ދެލޮނު ގިތި: ތި ރަށުގައި ކިޔަނީ ކޮން ނަމެއް؟

މިއަދުގެ ސަން ބަދިގޭގެ ރެސިޕީ ވަރަށް ހާއްސައެވެ. މިހާތަނަށް މި ބަދިގެއިން ގެނެސްމިދޭ ރެސިޕީތަކަކީ ކުޅުދުއްފުށިން ބައިވެރިވާ އާމިނަތު ލިއުޝާގެ ރެސިޕީތަކަކަށްވާއިރު، މިއަދު އިތުރު ފުރިހަމަކަމެއް މި ލިބެނީ ތަފާތު އަދި މީރުވާނޭ ދިވެހިވަންތަ ރެސިޕީއެކެވެ. ކުޅުދުއްފުއްޓަށް ހާއްސަ ރެސިޕީއެކެވެ.

މިއަދުގެ ރެސިޕީގެ ނަމަކީ "ދެލޮނު ގިތި"އެވެ. ބަނބުކޭލުން ހަދާ ދެލޮނު ގިއްޗަކީ މިރަށަށް ވަރަށް ހާއްސަ ކެއުމަކަށްވާއިރު، އާންމުކޮށް މިއާ އެކުގައި ކުޅުދުއްފުށީގައި ކައިއުޅެނީ ފެން ބަތްކަމަށް ލިއުޝާ ބުނެއެވެ. މި ކެއުމަށް "ފެން ބަތާ ބަނބުކޭލާ"އޭވެސް ކިޔައެވެ.

ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައިވެސް ދެލޮނު ގިތި ހަދައިގެން ކައި އުޅެއެވެ. ނަމަވެސް އެކި ރަށްރަށުގައި ކިޔާ ނަންތައް ތަފާތުވެސް ވެދާނެއެވެ. ބަނބުކެޔޮ ހިތި، ނުވަތަ ބަނބުކެޔޮ ރިހައޭވެސް ކިޔާފާނެއެވެ. ތި ރަށުގައި މި ޑިޝްއަށް ކިޔަނީ ކޮން ނަމެއް ހެއްޔެވެ؟

ބޭނުންވާ ތަކެތި

  • 1 ބަނބުކެޔޮ
  • ވަޅޯމަސް ކިބައެއް
  • ގިތެޔޮ މިރުސް
  • ހިކަނދިފަތް
  • ރާނބާފަތް
  • 1 ފިޔާ
  • 4 ލޮނުމެދު
  • ލޮނު
  • އަޖިނަމޮޓޯ (އޮޕްޝަނަލް)
  • 1 ކާށީގެ ބޯކިރު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބަނބުކެޔޮ ތުނިކޮށް ފޮތިކޮށް ކޮށާލާށެވެ. ދެން ތެއްޔަކަށް އެ އަޅާލުމަށްފަހު ފިޔާ، ލޮނެމުދު ކޮށާލާފައި އަޅާލުމަށްފަހު އޭގެތެރެއަށް ހިކަނދި ފަތާއި ރާނބާފަތް ކޮޅު އަދި ވަޅޯމަސް ކޮޅުވެސް އަޅާލާށެވެ.

ކިރުފެލާ އިރުގައި 3 ފަހަރަށް އެ ފެލާލާނީ މަދުފެންފޮދަކުންނެވެ. ފުރަތަމަ އެ ލިބޭ ބޯ ކިރު ފޮދު ވަކިން ތައްޓަކަށް އަޅާފަ ބެހެއްޓުމަށްފަހު ދެން އެލިބޭ ފެން ކިރު ފޮދު ފުރާނާލާނީ ތެއްޔަށެވެ. ހެޔޮވަރަށް ބަނބުކެޔޮ ކޮޅު ފޮރުވޭ ވަރަށް ފެންކިރު ފުރާލުމަށްފަހު ދެން އުނދުން މައްޗަށް ލާފައި މަޑުވެލަންދެން އިރުކޮޅަކު ބަހައްޓާލާށެވެ.

މަޑުވާންފެށުމުން ބަނބުކެޔޮތައް ރީތިކޮށް އޭގެ ތެރެއަށް އުނދުލިން ފިއްތާ ޗަސްކޮށްލަންވާނެއެވެ. އެޔަށް ފަހު ލޮނު އަދި އަޖިނަމޮޓޯ އަޅާލާފަ ޗަސްކޮށްލުމަށްފަހު އަނެއްކާވެސް މަޑު ގިނީގަ ބަހައްޓާލާށެވެ. ބަނބުކެޔޮތައް ޗަސްކޮށްލީމާ ފެންގަނޑު ކުޑަކޮށް ހިނދި އޮލަ ވާނެއެވެ. އޮލަ ވާން ހެދީމައި އެއްކަލަ ބޯ ކިރު ފޮދު އަޅާލާށެވެ. ކުޑަކޮށް ކެކި ލެއްވީމަ ސާރވް ކޮށްލާށެވެ.

comment ކޮމެންޓް