މިއީ އެތެރެހަށީގެ ވަކިކަހަލަ ތަހުލީލުތަކެއް ކުރުމަށްޓަކައި އަނގަ ނުވަތަ ފުރަގަސްފަރާތު ދޮރު ނުވަތަ އެނޫންވެސް ހަށިގަނޑުގެ ހުޅުވިފައިވާ ތަނެއްގެ ތެރެއިން ހަށިގަނޑުގެތެރެއަށް، އެކަމަށް ހާއްސަ އާލާތެއް (އެއްކޮޅުގައި ކެމެރާއެއް ހަރުކޮށްފައިވާ ހޮޅިއެއް) ލައްވައިގެން ކުރެވޭ ކަމެކެވެ.[1] އެންޑޮސްކޮޕީ ހެދުމުން ރޯދަ ގެއްލުމާމެދު ޢިލްމުވެރީންގެ ދެރައުޔެއްވެއެވެ.
ފުރަތަމަ ރައުޔު
އެންޑޮސްކޮޕީއަކީ ޒަމާނީ މައްސަލައެއްކަމުން، އިހުގެ ފިޤުހު ފޮތްތަކުގައި ސީދާ "އެންޑޮސްކޮޕީ" ގެ ވާހަކައެއް ނުހުންނާނެއެވެ. އެހެންނަމަވެސް މިއާ ވަރަށް އެއްގޮތްކަމެއްކަމަށްވާ، ރޯދައަށް ހުރެ ބަނޑުތެރެއަށް އެއްޗެއް ދިރުވައިލުމާބެހޭގޮތުން އިހުގެ ފިޤުހުގެވެރިން ވާހަފުޅު ދައްކަވާފައިވެއެވެ. ފުރަތަމަ ރައުޔުގެ ޢިލްމުވެރިން އެންޑޮސްކޮޕީއާބެހޭގޮތުން ވާހަކަ ދައްކަވަނީ އިހުގެ ޢިލްމުވެރިންގެ މި ބަސްފުޅުތަކަށް ބައްލަވައިގެންނެވެ.
އިހުގެ ގިނަ ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި، ރޯދައަށް ހުރި މީހަކު ގަސްތުގައި އޭނާގެ ބަނޑުގެތެރެއަށް އެއްވެސް އެއްޗެއް ދިރުވާލައިފިނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ. އެއީ ކެއުންބުއިމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އެނޫން އެއްޗެއްކަމުގައިވިޔަސް މެއެވެ. މިއީ ޙަނަފީންނާއި، ޙަންބަލީންނާއި، ޝާފިޢީންނާއި، އަދި މާލިކީންގެވެސް ރައުޔެވެ.[2] މިކަމުގައި ޙަނަފީން އިތުރުކަމެއް ޝަރުޠު ކުރެއެވެ. އެއީ ދިރުވައިލެވޭ އެތި ބަނޑުގެތެރޭގައި ރަނގަޅަށް އިސްތިޤުރާރު ވުމެވެ.[3] އެގޮތުން، ބަނޑުގެތެރެއަށް ދިރުވައިލެވޭ އެތީގެ އެއްވެސް ބައެއް ބަނޑުން ބޭރުގައި (އެބަހީ: ބަނޑުގެތެރޭގައި އެއްބައި، ހަށިގަނޑުން ބޭރުގައި އަނެއްބައި) އޮވެގެންނުވާނެއެވެ. ނުވަތަ ބަނޑުތެރޭގައި އޮތް އެތި، ހަށިގަނޑުން ބޭރުގައި އޮތް އެހެން އެއްޗަކާ ގުޅިފައި އޮތްނަމަ އެއީ ބަނޑުގެތެރޭގައި އޭތި އިސްތިޤުރާރުވެފައި އޮތުން ކަމަކަށް ނުބެލެވޭނެއެވެ.
އެންޑޮސްކޮޕީ ހެދުމުން ރޯދަ ގެއްލޭނެކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލުތަކާއި އޭގެ ރައްދު:
1. ރޯދައަށް ހުރެ އަނދުން އެޅުމާ ދުރުހެލިވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވިއެވެ.[4] އެއީ އަނދުނުގެ މިންވަރެއް (ނުވަތަ އޭގެ އަސަރު) ލޮލުގެތެރެއިންލާފައި ބަނޑުގެތެރެއަށް ހިނގައިދާނެކަމަށްޓަކައެވެ. އަނދުނަކީ ކެއުންބުއިމުގެތެރޭގައި ހިމެނޭ އެއްޗެއްނޫނެވެ.
ރައްދު: ރޯދައަށް ހުރެ އަނދުން އެޅުމާބެހޭގޮތުން ގެނެސްފައިއެވާ ހަދީސަކީ ޟަޢީފު (ބަލިކަށި) ހަދީސެކެވެ.
