ނަރުދޫ ދައްކަނީ ނަމޫނާއެއް، ބަލި ފެތުރުނީ ތިން ގެއެއްގެ ތެރޭގައި

ށ. ނަރުދޫގެ މަގުތައް ފަޅުވެފައި: އެ ރަށުގެ ރައްޔިތުން ފަރުދީ ޒިންމާ އަދާ ކުރާ ކަމަށް ޓާސްކްފޯސްއިން ބުނޭ --

"ފުރަތަމަ އަމާޒު ބޯޓުގެ ކައްޕި. ދެން ކައްޕީގެ ދަރިންނާއި އަންހެނުން. އެ ފަހުން މި އުޅެނީ އަމާޒު ބޯޓުން ދަތުރު ކުރި ދެ ކްރޫއިންނާ އެ މީހުންގެ އާއިލާ، އަނބި ދަރިން،" ށ. ނަރުދޫއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތަފްސީލު ދެއްވަމުން އެ ރަށުގެ ޓާސްކުފޯސްގައި އިސްކޮށް ހަރަކާތްތެރިވާ މޫސާ ހުސެއިންފުޅު ވިދާޅުވި އެވެ.

މިހާރު ނަރުދޫ އަކީ މާލެ ފިޔަވައި އެންމެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ރަށެވެ. އެ ރަށުން 11 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެ ރަށުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން ނަރުދޫއަށް ދަތުރު ކުރި އަމާޒު ބޯޓުގެ ކެޕްޓަނެވެ. އެފަހުން ޕޮޒިޓިވްވި އެންމެނަކީވެސް އަމާޒު ބޯޓާ ގުޅިފައިވާ މީހުންނެވެ.

އެޗްޕީއޭއިން ނަރުދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެއީ އެ މަހުގެ 15 ވަނަ ދުވަހު އަމާޒު ބޯޓުން ދަތުރު ކުރި ބަޔަކު ނަރުދޫގައި ތިބުމުންނެވެ. އޭރު އެ ރަށުން އެއްވެސް މީހަކު ޕޮޒިޓިވް ނުވެ އެވެ. މީހުންނަށް ގެއިން ބޭރަށް ނުނުކުތުމަށް އަންގައި ރަށް ލޮކްޑައުން ކުރީ އަމާޒު ބޯޓުގެ ކެޕްޓަން ޕޮޒިޓިވްވުމުންނެވެ. އެއީ މިދިޔަ މަހުގެ 25 ހިސާބުގަ އެވެ.

ނަރުދޫގެ ކޮވިޑް-19 ޓާސްކު ފޯހުގެ މޫސަ "ސަން"އަށް ވިދާޅުވީ ނަރުދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަމާޒު ބޯޓުގެ ކެޕްޓަނާއި، ކެޕްޓަނާއެކު އެއް ގެއެއްގައި އުޅޭ އޭނާގެ އާއިލާގެ މީހުންނާއި، އަމާޒު ބޯޓުގެ ދެ ކްރޫއިންނާއި އެ މީހުންނާ އެެއް ގެއެއްގައި އުޅޭ މީހުންނެވެ. އެހެންކަމުން ބަލި ފެތުރިފައި ވަނީ ތިން ގެއެއްގެ ތެރޭގަ އެވެ.

މޫސަ ވިދާޅުވި ގޮތުގައި އަމާޒު ބޯޓުގެ ކެޕްޓަންގެ ގެއިން ހަ މީހަކު ވައިރަސްއަށް ޕޮޒިޓިވްވި އެވެ. އަދި ޕޮޒިޓިވްވި ކްރޫއިންގެ ތެރެއިން އެކަކުގެ ގެއިން ތިން މީހުން ޕޮޒިޓިވްވި އިރު، އަނެއް މީހާގެ ގެއިން ދެ މީހުން ޕޮޒިޓިވްވި އެވެ. ކެޕްޓަން ލައިގެން ޖުމްލަ ހަ މީހުން ޕޮޒިޓިވްވީ މި ތިންގެއިގެ ތެރެއިންނެވެ.

