކަމަށް ބުނެފައި ވަނީ ދިރާސަގައި ބައިވެރިވި 20 ޕަސެންޓު މީހުންނެވެ.

އަތޮޅުތަކުގައި ދިރިއުޅޭ 54 މީހުންނަށް ވެސް، މާބަނޑު މީހުންނާއި އަންހެނުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް
ހޯދުމަށް މިވަގުތު ކަނޑައެޅިފައިވާ އިންތިޒާމުތަކުގެ މައުލޫމާތު ނޭނގޭކަމަށް ބުނެފައިވެއެވެ.

ރަށުން އެ އިންތިޒާމު ހަމަޖެހިފައިވާކަމަށް 28 ޕަސެންޓު މީހުން ބުނެފައިވާއިރު، އެއްވެސް އިންތިޒާމެއް ހަމަޖެހިފައި ނުވާކަމަށް 11 ޕަސެންޓު މީހުން ބުނެފައިވެ އެވެ.

މީގެ އިތުރުން ކޮވިޑް19 އާ ގުޅިގެން ދިމާވެފައިިވާ ހާލަތުގައި ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ބޭސް ހޯދުމަށް ހުރި އިންތިޒާމުތަކާއި ސިއްހީ ހިދުމަތްތަކަށް އައިސްފައިވާ ބަދަލުތަކާއި، ރަށުން ނުލިބޭ ސިއްހީ ހިދުމަތްތަކާ އެމަޖެންސީ ހާލަތްތަކުގައި ފަރުވާ ހޯދުމުގެ އިންތިޒާމްތަކާއި، ކުޑަކުދިންނަށް ވެކްސިން ދިނުމާއި ނަފްސާނީ ފަރުވާއާ ގުޅޭ އިންތިޒާމުތަކުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ދިރާސާގައި ބައިވެރިވި ގިނަ އަދަދެއްގެ މީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކަށް މައްސަރު ދުވަސްވަރު ބޭނުންކުރާ ޕެޑް ފަދަ ތަކެތި ހޯދުމުގައި ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން 29 ޕަސެންޓު މީހުންނަށް އެއްގޮތަކަށް ވެސް އެތަކެތި ގަންނަން ނުލިބޭ ކަމަށް ބުނެފައިވެ އެވެ.

ހަމައެއާއެކު ޕެޑް ފަދަ ތަކެތީގެ އަގު ބޮޑުވެ، ފިހާރަތަކުން މިތަކެތި ވިއްކުމުގައި ކަނޑައަޅާފައިވާ ވަކި މިންވަރަށްވުރެ އިތުރަށް ނުވިއްކާކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް