މެދުރާއްޖެއަށް މޫސުން ގޯސްވާނެ، ޔެލޯ އެލާޓް!

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތީ ފެން ބޮޑުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަ ދުވަސް ވަރެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖޭގެ އެކި ސަރަހައްދަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށެވެ. އެގޮތުން މިއަދުގެ 12:30 އާ ހަމައަށް އެ ސަރަހައްދުތަކަށް ވަނީ ޔެލޯ އެލާޓެއް މެޓް އޮފީހުން ނެރެފަ އެވެ.

މެދު ރާއްޖޭގެ ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ވައި ޖެހޭއިރު އެހެން ހިސާބުތަކަށް ވައި ޖެހޭނީ އިރުދެކުނާއި ދެކުނުން ކަމަށެވެ. އަދި ގަޑިއަކު ފަސް މޭލާއި 15 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެހެންކަމުން މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް