ބްރެޒިލްގެ ރައީސްއާ ހިޔާލު ތަފާތުވެ އެގައުމުގެ ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ބްރެޒިލްގެ ޖަސްޓިސް މިނިސްޓަރު ސާޖިއޯ މޯރޯ---

ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯއާ ހިޔާލު ތަފާތުވެ އެގައުމުގެ ޖަސްޓިސް މިނިސްޓަރު ސާޖިއޯ މޯރޯ އިސްތިއުފާ ދެއްވައިފި އެވެ.

ސާޖިއޯ ރައީސްއާ ހިޔާލުތަފާތުވީ، ރައީސް އެގައުމުގެ ފެޑެރަލް ޕޮލިސް ޗީފް މޮރީސިއޯ ވެލެއިޒޯ މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ދުރުކުރެއްވުމާ ގުޅިގެންނެވެ.

ސާޖިއޯ ވިދާޅުވީ ޕޮލިސް ޗީފް މަގާމުން ދުރުކުމަށް އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އޭނާ މަގާމުން ދުރިކުރި ސަބަބެއް ސަރުކާރުް ހާމައެއް ނުކުރެ އެވެ.

ކުރިން ފަނޑިޔާރެއްގެ މަގާމް ފުރުއްވި ސާޖިއޯއަކީ މުޅި ބްރެޒިލްގައި ވެސް ވަރަށް މަގުބޫލް ބޭފުޅެކެވެ. ބްރެޒިލްގައި ކޮރަޕްޝަނާ ދެކޮޅަށް ހިންގި އެންމެ ބޮޑެތި ކޮރަޕްޝަން ކޭސްތައް އޭނާ ވަނީ ބައްލަވައިފަ އެވެ.

ޕޮލިސް ޗީފް މަގާމުން ދުރުކުރި މައްސަލައިގައި މީގެ އިސްތިއުފާ ދޭނެކަމަށް މީގެ ކުރިން ވެސް ސާޖިއޯ ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ގައުމު ހަލަބޮލިވުމުން އޭގެ އަަސަރު ބްރެޒިލްގެ ފައިސާއަށް ވެސް ވަނީ ކުރަން ފަށައިފައެވެ. އެގޮތުން ފައިސާގެ އަގުވެއްޓި ބްރެޒިލް ރިއާލް ޑޮލަރަކަށް ޖެހޭ މިންވަރު ވަނީ މައްޗަށް ގޮސްފައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބް ކެމްޕޭން ތެރޭގައި ބްރެޒިލްގެ ރައީސް ވަނީ ކޮރޮޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަޒީރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވަން ބްރެޒިލްގެ ސިފައިން ކުރަމުންދާ މަސައްކަތަށް ރައީސް ހުރަސްއަޅުއްވަމުންދާ ކަމަށެވެ.

ބްރެޒިލްގެ ރައީސް މިމަހު ވަނީ އެގައުމުގެ ހެލްތު މިނިސްޓަރު މަގާމުން ދުރުކުރައްވައިފައެވެ. ބްރެޒިލްގެ ރައީސްއާ ހެލްތު މިނިސްޓަރާ ހިޔާލުތަފާތުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާ ގުޅޭ ގޮތުން އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. ބްރެޒިލްގެ ރައީސް ދަނީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ދެކޮޅު ހައްދަވަމުންނެވެ. (ބީބީސީ)

comment ކޮމެންޓް