ށ. ނަރުދޫ -- ފޮޓޯ: ކައުންސިލް

ބަލި ޖެހުނު އެންމެންވެސް ފަރާތުންވެސް ކަމާ ބެހޭ ފަރާތްތަކުން އެންގުންތަކަށް އެއްބާރުލުން ލިބުނު ކަމަށާއި އެންމެންވެސް ފަރުދީ ޒިންމާ އަދާ ކުރި ކަމަށް މޫސަ ވިދާޅުވި އެވެ. ގެތަކުގެ ބޭރުން އެހެން މީހުންނާ ކޮންޓެކްޓުވެފައި ހުރީ މަދުން ކަމަށާއި، ދެން ކޮންޓެކްޓުވެފައި ހުރީ ހެލްތު ސެންޓަރުގެ ބިދޭސީ ސްޓާފުންނާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މިހާތަނަށް 52 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 30 މީހުން ނެގަޓިވްވެފައިވާއިރު 11 މީހެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދިވެސް ސާމްޕަލް ނަގަން ޖެހޭ އަށް ވަރަކަށް މީހުން އެބަ ތިބި ކަމަށާއި ކޮންޓެކްޓު ޓްރޭސިން އެއްކޮށް ނިންމާނުލެވޭ ކަމަށް މޫސަ ވިދާޅުވި އެވެ.

"އެބަ ތިބި އަދިވެސް ސާމްޕަލް ނަގަން ޖެހޭ މީހުން އެނގޭތޯ. އައިސޮލޭޝަންގައި ބައިތިއްބާފައި ތިބޭނެ އެގޮތަށް ޑައިރެކްޓު ކޮންޓެކްޓުން ފާހަގަކުރެވިގެން،" މޫސަ ވިދާޅުވި އެވެ.

ގޭގައި އައިސޮލޭޓު ކުރާތީ ނަތީޖާ ހާސިލު ނުވޭ

ނަރުދޫގައި މީހުން އައިސޮލޭޓު ކުރަމުން ދަނީ ގޭގަ އެވެ. ޕްރީސްކޫލު އިމާރާތުގައި ހުންނަ ކޮޓަރިއެއްވެސް އައިސޮލޭޝަނަށް ބޭނުން ކުރަމުން ދެއެވެ. ނަމަވެސް، އެތަނުގައި ހުންނަނީ އެންމެ އެނދެކެވެ. އެތަނުގައި މިވަގުތު ތިބީ ވައިރަސްއަށް ނެގަޓިވްވި އަމާޒު ބޯޓު ކައްޕިގެ ދެ ދަރިންނެވެ.

ގޭގައި މީހުން އައިސޮލޭޓު ކުރަން ޖެހޭތީ އައިސޮލޭޝަންގެ މަގުސަދު ހާސިލުވާ ގޮތަށް އެކަން ކުރެވޭ ކަމަކަށް މޫސަ ގަބޫލުފުޅެއްނުކުރައްވަ އެވެ. އެއީ ގޭގައި އައިސޮލޭޓު ވެގެން ތިބެން ޖެހެނީ އާއިލާގެ އެހެން މީހުންނާވެސް އެކު ކަމުންނެވެ.

ށ. ނަރުދޫގެ މަގުތައް ފަޅުވެފައި: އެ ރަށުގެ ރައްޔިތުން ފަރުދީ ޒިންމާ އަދާ ކުރާ ކަމަށް ޓާސްކްފޯސްއިން ބުނޭ --

މިހާތަނަށް ބެލެވިފައިވާ ގޮތުންވެސް ބަލިި ފެތުރިފައި ވަނީ އަމާޒު ބޯޓުގެ ކެޕްޓަނާއި ބޯޓުގެ ދެ ކްރޫއިންގެ ފަރާތުން އެ މީހުން ދިރިއުޅޭ ގެތަކުގައި އުޅޭ މީހުންނަށެވެ.

"އައިސޮލޭޝަންގައި މީހަކު ބަހައްޓަން ޖެހިއްޖެއްޔާ ހޯމް އައިސޮލޭޝަންގައި އައިސޮލޭޓު ކުރަން ޖެހެނީ. އަޅުގަނޑުމެން ގޭގައި އެގޮތަށް އެކަހެރިވެލައިގެން ހުންނަން ބުންޏަސް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ ގޭގައި އެހެން އެކަހެރިވެގެން ހުރެވޭ ކަމަކަށް. ހަމަ ގޭގައި އެންމެންނާ އެކީގައި މި އުޅެނީ، ކުދި ކުދި ގޭގެ މި ހުންނަނީ،" މޫސަ ވިދާޅުވިއެވެ. "ޕޮޒިޓިވްވާ މީހުންވެސް ހަމަ އެހެން ފެސިލިޓީތަކަށް ގެންދެވެންދެން އެ ތިބެނީ ގޭގައި،"

ރައްޔިތުންގެ ފަރުދީ ޒިންމާ އަދާ ކުރޭ

ހަ ސަތޭކަ ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ ނަރުދޫގެ ރައްޔިތުން އެޗްޕީއޭގެ އެންގުންތަކަށް ބޯލަނބައި ކަމާ ބެހޭ ފަރާތްކަށް އެއްބާރުލުންދޭ ކަމަށް މޫސަ ވިދާޅުވިއެވެ. މީގެ ކުރިން ދެތިން މީހަކު ނުުކުމެ އުޅޭ ކަމުގެ ޝަކުވާ ލިބުނަސް މިހާރު އެވެސް ބަޔަކު ނުކުމެ ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށުގެ ހުރިހާ މަގުތަކެއް މުޅި ރަށް އޮތީ އެއްކޮށް ފަޅުވެފައި. އަޅުގަނޑުމެން ދަރުމައަށް ގޭގައަށް ފޯރުކޮށްދޭން ޖެހޭ ތަކެތި ފޯރުކޮށްދޭން ކައުންސިލުން ނެެރެގެން އުޅޭ ދަރުމައަށް މަސައްކަތް ކުރާ ބޭފުޅަކު ފިޔަވައި އިތުރު އެއްވެސް މީހަކު މަގުމަތިން ނުފެންނާނެ. ހުރިހާ އެންމެން އެ ތިބީ ގެއަށް ވަދެ ގޭގައި މިވަގުތު. ވަރަށް ބަސް އަހާ ވަރަށް ކިޔަމަންތެރި ރައްޔިތުންކޮޅެއް އަޅުގަނޑުމެންނަށް ފާހަގަވެގެން ދަނީ،"

ށ. ނަރުދޫގެ މަގުތައް ފަޅުވެފައި: އެ ރަށުގެ ރައްޔިތުން ފަރުދީ ޒިންމާ އަދާ ކުރާ ކަމަށް ޓާސްކްފޯސްއިން ބުނޭ --

ސާމްޕަލް ނަގަންވެސް މިހާތަނަށް އެއްވެސް މީހަކު ދެކޮޅު ނަހަދާ ކަމަށް މޫސަ ވިދާޅުވި އެވެ.

"ހަމަ ވަރަށް ރަނގަޅު. އެކަމުގައި އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ހަމަނުޖެހުމެއް ނުހިނގާ. ސާމްޕަލްއަކަށް ބޭނުންވާ ކޮންމެ ފަރާތެއްގެ ސާމްޕަލްވެސް ބަރާބަރަށް ނެގޭ،" މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރަށުގެ ހެލްތު ސެންޓަރަށް ބޭނުންވާ ވަރަށް މާސްކާއި އަންގިއާއި އެހެނިހެން ތަކެތި އެބަ ހުރި ކަމަށެވެ. އަދިވެސް އިތުރަށް ރައްކާތެރިކަމުގެ ސާމާނު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އަތޮޅު ކައުންސިލުް މާސްކާއި އަންގި އާއި ސެނިޓައިޒަރު ފަދަ ތަކެތީގެ އިތުރުން 11،000 ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވެލާ ރިސޯޓުންވެސް މާސްކު ފަދަ ތަކެތި ހަދިޔާ ކުރާނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ހެލްތު މިނިސްޓްރީއިން 10،000 ރުފިޔާ ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް