ރޯދަ ދޫކޮށްލުން ހުއްދަވަނީ ކޮންބައެއް؟

އިސްލާމްދީނަކީ އެންމެ ލުއިފަސޭހަ ދީނެވެ. މިގޮތުން އަހަރެމެންގެ ހަތަރުވަނަ ރުކުން ކަމުގައިވާ ރޯދަ ހިފުމަކީވެސް އެކަމަށް ކެރިކުޅަދާނަކަން ލިބިގެންވަ ބައެއްގެ މައްޗަށް ފަރުޟުކުރެވިފައިވާ އަދި އެނޫން ބައެއް ފަރާތްތަކަށް އެކި ރުޚްސާތައް ނުވަތަ ލުއިތަކެއް ދެވިފައިވާ ކަމެކެވެ. މިފަދަ ކަންކަމަކީ ކޮންމެހެންވެސް އަހަރެމެންނަށް އެނގުން މުހިންމު މައުލޫމާތަކަށްވާއިރު، މިއަދު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މައުލޫމާތު ހިއްސާކުރައްވާފައިވަނީ މި މައުޟޫއަށެވެ.

މުސާފިރު (ދަތުރުވެރިޔާ): ރޯދަ ދޫކޮށްލުމަކީ ދަތުރުވެރިޔާއަށް މާތްﷲ ދެއްވާފައިވާ ލުޔެކެވެ. ފަހުން އެ ރޯދަ ހިފުމަކީ އޭނާގެ މައްޗަށް ވާޖިބެކެވެ. އެހެންނަމަވެސް ދަރުތުވެރިޔާ ރޯދަ ދޫކޮށްލަން ނުވަތަ އެ ރުޚްސާގައި އޭނަ ހިފަން ބޭނުން ނުވިއަސް އެއީ ހުއްދަ ކަމެކެވެ. ނުވަތަ އެއީ އިޚްތިޔާރު ދެވިފައިވާ ކަމެކެވެ.

ބަލި ޙާލުގަ އުޅޭ މީހާ: ހުން އައުން ނުވަތަ އެ ނޫންވެސް ވަގުތީ ބަލިކަމެއްގައި އުޅޭ މީހާއަށް، ފަހުން ރޯދަ ގަޟާކުރާ މަތިން އެ ރޯދަ ދޫކޮށްލެވިދާނެއެވެ.

އެހެންނަމަވެސް ދާއިމީ ބައްޔެއްގަ އުޅޭ މީހެއްނަމަ، އަދި ބަލިކަމުގެ ސަބަބުން ރޯދަ ނުހިފޭ ބަލި މީހުންނަށް (މިސާލަކަށް ކިޑްނީ ފެއިލްވުން، ޑައިލިސިސް ހަދަންޖެހޭ މީހެއް، ނުވަތަ ކެންސަރު ބަލި ޖެހިފައިވާ މީހެއް) އޮންނަނީ ދޫކޮށްލާ ކޮންމެ ރޯދައަކަށް މުއްދު ދިނުމެވެ. މާނައަކީ ފިދްޔަ ދިނުމެވެ. އެއީ ދޫކޮށްލާ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ.

ޙައިޟުވެރިޔާ އަދި ނިފާސްވެރިޔާއަށް: މިފަރާތްތަކަށް އޮންނަނީ ފަހުން ރޯދަ ޤަޟާކުރާގޮތަށް ރޯދަ ދޫކޮށްލުން ވާޖިބުވެކުރައްވާފައެވެ. އެމީހުންނަށް ރޯދަ ޤަޟާކުރުން އޮންނަނީ ދެން އަންނަ ރޯދަ މަހެއް އައުމުގެ ކުރިންނެވެ. ޝަޢުބާނު މަހުގަވެސް ރޯދަ ޤަޟާކުރެވިދާނެއެވެ. ހަމައެޔާއެކު، ރަމަޟާން މަހުގެ ރޯދަ ހުއްޓާވެސް ޝައްވާލު މަހުގެ 6 ރޯދަ ހިފިދާނެކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ.

މުސްކުޅިވެ ބަލިހާލުގައި ވާ މީހާ: މިފަދަ ފަރާތްތަކަށް މާތްﷲ ލުއި ދެއްވާފައިވާކަމަށް ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ. އެފަދަ ޙާލަތުގައި ކޮންމެ ދުވަހަކަށް މުއްދު ދޭންޖެހޭނެއެވެ. އޭނާއަށް ރޯދަ ހިފަން ކުޅަދާނަ ނުވާނަމަ ކޮންމެ ދުވަހަކަށް މިސްކީނުންނަށް ފިދްޔަ ދޭންޖެހޭނެއެވެ. އެހެންނަމަވެސް މުސްކުޅިވެގެން ގޮސް ވަރަށް މުސްކުޅިވެފައިވާ މީހާ އޭނާ ހަދާންވެސް ނުހުންނަ ހިސާބަށް ކަންތައްތައް ގޮސްފައި ހުންނަނަމަ އެފަދަ މީހަކަށް ރޯދަ ވާޖިބެއް ނުވާނެއެވެ. އެހެނީ ބުއްދި ސަލާމަތުން ހުރުމަކީ ރޯދަ ވާޖިބުވުމުގެ ޝަރުތެއްކަމުގައިވާތީއެވެ.

ކިރުމައި މީހާއާއި މާބަނޑު މީހާ: މިދެފަރާތައްވެސް ރޯދަ ދޫކޮށްލުންވަނީ ހުއްދަކުރައްވާފައެވެ. ނަމަވެސް އެ ރޯދަތައް ގަޟާކުރަންޖެހޭނެއެވެ. މިގޮތުން އެފަދަ ހާލަތުގައިވާ މީހާ، އޭނާ ރޯދަ ހިފުމުގެ ސަބަބުން ކިރިޔާވެސް ދަތިވާނަމަ ނުވަތަ ދަރިފުޅަށް ގެއްލުމެއް ވެދާނެކަމަށް ޑޮކްޓަރުން ބުނާނަމަ ނުވަތަ އޭނާއަށް ވަރުބަލި އިހްސާސުވާނަމަ އޭނާއަށް ރޯދަ ދޫކޮށްލެވިދާނެއެވެ.

މީގެ އިތުރުން ޑރ.ޝަހީމް އަލީ ސައީދު ފާހަގަކުރެއްވި ގޮތުގައި މިސްކީނުންނަކީ އެމީހުންނަށް ލިބޭ އެއްޗަކުން ނުފުދި އުޅޭ މީހުންނެވެ. ފިދުޔަދިނުމާއި ގުޅޭގޮތުން ކީރިތި ޤުރުއާނާއި ސުންނަތުގެ އޮންނަ ގޮތުގައި އެފަދަ މީހުންނަށް ޖެހެނީ ކާއެއްޗެހި ފޯރުކޮށްދިނުމަށެވެ. ނުވަތަ އެއަށްވުރެ މަސްލަހަތު ބޮޑީ އެމީހުނަށް ފައިސާ ދިނުން ކަމުގައި ވަނީނަމަ ބައެއް ފައިސާވެސް ދެވިދާނެ ކަމަށް ބައެއް އިލްމުވެރިން ބުނެފައިވެއެވެ. އެހެންނަމަވެސް ސުންނަތް ގޮތަކީ ކާއެއްޗެހި ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް