ކޮވިޑް19ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދުވަސްވަރު، އެކަކު އަނެކަކުގެ ކިބައިން މި ވަނީ ހިތްވަރު ލިބިގަންނަން ޖެހިފަ އެވެ. އެކަކު އަނެކަކަށް އެހީވެ އަޅާލާން ޖެހެ އެވެ. އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމުގައި ބ. ހިތާދޫ ރައްޔިތުން މިވަނީ ނަމޫނާ ދައްކުވައިދީފަ އެވެ.
މިހާރު ކަރަންޓީން ފެސިލިޓީއެއް ގޮތުގައި ބޭނުންކުރަމުންދާ އެ އަތޮޅުގައި އޮންނަ ރޯޔަލް އައިލެންޑް ރިސޯޓުގައި ތިބި މީހުންގެ ތަރާވީހުގެ ސުފުރާމަތި ފުރާލީ ކިހާދޫގައި ތައްޔާރުކުރި މީރު ރަހަތަކުންނެވެ. މީރު ފަނިތަކާއި ހެދިކާގެ އެކި ބާވަތްތަކުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަނީ ފަސް ލީޓަރުގެ ހުސް ފުޅިތަކުގައި ހުރި އެކި ވައްތަރުގެ ފަންޏާއި ޕާރުސަލް ތަށިތަކަށް އަޅާފައި ހުރި ހެދިކާތަކެވެ.

ހިތާދޫ ރައްޔިތުން ރޯޔަލް އައިލެންޑަށް އިއްޔެ ތަރާވީސް ދަމަށް ފޮނުވި ކާބޯތަކެތި-- ފޮޓޯ/އަދުހަމް
ހިތާދޫއިން މިކަމުގައި އުޅުނު ޝިފާނާ "ސަން"އާ ވާހަކަ ދައްކަމުން ބުނީ ފުރަތަމަ އުޅުނީ ރޯދަ ވީއްލުމެއް ތައްޔާރުކުރަން ކަމަށާއި ނަމަވެސް އިއްޔެ ރޯދަ ވީއްލުމަށް އެ ރިސޯޓުގައި ވަރަށް ގިނަ ތަކެތި ތައްޔާރުކުރާތީ ތަރާވީހަކަށް ބަދަލުކޮށްލީ ކަމަށެވެ.
"ގާތްގަނޑަކަަށް ރަށުގެ 30 ވަރަކަށް ގެއިން އަންހެނުންނާއި ފިރިހެނުން މިކަމުގައި އުޅުނީ. ރަށުން ބޭރުގައި ތިބި ރަށުގެ ކުދިން ވެސް ފައިސާ ޑޮނޭޓުކުރި މިކަމަށް." ޝިފާނާ ބުންޏެވެ. "ގާތްގަނޑަކަށް 296 މީހުންގެ ކެއުން އެއީ. ކަރަންޓީނު ފެސިލިޓީގައި ތިބި މީހުންނާއި އެމީހުންނަށް ހިދުމަތްކުރަން ތިބޭ ސިފައިންނާއި ރިސޯޓުގައި މިވަގުތު ތިބި ރޯދަ ހިފާ އެންމެންނަށް ވާ ވަރަށް."
މިއީ އެއްވެސް ފަރާތަކުން އެދިގެން ހިތާދޫ ރައްޔިތުން ކޮށްދިން ކަމެއް ނޫނެވެ. ޝިފާނާ ބުނީ ރޯޔަލް އައިލެންޑުގެ އިސް ބޭފުޅަކަށް ގުޅައި އެއްވެސް ކަމަކަށް ދަތިވޭތޯ ބެލި ކަމަށެވެ. ނަމަވެސް އެރަށުގައި ހުރިހާ ކަމެއް ވެސް ފުރިހަމަވެފައި ހުރުމުން މިއީ ހިތާދޫ ރައްޔިތުންގެ ފަރާތުން ދިން ހަދިޔާއެއް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު އެކޮޅުގައި ހުންނެވި އިސް ބޭފުޅަކަށް ގުޅައިގެން އެހީމަ ބުނީ އެކޮޅުގައި [ކަރަންޓީން ފެސިލިޓީގައި] ދަތިވާ އެއްވެސް ކަމެއް ނުހުންނާނޭ. ދެން އެބޭފުޅުންނަށް ދަތިވާނެތީ އެގޮތަށް ބަލާފަ ކުރި ކަމެއް ނޫން. އަޅުގަނޑުމެން ހަމަ ދިން ހަދިޔާއެއް މިއީ." ޝިފާނާ ބުންޏެވެ.

ހިތާދޫ ރައްޔިތުން ރޯޔަލް އައިލެންޑަށް އިއްޔެ ފޮނުވި ތަރާވީސް ޕެކޭޖު-- ފޮޓޯ/އަދުހަމް
ހިތާދޫ ކައުންސިލަރު އަންވަރު މުހައްމަދު ވިދާޅުވީ މިތަކެތި ހަވާލުކުރުމުގައި ވެސް ގައިދުރުކުރުމާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތަކަށް އަމަލުކޮށްފައިވާނެ ކަމަށެވެ. އެތަކެތި ބަލާ އައީ ރޯޔަލް އައިލެންޑުގެ ދޯންޏެއް ކަމަށާއި ތަކެތި ބަހައްޓާފައި ހުންނާނީ ޖެޓީ މަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތާދޫއިން މި ފެނުނީ އާދަޔާހިލާފު ކަމެއް ނޫނަސް މި ދުވަސްވަރު ވަރަށް ނުފެންނަ ކަމެކެވެ. ހާސްކަންބޮޑު މި ދުވަސްވަރު ހިތާދޫ ރައްޔިތުންގެ ފަރާތުން މި ފެނުނީ އެހީތެރިކަމާއި އޯގާތެރިކަމުގެ ލާމަސީލު މިސާލެކެވެ. މިފަދަ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާއިރު ވެސް އެހެން މީހުންނަށް އެހީއެއް ވެވިދާނެކަން ހިތާދޫ ރައްޔިތުން ބުނެދީފި އެވެ.