ހޯމަ އަދި ބުދައިގައި ބީއެމްއެލްއިން އަސާސީ ހިދުމަތްތައް ދޭނެ

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

އަންނަ މަހުގެ ހަތަރެއް އަދި ހަވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް އިން ދޭނީ ހަމައެކަނި އަސާސީ ހިދުމަތްތައް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސަރަހައްދު ލޮކްޑައުންކޮށް ބޭރަށް ނިކުތުން މަނާކޮށްފައި އޮތް ނަމަވެސް އަންނަ ހަފްތާގެ ހޯމަ އަދި ބުދަ ދުވަހު ކަސްޓަމަރުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ބޭންކުން ވަނީ ނިންމައިފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މި ދެ ދުވަހު ދޭނީ ރާއްޖެއިން ބޭރަށް ފައިސާފޮނުވުމާއި، މުވައްޒަފުންގެ މުސާރަ ޖަމާކުރުން (ޕޭރޯލް) ގެ ހިދުމަތުގެ އިތުރުން ލޯކަލް ބެންކް ޓްރާންސްޕާ އާއި އޭޓީއެމް އަށް ޖަމާކުރާ ޗެކްތައް ޕްރޮސެސް ކުރުމުގެ ހިދުމަތް ކަމަށެވެ.

އެގޮތުން އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ގެ ހިދުމަތް ހޯދުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް އީމެއިލް، [email protected] އަށް އީމެއިލް ކުރުމަށް ބޭންކުން އެދެ އެވެ. ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓާ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބޭންކުން ބުންޏެވެ.

ޕޭ ރޯލްގެ ހިދުމަތަށްވެސް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަަމަ، ހެނދުނު 11:00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތައްކަމަށް ބޭންކުން ބުންޏެވެ.

އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގް ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަމަށާއި
ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ޖަމަށް ބޭންކުން ބުންޏެވެ.

އަދި ހެނދުނު10:00 ގެ ކުރިން އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އާރްޓީޖީއެސް ޓްރާންސްފަ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި ހެނދުނު 11.30 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމްއާރްޓީޖީއެސް ޓްރާންސްފާ ރިކުއެސްޓްވެސް އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބޭންކުން ބުންޏެވެ.

މި ދެދުވަހު ހިދުމަތް ދޭނީ ހެނދުނު 9:30 އިން 12:00 އަށް ކަމަށާއި މި ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިިތަކުގެ ފަހުން ލިބޭ ރިކުއެސްޓުތައް ޕްރޮސެސްވާނީ ޖެހިގެން އަންނަ ދުވަހު ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ވަނީ އޭޓީއެމް އަށް ފައިސާ ޖަމާކުރެވޭ އަދަދު ވެސް އިތުރުކޮށްފައެވެ. އެގޮތުން އާންމުންނަށް ދުވާލަކު އެއްލައްކަ ރުފިޔާ، ވިޔަފާރިތަކަށް ދުވާލަކު ފަސް ލައްކަ ރުފިޔާ އޭޓީއެމް މެދުވެރިކޮށް އެކައުންޓަށް ޖަމާކުރެވޭނެއެވެ.

މި ހާލަތުގައި ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ

comment ކޮމެންޓް