ޓެނިސް މުބާރާތްތައް އަވަހަށް ނުފަށަން މުރޭ ގޮވާލައިފި

ވިމްބަލްޑަން ޓެނިސް މުބާރާތް މުރޭ ކާމިޔާބް ކުރުމަށް ފަހު ޓްރޮފީ ހިފައިގެން --- ފޮޓޯ: އޭޕީ

މިއަހަރަށް ތާވަލުކޮށްފައިވާ ޓެނިސް މުބާރާތްތައް އަވަސް އަރުވާލައިގެން ނުފެށުމަށް ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭ ގޮވާލައިފި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ކުޅިވަރުގެ ހުރިހާ ހަރާކަތްތަކެއް މިވަގުތު ވަނީ މެދުކަނޑާލައިފަ އެވެ. އެކަމަކު ބައެއް ގައުމުތަކުން ވައިރަސްގެ އަަސަރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކޮށް، ކުޅިވަރުގެ ހަރަކާތްތައް ވީހާވެސް އަވަހަކަށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލައި ފުޓުބޯޅަ ލީގު، އިނގިރޭސި ޕްރިމިއާ ލީގު އަންނަ މަހުގެ ތެރޭގައި ފެށުމަށް ކުލަބުތަކުން ތައްޔާރުވާން ފަށާފައިވާ އިރު ސްޕެއިނާއި، އިޓަލީ އަދި ޖަރުމަނުން ވެސް އަންނަނީ ޓީމް ޕްރެކްޓިސްތައް ފެށުމަށް ތައްޔާރުވަމުންނެވެ.

އެއާ އެކު މިހާރު ފަސްކޮށްފައި އޮތް ޓެނިސް މުބާރާތްތައް ވެސް ފެށުމަށް ޓެނިސް އެސޯސިއޭޝަންތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ. އެހެން ނަމަވެސް އަވަސް އަރުވާލައިގެން އެއްވެސް ޓެނިސް މުބާރާތެއް ނުފެށުމަށާއި، ޓެނިހަކީ ގިނަ ދަތުރުފަތުރުތަކެއް ކޮށްގެން ކުޅެވޭ ކުޅުވަރެއް ކަމުން އާއްމު ހާލަތަކަށް ގައުމުތައް ދަންދެން މަޑުޖައްސާލުމަށް ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އެންޑީ މުރޭ ވަނީ އެދިފަ އެވެ.

"އަހަރެންނަށް އިނގޭ ހުރިހާ ޓެނިސް ކުޅުންތެރިން ވެސް ތިބީ ކޯޓަށް އަރައި، ކުޅެން ތައްޔާރަށްކަން. އެކަމަކު މިވަގުތު އެއަށްވުރެން މުހިއްމު ގިނަ ކަންތައްތަކެއް މިއޮތީ ކުރިމަތިވެފައި،" މުރޭ ބުންޏެވެ.

މުރޭ ބުނީ، ފުރަތަމަ ކަމަކަށް އެންމެ މުހިއްމީ އާއްމު ހާލަތަކަށް ދިރިއުޅުން ގެންދިއުން ކަމަށެވެ.

"ގެއިން ބޭރަށް ބޭނުން އިރަކު ދެވުމާއި، ރައްްޓެހިންނާ އެކު ސަކަރާތް ޖަހާލައި، ރެސްޓޯރަންޓު ތަކުން ކާލުމަކީ މިވަގުތު ކުރެވެން ހުރި ކަންކަމެއް ނޫން، މިކަންކަން އާއްމު ހާލަތަކަށް އައުމުން ކުޅިވަރާ މެދު ވިސްނާނީ."

މިއަހަރުގެ ވިމްބްލެޑޮން ޓެނިސް އޯޕަން ކެންސަލް ކޮސްފައިވާ އިރު ޔޫއެސް އޯޕަން އާއި ފްރެންޗް އޯޕަން ވަނީ މިއަހަރުގެ އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ފަސްކޮށްފަ އެވެ.

"އަހަރެންނަނީ މިކަމުގެ މާހިރެއް ނޫން. އެކަމަކު ކަންކަން އަވަސް އަރުވާލައިގެން ކުރަން އުޅުމުން އާޙިރުގެ ނަތީޖާ ގިނަ ފަހަރަށް އޮންނާނީ ގޯސްވެފައި، މިވަގުތަށް ވައިރަސް ހުއްޓުވޭނެ ގޮތެއް ހޯދުން މުހިއްމު ކުޅިވަރުތައް ފެށުމަށްވުރެން."

comment ކޮމެންޓް