ބިދޭސީންގެ ތޮއްޖެހުމަށް ލޮކްޑައުންގައި ހައްލެއް ހޯދަނީ

ގިނަ އަދަދެއްގެ ބިދޭސީން އެއް ތަނެއްގައި ދިރިއުޅޭ "ގެސްޓްހައުސް"އެއްގެ އެތެރެ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު އިތުރު ކުރި ސަބަބުތަކުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ތޮއްޖެހިގެން ދިރިއުޅޭ މައްސަލައަށް ހައްލެއް ހޯދުން ހިމެނޭ ކަމަށް ނޭޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ބުނެފި އެވެ.

މިރޭ އެންއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ލޮކްޑައުންގެ ހާލަތު އިތުރު ކުރުމުގައި ޓެގް ޓީމުން ދެ ކަމަކަށް ވިސްނާފައިވާ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ކްސަސްޓާތައް ކޮންޓެއިންކޮށް ޑައިރެކްޓު ކޮންޓެކްޓުން މަދުކުރުން ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކީ އަޅުގަނޑުމެންގެ ތެރެއިން ފެންނަން މި ހުރި ކްސަސްޓާތަކުގެ ޑައިރެކްޓް ކޮންޓެކްޓްސް ގޮތުގައި އަދިވެސް ފެންނަނީ ގިނަ ޕޮޒިޓިވްވާ ކޭސްތައް. އެހެންވީމަ ކްލަސްޓާތައް ކޮންޓެއިން ކުރެވިއްޖެއްޔާ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މި ކަމުން ލުއި މަގެއް ފެނިދާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވާތީވެ،" މަބުރޫކް ވިދާޅުވި އެވެ.

ދެވަނަ ސަބަބަކީ، ބިދޭސީ މަސައްކަތްތެރިން ތޮއްޖެހިގެން އުޅޭ މައްސަލައަށް ހައްލެއް ހޯދަން އިތުރު ކަންކަން ރާވައި އެ މަސައްކަތް ލޮކްޑައުންގެ މުއްދަތުގައި ކުރަން ބޭނުންވާތީ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

"ދެވަނަ ކަމަކީ މާލޭގައި މި އޮތް ކޮންޖެސްޝަން، މަސައްކަތްތެރިންނާއި އަދި އެހެނިހެން ގޮތްގޮތުން މި އޮތް ތޮއްޖެހުން މަދު ކުރުމަށް އިތުރު މަސައްކަތްތަކެއް ރާވައި އެ މަސައްކަތްތައް މި ލޮކްޑައުންގެ ޕީރިއަޑުގައި ހިންގުމަށް އެ ބޭފުޅުން ގަސްތު ކުރާތީ ލޮކްޑައުންގެ ޕީރިއަޑް މިވަނީ އިތުރުކޮށްފައި،" މަބްރޫކު ވިދާޅުވި އެވެ.

މިއަދުވެސް އެއް ތަނެއްގައި ދިރިއުޅޭ 95 ބިދޭސީއަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެ އެވެ.

ގިނަ އަދަދެއްގެ ބިދޭސީން އެއް ތަނެއްގައި ދިރިއުޅޭ 23 ތަނެއް މިހާރުވެސް މޮނިޓަރިންގެ ހާލަތުގައި އެބަ އޮތް ކަމަށާއި، އޭގެ އިތުރުން އެހެން ތަންތަންވެސް ފާހަގަކުރެވިފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ. އަދި އެ ތަންތަނުގައި އުޅޭ މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް