ހޮރައިޒަން ފިޝަރީޒުން ވިއްކާ މާންދޫ މަސް ބްރޭންޑްގެ އުފެއްދުންތައް، "މޫލީ" މެދުވެރިކޮށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ހޮރައިޒަން ފިޝަރީޒުން ބުނީ، މިއީ މިހާރު ދިމާވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށާއި، އެނިންމުމުގެ ބޭނުމަކީ ޖިސްމާނީ ގައިދުރުކަމަށް ފުރުސަތު ދިނުން ކަމަށެވެ.
މި އިންތިޒާމް ހަމަޖައްސާފައި ވަނީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ޗާންދަނީ މަގުގައި ހުންނަ ހޮރައިޒަންގެ "ސީފުޑް ޕްލަސް" ފިހާރައިން ލިބެންހުރި އުފެއްދުންތަކަށް، މޫލީ އެޕް މެދުވެރިކޮށް އޯޑަރު ކުރެއްވޭނެ ކަމަށް ހޮރައިޒަން އިން ބުންޏެވެ.
އޯޑަރު ދިނުމުން ކަސްޓަމަރަކު ބޭނުންވާ ތަނަކަށް މުދާ ފޯރުކޮށްދޭނެއެވެ.
މިދަނޑިވަޅުގައި ހޮރައިޒަން ފިޝަރީޒްގެ އުފެއްދުންތައް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމުގައި މޫލީގެ ފަރާތުން ވެދޭ އެހީތެރިކަމަށް ހޮރައިޒަން އިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އިގްތިސޯދަށް އަންނަމުންދާ ބަދަލުތަކާއެކުވެސް ރަމަޟާން މަހާ ދިމާކޮށް މަސް ދަޅަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް ހޮރައިޒަން ފިޝަރީޒުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ރަމަޟާން މަހާ ދިމާކޮށް އެކުންފުނިން ވިއްކާ މާންދޫ ދަޅު މަހުގެ އުފެއްދުންތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.
އުރީދޫ އެޕް މެދުވެރިކޮށް މާންދޫ މަހުގެ އުފެއްދުންތަކަށް މިހާރު އޯޑަރު ދެވޭނެއެވެ.