ރޯދަމަހު ގުރުއާން ހަތިމް ކުރަން ޑރ. ޝަހީމްގެ އެހީއެއް!

ރަމަޟާން މަހަކީ ކީރިތި ޤުރުއާނު އެމަހެއްގައި ބާވައިލެއްވުނު މަހެވެ. އެހެން ކަމުން ކޮންމެ މުސްލިމް އަންހެނެއްވެސް އަދި ފިރިހެނެއްވެސް ރަމަޟާން މަހު ގިނަގިނައިން ކީރިތި ޤުރުއާނު ކިޔުމަށް ވަގުތު ހޭދަކުރުމަކީ މުހިންމުކަމެކެވެ. މިއަދު އެޕިސޯޑުގައި ޑރ.ޝަހީމް ކިޔައި ދެއްވަނީ ރޯދަމަހު ގުރުއާން ހަތިމްކުރުމަށް މަސައްކަތްކުރެވިދާނެ ބައެއް ގޮތްތަކެވެ.

ރޯދަމަސް ނިމެންވާއިރަށް ހަތިމްކުރަން މަސައްކަތްކުރޭ!

ކޮންމެ ނަމާދަކަށް ފަހުވެސް ދެތިން ޞަފްޙާ ކިޔަވައިފިނަމަ ރޯދަ މަސް ނިމެން ވާއިރަށް ޙަތިމެއް ކުރެވޭނެއެވެ. ކީރިތި ޤުރުއާނުގެ ކޮންމެ އަކުރަކަށް 10 ހެޔޮކަން މާތް ﷲ ދެއްވާފައިވެއެވެ. ކީރިތި ޤުރުއާނު ކިޔެވުމަކީ އަޅުކަމެއްކަމުގައިވާއިރު އެންމެ މާތް ޒިކުރަކީ ކީރިތި ޤުރުއާނު ކިޔެވުންކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާނު ކިޔެވުމުގެ ބަރަކާތް އެމީހަކަށް ލިބޭއިރު އެމީހެއްގެ އާއިލާއަށާއި އެމީހެއްގެ މައިންބަފައިންނަށް އެކަމުގެ ޘަވާބު ދއްވުމަށް އެދި ދުޢާ ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ.

"އެމީހަކު ކިޔެވި ކީރިތި ޤުރުއާނުގެ ޘަވާބު ތިމަންނާ އަށާއި ތިމަންނާގެ މަންމަ އާއި ބައްޕަ އަދި ދަރީންނަށް ދެއްވުމަށް ދުޢާ ކުރެވިދާނެ. އެއީ އެއްވެސް މައްސަލައެއް ނޫން ޢިލްމުވެރިން ވިދާޅުވާ ގޮތުގައި" ޑރ.ޝަހީމް ވިދާޅުވިއެވެ.

ހައިޟުވެރިޔާ ރޯދަމަހު ގުރުއާން ކިޔަވާނީ ކިހިނެއް؟

ޙައިޟު ވެރިޔާއަށް ޤުރުއާނު ނުކިޔެވޭނެ ކަމަށް ވާރިދުވެފަައި އޮންނަ ބަސްފުޅަކީ ޟަޢީފް ބަސްފުޅެއްކަމަށް ޙަދީޘް ޢިލްމުގެ ބޭފުޅުން ވިދާޅުވެއެވެ. އެހެންވީމާ ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް ޞަރީޙަގޮތެއްގައި މަނާކުރައްވާފައި ނުވާކަމަކަށްވާއިރު، ޙައިޟުވެރިޔާ އަށް ދިމާވާ ޙާލަތަކީ އެމީހާގެ އިޚްތިޔާރުން ބޭރުން ދިމާވަކަމެއް ކަމެއްކަން ފާހަގަކޮށް އެޙާލަތުގައި އެމީހަކު ޙަތިމް ނުވަތަ މުޞްޙަފު ގައި އަތް ނުލާ ޤުރުއާނު ކިޔެވިދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

މުޞްޙަފުގައި އަތްނުލާ ޤުރުއާނު ކިޔާނީ ކިހިނެއް؟

މުސްހަފުގައި އަތްނުލައި ކިޔަވާނެ އެއް ގޮތަކީ ހިތުން ކިޔެވުމެވެ. ނުވަތަ މުޞްހަފުގައި އަތް ނުލާ މުޞްޙަފު ބަލައިގެން ކިޔެވުން ނޫނީ ފޯނު އެޕްލިކޭޝަނެއް ބޭނުންކޮށްގެން ޤުރުއާން ކިޔެވުމެވެ.

" ފޯނު ނުވާނެ މުޞްހަފަކަށް. އެހެން ކަމުން އެގޮތަށް ކިޔެވިދާނެ. އެގޮތުން ޙައިޟުވެފައިވާ ކުއްޖާއަށްވެސް ނިދަމުން ކިޔާ ޒިކުރުތައް ކިޔޭނެ. ޤުރުއާނުގެ ހުރިހާ ސޫރަތެއްވެސް ކިޔެވޭނެ. ޙަތިމު ކުރުމަށްޓަކައި ވެސް ޤުރުއާނު ކިޔެވޭނެ." ޑރ.ޝަހީމް ވިދާޅުވި އެވެ.

އިސްލާމްދީނަކީ އެންމެ ލުއިފަސޭހަ ދީންކަމުގައިވާއިރު ޙާއްސަކޮށް އަންހެން ކުއްޖާއަށް ނުވަތަ އަންހެހުންނަށް އިސްލާމް ދީނުގައި މިވަނީ ވަރަށް ބޮޑެތި ލުއިފަސޭހަތައް މިމަގުން ހޯދައިދީފައިކަން ޑރ.ޝަހީމް އިތުރަށް ފާހަގަކުރެއްވި އެވެ.

ޖުނުބުވެރިޔާގެ ޙާލަތު ތަފާތު

ޖުނުބުވެރިޔާގެ ހާލަތު ހައިޟުވެރިއެއްގެ ހާލަތާއި ތަފާތެވެ. ސަބަބަކީ ވަގުތުން ތާޙިރު ވުމަކީީ އޭނަގެ އަމިއްލަ އިޚްތިޔާރުގަ އޮތްކަމެއް ކަމުގައިވާތީއެވެ.އެހެންކަމުން މިހާލަތުގައި އެންމެ ރަނގަޅު ގޮތަކީ ތާހިރުވެގެން ޤުރުއާން ކިޔެވުމެވެ.

މީގެއިތުރުން ޙަތިމު ނިންމާފަ ޢާއިލާއާއި އެކުގައި މަންމަ އާއި ބައްޕައާޢި ދަރިފުޅުމެންނާ ކޮއްކޮމެން އެކުގަ ޙަތިމުދުއާ ކިއުމަކީ ކުރެވިދާނެ ކަމަކެެވެ. އެއީ އަސްޙާބު ބޭކަލުން އަމަލު ކުރައްވާފައި ވާ ގޮތެކެވެ. އަނަސް ރަޟިޔަﷲ ޢަންހު ޙަތިމު ކުރައްވާއިރު ގޭގެ އަހުލުވެރިން އާއިލާގެ މެމްބަރުން އަނބިދަރިން އެއްކޮށްގެން އިންނަވައިގެން ދުޢާ ކިޔައްވާ ކަމަށް ވާރިދު ވެގެންވެއެވެ. އެހެންވީމާ އެގޮތަށް ދުޢާ ކުރުމަކީ މައްސަލެއް ނޫންކަމުގައި ޑރ.ޝަހީމް ވިދާޅުވި އެވެ.

comment ކޮމެންޓް