2. ރޯދައަށްހުރެ ކެއުންބުއިމަކީ ޙަރާމްކަމެއްކަމަށް އައިސްފައިވާ ހުރިހާ ދަލީލުތަކެއްވެސް ރޯދައަށްހުރެ އެންޑޮސްކޮޕީ ހެދުމުން ރޯދަ ގެއްލޭނެކަމަށް ދަލީލުކުރެއެވެ.[5]
ރައްދު: މިއީ ވާހަކަ ދެކެވޭ ކަންތަކާ ޚިލާފަށް ގެނެވިފައިވާ ދަލީލެކެވެ. އެހެނީ މިތަނުގައި ޚިލާފު އުފެދިފައިވަނީ އެންޑޮސްކޮޕީ ހެދުމަކީ ކެއުންބުއިމުގެ މާނައިގައި ހިމެނޭ ކަމެއްތޯ ނުވަތަ ނޫންތޯއާމެދުގައެވެ.
3. ރޯދައަށް ހުރުމަކީ ބަނޑުގެތެރެއަށް އެތެރެވެދާނެ އެންމެހައި ތަކެތީން ދުރުވެގެން ހުރުމެވެ. އެންޑޮސްކޮޕީ ހެދުމަކީ މިއާ ޚިލާފު ކަމެކެވެ. މިސާލަކަށް މީހަކު ހިލަކޮޅެއް ދިރުވާލިކަމުގައިވިޔަސް އެއީ "ކެއުމުގެ" މާނައިގައި ހިމެނޭ ކަމެކެވެ.[6]
ރައްދު: މި މައްސަލައިގައި ބަނޑުތެރެއަށް އެތެރެ ކުރެވުނު އެއްޗާއި، ރޯދައަށް ހުރިމީހާގެ ބަނޑުތެރެއަށް އެތެރެނުކުރެވޭނެ އެއްޗާ ގުޅުމެއް ހުންނަންޖެހެއެވެ. ބަހުސްގެ މައުލޫއަކީ މިއެވެ. ބަހުގެ އަހުލުވެރީންގެ ގާތުގައި "الأَكْلُ" ގެ މާނައަކީ އެއެއްޗެއް އަނގައިގެތެރެއަށްލައި ހެފުމުން ކުދިކުދިވެ ކާނާއަށް ބަދަލުވާ ތަކެއްޗެވެ. މިސާލަކަށް މީހަކު ޖަވާހިރެއް ދިރުވައިލުން އެއީ ކެއުން ބުއިމުގެ މާނައިގައި ހިމެނޭ ކަމެއްނޫނެވެ.[7]
ދެވަނަ ރައުޔު:
އެންޑޮސްކޮޕީ ހެދުމުން ރޯދަ ގެއްލުމާމެދު ވާހަކަ ދައްކަވާއިރު މިޒަމާނުގެ ޢިލްމުވެރީން، އެންޑޮސްކޮޕީ ހެދުން ދެބަޔަކަށް ބައްސަވައެވެ. އެއީ އެއްވެސްކަހަލަ އިތުރު މާއްދާއަކާ ނުލައި އެންޑޮސްކޮޕީ ހެދުމަށް ބޭނުންކުރާ އާލާތް (ކެމެރާ ހަރުކޮށްފައިވާ ހޮޅި) އެކަނި ހަށިގަނޑުގެތެރެއަށް ވެއްދުމާއި، އިތުރު މާއްދާއަކާއެކު (މިސާލަކަށް: އައްސިކުރުމަށްޓަކައި ނުވަތަ ހޮޅި ލެއްވުމަށް ފަސޭހަކުރުމަށްޓަކައި ކަރުތެރެއަށް ބޭހެއް ފޮނުވައިލުމަށްފަހު) ހަމަ މިއާލާތް ހަށިގަނޑުގެތެރެއަށް ވެއްދުމެވެ.
އިސްވެ ބުނެވުނު ދެހާލަތުގެތެރެއިން ފުރަތަމަ ހާލަތުގައިވާގޮތަށް އެންޑޮސްކޮޕީ ހެދިޔަސް ރޯދައެއް ނުގެއްލޭނެކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. އެހެންނަމަވެސް ދެވަނަ ޙާލަތުގައިވާ ފަދައިން އެކަން ކޮށްފިނަމަ ރޯދަ ގެއްލޭނެއެވެ. އެއީ އެއެއްޗަކުން ހަށިގަނޑަށް ފައިދާއެއް ގެނެސްދޭ އެއްޗެއް މަޢިދާގެތެރެއިން ހަށިގަނޑަށް އެތެރެވާކަމަށްޓަކައެވެ. އަދި އެއީ އެއިން ލިއްބައިދޭ ފައިދާ ކިތަންމެ ކުޑަކަމުގައިވިޔަސް މެއެވެ.[8] މިގޮތަށް ވިދާޅުވާ ޢިލްމުވެރީންގެތެރޭގައި: ابن عثيمين [9]، مختارالسلامي [10]، عبدالله بن محمدالحمادي [11] ހިމެނިވަޑައިގަންނަވައެވެ. އަދި مجمع الفقهي[12] ގެ ނިންމެވުމަކީވެސް މިއެވެ.
ދެވަނަ ރައުޔުގައި ބުނެވުނު ދެޙާލަތުގައިވެސް ރޯދަ ގެއްލޭނެކަމަށް މިޒަމާނުގެ ބައެއް ޢިލްމުވެރިން ވިދާޅުވޭ:
ބުނެވިދިޔަ ދެގޮތަށްވެސް އެންޑޮސްކޮޕީ ހަދައިފިނަމަ، އެއްވެސް އިސްތިސްނާއެއްނެތި ރޯދަ ގެއްލޭނެކަމަށް ވިދާޅުވާ މިޒަމާނުގެ ޢިލްމުވެރީންގެ ތެރޭގައި وهبة الزحيلي[13] އާއި حسان شمسي باشا[14] ހިމެނިވަޑައިގަންނަވައެވެ. މިބޭފުޅުން ވިދާޅުވާގޮތުގައި އެންޑޮސްކޮޕީގެ ކޮންމެ ވައްތަރެއް ހެދިކަމުގައިވިޔަސް، މަޢިދާގެތެރެއިން އެއްޗެއް ވެއްދޭކަމަށްޓަކައި ރޯދަ ގެއްލޭނެއެވެ.
އެންމެ ރަނގަޅުކަމަށް ބުރަވެވޭ ރައުޔު:
އެންޑޮސްކޮޕީ ހެދުމުން ރޯދަގެއްލޭނެކަމަށާއި އަދި ރޯދަނުގެއްލޭނެކަމަށް ވިދާޅުވެ ދެފަރާތުން ދައްކަވާފައިވާ ވާހަކަތަކާއި ގެންނަވާފައިވާ ދަލީލުތަކާއި އަދި މިޒަމާނުގެ ޑޮކްޓަރީ އުޞޫލުތަކަށް ބަލާއިރު ބޮޑަށް ބުރަވެވެނީ ދެވަނަ ރައުޔަށެވެ.
ފުރަގަސްފަރާތުން ހޮޅި ލައްވައިގެން އެންޑޮސްކޮޕީ ހެދުން
މި މައްސަލައިގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މަޖުމަޢުލްފިޤުހީގެ ގިނަ ޢިލްމުވެރީންނާއި[15] ، حسان شمسي باشا[16] ދެކެވަޑައިގަންނަވާ ގޮތުގައި ފުރަގަސްފަރާތުން ހޮޅި ލައްވައިގެން އެންޑޮސްކޮޕީ ހެދުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެހެންނަމަވެސް محمد البار[17] ވިދާޅުވާ ގޮތުގައި އެފަދަ މީހާގެ ރޯދަ ގެއްލޭނެއެވެ. މި މައްސަލައިގައި އެންމެ ރަނގަޅުކަމަށް ފެންނަނީ ފުރަތަމަ ރައުޔެވެ. އެހެނީ މިއީ ކެއުން ބުއިމާ އެއްގޮތް ކަމެއްނޫނެވެ. އަދި އެންޑޮސްކޮޕީ ހެދުމަށް ބޭނުންކުރާ އެއްޗަކުން އެއްވެސް މިންވަރެއް މަޢިދާގެތެރެއަކަށްވެސް ނުދާނެއެވެ.
[1] https://www.medicalnewstoday.com/articles/153737, (01/5/2020, 14:32).
[2] الزيلعي. عثمان بن علي بن محجن، تبيين الحقائق في شرح كنزالدقائق: 1/326.
[3] الكاساني: بدائع الصنائع 2/93.
[4] أبو داود 1/724، أحمد 3/499 ، الطبراني في الكبير 20/341، وهوحديث منكر، استنكره ابن معين وأحمد، انظر مسائل أبي داود، ص: 298، وشرح العمدة لشيخ الإسلام - الصيام، 1/289.
[5] الشرح الكبير: 7/411.
[6] هيتو، محمد حسن. فقه الصيام، ص: 77.
[7] الفيومي. أحمد بن محمد بن علي، المصباح المنيرفي غريب الشرح الكبير للرافعي، ص: 7.
[8] الحمادي: تبصرة الأنام بأهم مسائل الصيام، ص : 239 – 240.
[9] ابن عثيمين: شرح الممتع، 6/233.
[10] السلامي. محمد المختار، المفطرات في مجال التداوي، ص : 30.
[11] الحمادي: تبصرة الأنام بأهم مسائل الصيام، ص : 139.
[12] مجلة مجمع الفقه الإسلامي، الدورة العاشرة، ج 2/465.
[13] مجلة مجمع الفقه الإسلامي، الدورة العاشرة، ج 2/465.
[14] باشا. حسان شمسي، التداوي والمفطرات، ص : 133.
[15] مجلة المجمع : ج 2/465.
[16] باشا: التداوي والمفطرات، ص : 133.
[17] البار: المفطرات في مجال التداوي، ص : 92.