އެމެރިކާއިން އިކޮނޮމިކް ސަޕޯޓް ފަންޑިންގެ ގޮތުގައި ރާއްޖެއަށް 2 މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ)ގެ އެހީއެއް ދީފިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާއިން ރާއްޖެއަށް 2 މިލިއަން ޑޮލަރުގެ އެހީއެއް ދިންކަން ހާމަކުރައްވައިފައެވެ. އެކަމަށްޓަކައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އަށާއި، އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
އޭގެ އިތުރުން ކޮވިޑް-19 ޕެންޑެމިކުން އަރައިގަތުމަށް ރާއްޖެއަށް އެފަދަ އެހީތެރިކަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނި ގޮތުގައި އެ ގައުމުން ރާއްޖެއަށް ދޭ އެހީގެ ތެރޭގައި ސަރުކާރަށާއި ޕްރައިވެޓް ސެކްޓާއަށް އަދި މާލީ އިދާރާތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
2004 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެމެރިކާއިން ރާއްޖެއަށް 30 މިލިއަން ޑޮލަރުގެ އެހީ ދީފައިވާކަން ސްޓޭޓް ޑިޕާޓްމެންޓުން ފާހަގަކޮށްފައިވެއެވެ.
އެމެރިކާއިން ރާއްޖެއަށް 2 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާއިރު އިއްޔެ ޖަޕާނުން ވަނީ ރާއްޖެއަށް 8.4 މިލިއަން ރުފިޔާގެ އެހީ ދީފައެވެ. އެ ފައިސާ ބޭނުން ކުރަން ނިންމާފައި ވަނީ މެޑިކަލް އިކުއިޕްމެންޓާއި ބޭސް ގަތުމުގެ އިތުރުން އޮންލައިން ކްލާސްތައް ބާއްވާށެވެ.