ތަފާތު ރޯދަމަހެއް؛ ފިނި ބުރެއް، އާއިލީ ރޯދަވީއްލުމެއް ނެތް!

މާލޭ ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ އަހަރެއްގެ ރަމަޟާން މަހާއެކު ދިވެހީންގެ ލައިފްސްޓައިލްތަކާއި އާދަތަކަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އަޅުކަމާއި ރޯދަ ކުރުކުރުން ފަދަ ކަންތަކަށް ދިވެހީން ދޭ ސަމާލުކަން ރަމަޟާން މަހުގައި އިތުރުވެގެންދެ އެވެ. ރަމަޟާން މަހާއެކު ކޮންމެ ދުވަހެއްގެ ހަވީރު މަގުތައް ފުރާލައި ރޯދަ ކުރުކުރުމަކީ އެންމެ ގިނަ ބަޔަކު ކުރާ އެއް ކަމެވެ. ނަމަވެސް ސިއްހީ ބޮޑު ކުއްލި ނުރައްކަލަކާއެކު ހުރިހާ އެންމެން ލޮކްޑައުންއެއްގައި ތިބި އިރު މިއަހަރު ފިނިބުރު ޖަހާނީ ކިހިނެއް ހެއްޔެވެ؟ ރޯދަ ކުރުކުރަން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟

މިއަހަރުގެ ރަމަޟާން މަސް އައިސް މި ދިމާވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ތެރެއިންނެވެ. ބޮޑު ނުރައްކަލެއްގެ ތެރޭގައި ގައުމު އޮތް އިރު ރަމަޟާން މަސް އައި އިރު އާންމުން މިއަހަރުގެ ރަމަޟަން މަސް ހޭދަކުރާނީ ގޭގެ ހަތަރު ފާރުތެރޭގަ އެވެ.

ކޮންމެ ރަމަޟާން މަހެއްގައިވެސް ނަމާދު ވަގުތަކަށް މިސްކިތްތައް ފުރާލާނެ އެވެ. އަދި ހަވީރު ފިންޏަށް އާއިލާ ނުވަތަ އެކުވެރިޔާ ނުވަތަ ގާތް ބައިވެރިޔަކު ގޮވައިގެން ހިނގާލަން ނުވަތަ ސައިކަލު ބުރު ޖަހަން ނިކުންނާނެ އެވެ. ހަވީރު ދަޅައަށް މަގުތަކުގެ ދިރުންލިބެ އެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަސް ފަހަރުގައި ނިމިގެންދާނީ މިސްކިތްތަކާއި މަގުތައް ފަޅުކޮށް އޮވެގެން ކަމަށް ވެދާނެ އެވެ.

މިއަހަރުގެ ރަމަޟާން މަހާއެކު ގިނަ ބައެއްގެ އެންމެ ގާތް އެކުވެރިއަކަށް ވެފައިވަނީ ސޯޝަލް މީޑިއާ އެވެ. އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މިއަހަރުގެ ރަމަޟާން މަސް ތަފާތު ވާނެ ވާހަކަ ދައްކަމުންނެވެ. އަދި އެންމެ ގިނަ ބަޔަކު "މިސް"ވާނެ ކަމަށް ބުނަމުންދަނީ ހަވީރު ފިނިބުރު ޖަހާ ވާހަކަތަކެވެ.

ސައިކަލު ބުރުތަކުގެ އިތުރުންވެސް ރަމަޟާން މަހާ ގުޅިގެން ދިވެހީންގެ އިތުރު ތަފާތު އާދަތަކެއް ހުރެެއެވެ.

ތަންތަނަށް ރޯދަ ވީއްލަން ދިޔުން

މިއީ ހާއްސަކޮށް މާލޭގައި މަގުބޫލު ކަމެކެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ކޮންމެވެސް ބަޔަކާއެކު ބޭރުން ރޯދަ ވީއްލުމަކަށް ދިޔުމަކީ ގިނަ ބައެއްގެ އާދައެކެވެ. އެއްބައިފަހަރު އެކުވެރީންނާއެކުގައެވެ. އަނެއްބައިފަހަރު އޮފީސް މީހުންނާއެކުގައެވެ. އަދި އާއިލާއާއެކުވެސް ރޯދަ ވީއްލުމަކަށް ރެސްޓޯރަންޓްތަކަށް ދާ މީހުން މަދެއް ނުވާނެއެވެ.

ރޭގަނޑު ކޮފީތަކަށް އެރުން

ދިވެހީންނަކީ ކޮފީއަށް ވަރަށް ލޯބިކުރާ ބައެކެވެ. ރަމަޟާން މަހުގައި ރޯދަ ވީއްލާ ތަރާވީސް ކުރުމަށްފަހު ރެސްޓޯރެންޓްތައް ފުރޭ ކަމަކީ އެކަމުގެ ހެއްކެކެވެ.

ރޭގަނޑުގައި އެކުވެރިންނާއެކު އާންމުކޮށް ތާސް ގަނޑެއް ކުޅެލަން ނަމަވެސް ކޮފީއަށް އެރުމަކީ ރަމަޟާން މަހުގައިވެސް ގިނަ ބައެއްގެ އާދައެކެވެ.

މިތިބީ ލޮކްޑައުންވެފައި، ދެން ހަދާނީ ކިހިނެއް؟

ދިވެހީން އެތައް އަހަރެއް ވަންދެއް ރަމަޟާން މަހުގައި ގެންގުޅުނު ލައިފްސްޓައިލް ވަނީ މިއަހަރު ބަދަލު ކުރަން ޖެހިފަ އެވެ. ގިނަ ބައެއް އެއްވެ ކުރާ އެތައް ކަންތައްތަކެއް މިހާރު ވަނީ ހުއްޓާލަން ޖެހި އެހެން އާދަތަކެއް ދަސްކުރަން ޖެހިފަ އެވެ. އެހެންކަމުން މި ރަމަޟާން މަހަކީ ރަނގަޅު އާ އާދަތަކެއް އަށަގެންނެވުމަށް ލިބޭ ފުރުސަތަކަށް ވުން އެކަށީގެންވެ އެވެ.

އެހެންވީމާ ލޮކްޑައުންގެ ހާލަތުގައި ދެން ރޯދަ ކުރުކުރުމަށް ކުރާނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟

އެތައް ބަޔަކު ބުނަމުން ދަނީ މިއަހަރުގެ ރަމަޟާން މަހަކީ އެކަނިވެރި މަހެކެވެ. ފަހަރުގައި އެކަނި އުޅޭ ފަރާތްތަކަށް އެއީ ތެދަކަށް ވެދާނެ އެވެ. ނަމަވެސް ލޮކްޑައުންގައި އާއިލާއާއެކު ހޭދަކުރާ ނަމަ ރޯދަ ކުރުކުރުމަށް ތަފާތު ކަންތައް ކުރެވިދާނެ އެވެ.

އާއިލާއާ އެއްކޮށް ޖަމާއަތުގައި ނަމާދުކުރުން

ނަމާދުގެ އަޅުކަމަކީ ދިވެހީން ރަމަޟާން މަހުގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެކެވެ. މި ފަހަރުގެ ރަމަޟާން މަހުގައި ލޮކްޑައުންގައި ގިނަ ބަޔަކު ތިބުމުން މިސްކިތުގައި ނަމާދުކުރުމުގެ ފުރުސަތެއް ނެތެވެ.

އެހެންނަމަވެސް ގޭގައިވެސް ޖަމާއަތުގައި ނަމާދުކޮށްލެވިދާނެ އެވެ. އާއިލާ އެންމެނާއެކު ޖަމާއަތުގައި ނަމާދުކުރުމަކީ ހަމަ ކުރެވިދާނެ ކަމެކެވެ.

އާއިލާގެ އެންމެން ފިލްމެއް ބެލުން ކިހިނެއް ވާނެ؟

ރޯދަ ވީއްލަން ހުރިހާ އެންމެން ބަދިގޭގައި އުޅޭ ވަގުތަކީ މެންދުރު ފަހުގެ ވަގުތެވެ. އެހެންކަމުން ހުރިހާ ކަމެއް ނިންމާލާފައި ލިބޭ ހުސްވަގުތުކޮޅުގައި ހުރިހާ އުމުރަކާ ގުޅޭ ކާޓޫނެއް ނުވަތަ ފިލްމެއް ބަލާލުން ކިހިނެއް ވާނެ ހެއްޔެވެ؟ މިއީ އާއިލާގެ އެންމެން އެއްތަނަކަށް އެއްވެ އެކީގައި ތިބެ ފޫހި ފިލުވާލައި މަޖާކޮށްލެވޭނެ ކަމަކަށް ވެދާނެ އެވެ.

comment ކޮމެންޓް