ކޮވިޑް19 އާ ގުޅިގެން އަލީބާބާގެ ކުރީގެ ޗެއާމަން އަދި ޗައިނާގެ ވިޔަފާރިވެރިޔާ ޖެކް މާ، ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ސަމާނު ހިފައިގެން ފްލައިޓެއް މިއަދު ރާއްޖެއަށް ދަތުރު ފަށާފައިވާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި އޭޝިއާގެ ބައެއް ގައުމުތަކަށް އެހީދޭނެ ކަމަށް ޓުވިޓާ މެދުވެރިކޮށް ޖެކް މާ އިއުލާނު ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
ޖެކް މާގެ އެހީގެ ސާމާނުގެ ތެރޭގައި ގިނަ އަދަދަކަށް މާސްކާއި ކޮރޯނާވައިރަސް ޓެސްޓް ކިޓުތަކާއި ވެންޓިލޭޓަރާއި އެހެނިހެން އެމަޖެންސީ ސަޕްލައިސް ހިމެނެއެވެ.
ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖެކް މާގެ އެހީ އިއުލާނު ކުރުމާއެކު ޗައިނާ އެމްބަސީން ވެސް އެކަމުގައި އެއްބާރުލުން ދޭން ފަށާފައިވާ ކަމަށެވެ. އަދި ޗައިނާ ސަރުކާރުންނާއި އެމްބަސީގެ އިތުރުން އިތުރު ހަ ފަރާތަކުން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"ރަނގަޅު ކަންކަން ވާން ކެތްތެރިކަން ބޭނުންވޭ،" ސަފީރު ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުންނާައި ޗައިނާގެ އަމިއްލަ ފަރާތްތަކުން ދޭ އެހީ ރާއްޖެ ނުގެނެވި ލަސްވެފައި ވަނީ ޓްރެވަލް ރެސްޓްރިކްޝަންތަކާ ގުޅިގެން ކަމަށް ސަފީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް އެތަކެއްޗަށް ބޭނުންޖެހިއްޖެ ނަމަ، ޗައިނާއިން ފްލައިޓެއް ފޮނުވާނެކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.