ލަފާކުރި އަދަދަށް ވުރެ ކޭސްތައް މާގިނަ، 396 އަށް އަރައިފި

ކޮވިޑް-19އަށް ރައްކާތެރިވުމަށް ހިންގި ތަންރީންތަކެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް-19އަށް އިތުރު ތިން މީހަކު ޕޮޒިޓިވްވެ، މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 119 އަށް އަރައިފި އެވެ. މިހާތަނަށް ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު މި ވަނީ، 396 އަށް އަރައިފި އެވެ.

މިއީ އެންއޯއީސީއިން ލަފާކޮށް އެކުލަވާލި އަންދާޒާތަކަށް ވުރެ މާ މަތީ އަދަދެއްކަން މިރޭ ޕްރެސްގައި އާންމުކުރި ގްރާފްތަކުން ދައްކަ އެވެ.

މިއަދު އެންމެ ފުރަތަަމަ ޕޮޒިޓިވްވީ 95 ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ 61 ބަންގްލަދޭޝް މީހުން 32 އިންޑިއާ މީހުން އަދި ނޭޕާލްގެ ދެ މީހެކެވެ. އެންއީއޯސީއިން މިއަދު ބުނި ގޮތުގައި އެ އެންމެންވެސް އުޅެމުން ދިޔައީ އެއް ތަނެއްގަ އެވެ.

އެ ފަހުން މިއަދު 11 މީހަކު ޕޮޒިޓިވްވިކަން އެޗްޕީއޭއިން ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހިންނާއިި ދެ ބަންގްލަދޭޝް މީހުންނެވެ.

އެހެންކަމުން، ފަހުން ހާމަ ކުރި ތިން ކޭސްއާ އެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 119އަށް އަރައިފަ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާކަމަށް ބެލެވޭ ކަމަށެވެ. އެއީ މިހާރު ޕޮޒިޓިވްވެފައި ތިބި މީހުންގެ ކޮންޓެކްސް ގިނަ ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިންވެސް އެކްސްޕެކްޓު ކުރި ގޮތަށް އަޅުގަނޑުމެންގެ ކާވް މިދަނީ މައްޗަށް އަރަމުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ. "މިހާތަނަށް އަޅުގަނޑުމެންގެ ކޮންޓެކްޓްސްއަށް ބަލާލި ކަމަށް ވިޔަސް ކުރިއަށް އޮތްތަނުގައި އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު،"

އެންމެ ބޮޑު ކްލަސްޓާގެ ގޮތުގައި ޑރ. އަފްޒަލް ފާހަގަކުރެއްވީ ބާޒާރުމަތީ ކްލަސްޓާ އެވެ. މިއަދުވެސް ގިނަ މީހުން ޕޮޒިޓިވްވީ އެ ކްލަސްޓާއިން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ހުޅުމާލޭގެ ކޮވިޑް ވިލެޖްގެ ކްލަސްޓާވެސް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، މިއަދު ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގެ ލޮކްޑައުން އިއްޔެ އިތުރު 14 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ.

comment ކޮމެންޓް