ޑރ. ޝަހީމް ވިދާޅުދެއްވަނީ ގޭގައި ތަރާވީސް ނަމާދު ކުރާނެ ގޮތް

ރަމަޟާންމަހުގެ އެންމެ ހާއްސަ ހަނދާނެއްގެ ގޮތުގައި އެންމެ ކުޑައިރުއްސުރެވެސް ހުންނަނީ ރޯދަ ވީއްލުމަށްފަހު އަވަސް އަވަހަސް މަންމަ އާއި މާމައާއިއެކު ތަރާވީސް ނަމާދަށް މިސްކިތްދޮށަށް ދާ ހަނދާނެވެ. އެހެންނަމަވެސް މި ރޯދަމަހު އެކަން ވާކަށްނެތެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މި ރޯދަމަހު އެކަން ކުރަން އޮތީ ގޭގަ އެވެ.

ގިނަ ބަޔަކަށް މިއީ މުޅިން އާ ތަޖުރިބާއަކަށްވާއިރު، ހިތުގައި އުފެދޭ ސުވާލަކީ ގޭގައި ތަރާވީސް ކުރާނީ ކިހިނެއް ހެއްޔެވެ؟

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިވަނީ މިކަމާއި ބެހޭގޮތުން ވަރަށް ތަފްސީލީ މައުލޫމާތުތަކެއް "ސަން"އާ ހިއްސާކުރައްވައިފަ އެވެ.

ވަކިވަކިން ޖަމާއަތުގައި ނަމާދު ކުރެވޭނެ

ގޭތެރޭގައި އާއިލާއާއި އެކުގައި ނަމާދު ކުރާއިރުގައި ބައްޕަ ނުވަތަ އެހެން ފިރިހެނަކު އިމާމަކަށްހުރެ ފަސޭހަ މިންވަރަކަށް ކީރިތި ގުރުއާނު ކިޔައި ތަރާވީހް ނަމާދު ކުރެވޭނެ އެވެ. ފަސޭހަ މިންވަރަކީ މިސާލަކަށް ވައްޟުޙާ އިން ފެށިގެން ތިރީގެ ސޫރަތް ހިތުދަސްނަމަ އެ ސޫރަތްތައްތަކުންވެސް ކުރެވިދާނެ އެވެ. އަދި ފަލަޤް އިޚްލާސް ނާސި ސޫރަތް އެކަނި ހިތުދަސްނަމަ އެ ސޫރަތްތަކުން އެކަނި ތަކުރާރު ވީކަމުގައިވިޔަސް ވެސް ކުރެވިދާނެ ކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ.

ރަކުއަތްތަކުގެ އަދަދު

ތަރާވީޙު ނަމާދަކީ ދެ ރަކުއަތުން 2 ރަކުއަތުން ކުރެވޭ ނަމާދެކެވެ. ދެ ރަކްއަތުން ކުރާއިރު 2 ރަކުއަތް ދެމެދުގައި ވަކި ތަސްބީހައެއް ކިޔުމަކީ ސާބިތު ކަމެއް ނޫންކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ. އެހެން ނަމަވެސް ހަތަރު ރަކުއަތް ކޮށްފައި ނަމާދު ކުރާތަނުގައި އިށީންދެ އިނދެގެން އަރާމުކުރެވޭނެ އެވެ. އަރާމުކޮށްލަން އިންނަ ވަގުތުގައި ބޭނުންވާކަމުގައި ވަނީނަމަ ދުއާއެއްވެސް ކިޔާލެވިދާނެ އެވެ. އަރާމު ކުރުމަށްފަހު އަނެއްކާވެސް ތެދުވެ ތަރާވީހު ކުރަން ފަށާނީ އެވެ.

މުސްހަފު ހިފައިގެން ހުރެ ތަރާވީސް ކުރެވޭނެތަ؟

ގޭގައި ނަމާދުކުރާއިރު ހަތިމު ކުރަން ބޭނުންވާނަމަ ފޯނު އެޕްލިކޭޝަނެއް ނުވަތަ މުސްހަފް ހިފައިގެން ހުރެވެސް ގުރުއާންކިޔެވިދާނެ ކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ. އެހެންނަމަވެސް އޭނާގެ ނަޒަރުގައި ނަމާދަކަށްވުމުން އެންމެ ރަނގަޅީ ފޯނަށް ވުރެ މުސްޙަފު ހިފައިގެން ކިޔެވުމެވެ.

ސަޖިދައަށް ދާއިރު މުސްހަފަކީ ކުޑަ މުސްހަފެއް ނަމަ ޖީބަށް ވެސް ލެވިދާނެ އެވެ. ބޮޑު ނަމަ އަތުގަ ބާއްވައިގެންވެސް ސަޖިދަ އަށް ދެވިދާނެ އެވެ. ބައެއް އިލްމުވެރިންގެ އަރިހުގައި ބިމަކީ ތޯހިރު އެއްޗެއްކަމުގައި ހާމަކުރައްވާފައިވީ ނަމަވެސް، މާތްﷲ ގެ ކަލާމްފުޅުވީމަ އިހްތިރާމް ކުރުމުގެ ގޮތުން ބިންމަތީ ބޭއްވުމަކީ ރަނގަޅުކަމެއް ނޫންކަމުގައި އަނެއްބައި އިލްމުވެރިން ވިދާޅުވެ އެވެ.

ޑރ. ޝަހީމްގެ ނަޒަރުގައި މިހާލަތުގައި ރަނގަޅީ ނުބޭއްވުމެވެ. އެހެންނޫން ނަމަ ކައިރީގައި ގޮނޑިއެއް ބަހައްޓާ ސަޖިދައަށް ދަމުން ގޮނޑީގައި ބަހައްޓާފައި ނެގިދާނެ އެވެ. އެ ހަރަކާތުގެ ސަބަބުން ނަމާދު ބާތިލެއް ނުވާނެ އެވެ.

ތަރާވީހު ނަމާދާއިއެކު ވިތުރި

ތަރާވީޙު ނަމާދަކީ ވަކި އަދަކަށްވުރެ ގިނައިން ކުރުމަށް ނުވަތަ ވަކި ޢަދަކަކަށްވުރެ ކުރުނުކުރުމަށް އޮންނަ ކަމެއްނޫނެވެ. ބޭނުން ނަމަ 8 ރަކުޢަތްވެސް ކުރެވިދާނެއެވެ. ނުވަތަ 20 ރަކުޢަތް ވެސް ކުރެވިދާނެއެވެ. އޭގެ އިތުރުން ވިތުރީގެ 3 ރަކުޢަތް ކުރާނެއެވެ.

ވިތުރި ކުރާއިރު ޤުނޫތު ކިޔަންޖެހޭނެއެވެ. ޤުނޫތު ކޮންމެހެން ދިގުކޮށް ކިޔާކަށްނުޖެހުނަސް ދިގުކޮށް ނޭންގޭނަމަ ކުރުކޮށް ނުވަތަ ކުރިން ފަތިސް ނަމާދުގަ ކުރާ ޤުނޫތު ކިއުމަކީ މައްސަލައެއްނޫނެވެ. ވިތުރީގައި ޤުނޫތު ކިޔުމަކީ ސުންނަތް ވެގެންވާ ކަމެއް އަދި ވަރަށް މުހިއްމު ކަމެއްކަމުގައި ޑރ.ޝަހީމް ވިދާޅުވިއެވެ.

އެނޫންނަމަ ދަމު ނަމާދުގައި ވިތުރި ކުރުމަށްޓަކައި ތަރާވީޙު ކުރުމަށް ފަހު ވިތުރި ނުކޮށް ފަސްކޮށްލެވިދާނެއެވެ. ސަބަބަކީ ރޭގަނޑު 2 ފަހަރެއްގައި ވިތުރި އެއް ނުކުރެވޭނެއެވެ/ އަދި ހަމައެހެންމެ ރޭގަނޑުގައި އެންމެ ފަހުން ކުރެވޭ ނަމާދަކަށް ވިތުރި ވާންޖެހޭތީއެވެ. ރޭގަނޑު ދަމުނަމާދު ނުކުރާނަމަ އިޝާ ނަމާދު ކޮށްފައި ތަރާވީހު ނަމާދުކޮށްފައި ވިތުރި ކޮށްފައި ޤުނޫތު ކިޔުމަށްފަހު ނިންމާލާނީއެވެ.ތަރާވީޙުކޮށްފައި ރޭގަނޑު ދަމުނަމާދަށް ނުހޭލެވޭ ކުދިން ތަރާވީޙު ކޮށްފަ ވިތުރި ކޮށްފަ ނިންމާލާނީއެވެ

ދޮށީ ފިރިހެނެއް ނެތްނަމަ އިމާމަކީ ކާކު؟

މިސާލަކަށް ގޭގައި ހުންނަ ކުޑަ ކުއްޖެއް ނުވަތަ އެހެން ޢާއިލާގެ މެމްބަރެއް ވިއަސް ރީތިކޮށް ޤުރުއާނު ކިޔަވައި އަދި ގުރުއާނުގެ ސޫރަތްތައް ހިތުދަސްނަމަ އެއިން މީހަކު އިމާމަކަށް ލައިގެންވެސް މަންމަ އަދި ބައްޕަމެނާއިއެކު ތަރާވީސްކުރެވިދާނެ އެވެ. އެނޫން ހާލަތެއްގައި ބައްޕަ މިސާލަކަށް ނެތްކަމުގައި ވާނަމަ މަންމަ އަށް ދަރިންގޮވައިން ޖަމާއަތުގަ ތަރާވީހު ކުރެވިދާނެ އެވެ.

ސަފުތައް ހަދާއިރު އެންމެ ފުރަތަމަ ފިރިހެން ކުދިން އެއަށް ފަހު އަންހެން ކުދިންތިބޭނީ އެވެ. އިމާމަށް ވުރެ ކުރިއަށް ސަފުތައް ނާންނަ ގޮތަށް ކަނާތުން ވައަތަށް ދާގޮތަށް ސަފުތައް ހަދަން ސަމާލުކަން ދޭންވާނެ އެވެ.

ޑޜ.ޝަހީމް އިތުރަށް ވިދާޅުވީ ބޮޑު ބަލިމަޑުކަމެއް ފެތުރިގެން އުޅޭ މިި ދުވަސްތަކުގައިވެސް ގޭތޭގައި އާއިލާއެއްކޮޮށް ތަރާވީސްކުރުމަކީ ކޮންމެހެންވެސް ކުރުން މުހިންމުކަމެކެވެ.

comment ކޮމެންޓް