ސީއެސްސީގެ އޮޑިޓް ރިޕޯޓް:
މެންބަރުންގެ ފޯން ބިލްތަކަށް ފައިސާ ދައްކަނީ ގާނޫނާ ހިލާފަށް

ސިވިލްސާވިސް ކޮމިޝަން (ސީއެއްސީ)ގެ މެންބަރުން، އެ ބޭފުޅުންގެ ފޯނު ބިލުތައް ދައްކަވަމުން ގެންދަނީ ސިވިލްސާވިސްގެ ގާނޫނާ ހިލާފަށް އެ ކޮމިޝަންގެ ބަޖެޓުން ފައިސާ ނަގައިގެން ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއި ކުރައްވައި އެ އޮފީހުގެ ވެބް ސައިޓުގައި މިއަދު އާންމުކުރި ސިވިލްސާވިސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނަނީ އެ ކޮމިޝަންގެ މެންބަރުން ފޯނު ބިލްތައް ދައްކަވަނީ ސިވިލްސާވިސް ގާނޫނުގެ 20 ވަނަ މާއްދާއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމެއް ނެތި ކަމަށެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުން މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.

"... ކޮމިޝަންގެ މެންބަރުން ފޯނު ބިލްތައް ދެއްކެވުމަކީ ކޮމިޝަންގެ މެންބަރުންގެ އިނާޔަތްތަކާ ގުޅިފައިވާ ކަމެއް ކަމުގައި ބެލެވޭތީ މިގޮތުން މެންބަރުންގެ މޯބައިލް ފޯނު ބިލްތަކަށް ދެއްކެވި ފައިސާއަކީ މި ދެންނެވި ގާނޫނާ ހިލާފަށް ދައްކާފައިވާ ފައިސާކަމަށް ބެލެވެ އެވެ،" 21 ސޮފްހާގެ އެ ރިޕޯޓް ބުނެ އެވެ.

ފޯނު ބިލުތައް ދެއްކުމަށް ނަގާފައިވާ ފައިސާ ދައުލަތުގެ "ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑަށް" އަނބުރާ ޖަމާކުރުމަށް މެންބަރުންނަށް ވަނީ އަންގައިފަ އެވެ. އަދި މަޖިލީހުން ފާސްކުރުމެއް ނެތި އެއްވެސް އިނާޔަތެއް މެންބަރުންނަށް ދޫނުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

ނަމަވެސް ފޯނު ބިލްތަކަށް މެންބަރުން ނަންގަވާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޮޑިޓް ރިޕޯޓަކުން ނުބުނެ އެވެ.

މިދިޔަ އަހަރު ކޮމިޝަންގެ މެންބަރުން ކުރައްވާފައިވާ ދަތުރުތަކުގެ ރިޕޯޓް މާލިއްޔަތު ގާނޫނުގެ 5.13 އާ އެއްގޮތަށް ބަލަހައްޓާފައި ނުވާ މައްސަލަ ވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި "މީޓިން އޮފް ދަ ޗީފް އޮފް އޮފް ޕަބްލިކް ސާވިސް ކޮމިޝަން އޮފް ސާކް ޗެންބާ ސްޓޭޓްސް"ގައި ބައިވެރިވުމަށް ކޮމިޝަންގެ ދެ ބޭފުޅަކު ނިއުދިއްލީ އަށް ކުރެއްވި ދަތުރުގެ ހަރަދު އިތުރު ދެ ދުވަހަށް ވާވަރަށް ބަޖެޓުން ފައިސާ ނަގައިގެން ކޮށްފައިވާ މައްސަލަ ވަނީ ފާހަގަކޮށްފަ އެވެ. އަދި ބުނަނީ އެ ދަތުރުގައި ހުރުމާއި ކެއުމުގެ ހަރަދު ސާކުގެ ސެކްރެޓޭރިއަޓުން ހަމަޖައްސައިދީފައިވާ ކަން އެނގޭ ކަމަށެވެ. އެހެންވެ އެ ފައިސާ އެ މެންބަރުންގެ އަތުން އަތުލައި ބަޖެޓަށް ޖަމާކުރުމަށް ވެސް ވަނީ އަންގާފަ އެވެ.

"އެގޮތަށް އަމަލުކުރުމުގެ ސަބަބުން ދައުލަތުގެ ހަރަދު ބޮޑުވެގެންދާނެ ކަމެއް ކަމަށާއި އަދި އެ މުއްދަތުގެ ދަތުރުގެ ބައިވެރިންގެ ހިދުމަތް ދައުލަތަށް ނުލިބި ގެއްލިގެންދާނެ ދުވަސްތަކެއްކަން ފާހަގަ ކުރެވުނެވެ،" ރިޕޯޓުގައިވެ އެވެ.
ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި އެ ދަތުރު ދިޔައީ ކޮމިޝަންގެ ކޮން ދެ މެންބަރެއް ކަމެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ޖުލައި މަހުގެ ތެރޭގައި ވެސް ކޮމިޝަންގެ މެންބަރަކު ހަތް ދުވަހުގެ ސްޓަޑީ ޓުއާއެއްގައި ދިޔުމަށް ފަހު، ހަތް ދުވަސް ވުމުގެ ކުރިން ރާއްޖެ ވަޑައިގަންނަވަން ޖެހުމުން ބާކީ ހުރި 888 ޑޮލަރު ކޮމިޝަނާ ހަވާލުނުކޮށް ހުރި ކަމަށާއި އެ ފައިސާ ރައްދުކުރީ އޮޑިޓަރުން އެކަން ފާހަގަކޮށް ކޮމިޝަންގެ ސަމާލުކަމަށް ގެނައުމުން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

މާލިއްޔަތު ގާނޫނުގެ 5.13ގައި ބުނަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތައް، އެ ދަތުރެއް ނިމުނުތާ ތިން ދުވަހުގެ ތެރޭގައި އެ ކުރެވުނު ދަތުރެއްގެ ފުރިހަމަ ދަތުރު ރިޕޯޓެއް ހުށަހަޅައި ބާކީ ހުރި ފައިސާއެއް އަނބުރާ ޖަމާކުރަން ޖެހޭނެ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ވަނީ ސިވިލްސާވިސް ކޮމިޝަންގެ ހަރުމުދާ އެކަށީގެންވާ ގޮތުގައި ނުބަލަހައްޓާ މައްސަލަ ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން ޔޫއެންޑީޕީގެ ބެސްޓް ޕްރެކްޓިސް އަށް ގަނެފައި ހުރި މުދާ ރަޖިސްޓްރީ އަށް ވައްދާފައި ނެތުމާއި އަދި ނީލަން ކިޔާ މުދަލުގެ މައުލޫމާތު ވެސް އެގެން ނެތުން ވަނީ ފާހަގަކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު