މަނީ ހައިސްޓްގެ ފަސް ވަނަ ބައި އަންނަ އޭޕްރިލްގައި

މަނީ ހައިސްޓް ސީޒަން ހަތަރެއްގެ މަންޒަރެއް---

ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް"ގެ ފަސް ވަނަ ބައެއް އަންނަ އަހަރުގެ އޭޕްރިލް މަހު ސްޓްރީމްކުރާނެ ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

ނެޓްފްލިކްސްގެ ސީރީޒް "މަނީ ހައިސްޓް"ގެ ހަތަރު ވަނަ ބައެއް ގެނެސްދިނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އެ ސީރީޒްގެ ފަސް ވަނަ ބައި ގެނެސްދޭނެކަމަށް ނެޓްފްލިކްސްއިން ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް ޚަބަރުތައް ބުނާގޮތުގައި ވަރަށް އަވަހަށް ނެޓްފްލިކްސްއިން ފަސް ވަނަ ބައި ގެނެސްދޭކަން ރަސްމީކޮށް އިއުލާންކުރާނެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މަނީ ހައިސްޓްގެ ހަވަނަ ބައެއް އަންނާނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ޚަބަރުތައް ބުނާގޮތުގައި މަނީ ހައިސްޓްގެ ހަތަރު ވަނަ ބަޔާއި ފަސްވަނަ ބައި ޝޫޓްކޮށް ނިންމާލީ އެކުއެކީގައެވެ. އެހެންކަމަށްވާނަމަ ސީރީޒްގެ ފަސްވަނަ ބައި އަންނަ އަހަރުގެ އޭޕްރިލް މަހު ގެނެސްދިނުމުގެ ފުރުސަތު ބޮޑުވާނެއެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި ސީޒަން ފަހެއްގައި ގަބޫލުނުކުރެވޭ ފަދަ ވަރުގަދަ ޓްވިސްޓެއް އަންނާނެއެވެ.

ހަތަރު ވަނަ ސީޒަން ނިމުނުއިރު ވަނީ އެންމެން ސިއްސުވައިލުމަށްފަހު ނައިރޯބީ މަރާލައިފައެވެ. އަދި ފަހު އެޕިސޯޑް ނިމުނުއިރު އިންސްޕެކްޓަރު އެލީސިއާ ވަނީ ސީރީޒްގެ މައިގަނޑު ކެރެކްޓާ ޕްރޮފެސަރު ހުރި ތަނެއް ހޯދައި އޭނާ ގާތަށް ގޮސްފައެވެ. އަދި ހައިސްޓްގެ ހުރިހާ މެންބަރުން ވެގެން ނައިރޯބީއަށްޓަކައި ހައިސްޓް ކާމިޔާބުކުރުމަށް ވަނީ އަޒުމު ކަނޑައަޅާފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި މަނީ ހައިސްޓް އަކީ ޓޯކިއޯ ކިޔައިދޭ ވާހަކައެކެވެ. އެމީހުން ހައިސްޓްގައި އެކި ހިސާބުތަކުން އެކި މީހުން މަރުވެގެންދާއިރު ހައިސްޓުން ސަލާމަތްވަނީ ހަމަ އެކަނި ޓޯކިއޯ ކަމަށެވެ. އެކަމަށް ހެކި ދައްކަނީ ހުރިހާ ސީޒަނެއްގެ ހުރިހާ އެޕިސޯޑެއް ވެސް ޓޯކިއޯގެ އަޑުން އެ ވާހަކަތައް ކިޔައިދީފައިވާތީއެވެ.

comment ކޮމެންޓް