ކ. މާފުށީ ޖަލުގެ މުވައްޒަފުން ލޭ ހަދިޔާކޮށްފިއެވެ.
މިހާރު ފެތުރެމުންދާ ކޮރޯނާ ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތުމުގެ ސަބަބުން ލޭ ލިބުމުގައި ބޮޑެތި ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.
އެކަން ހައްލުކުރުމުގެ ގޮތުން މާފުށީ ޖަލުގައި މަސައްކަތްކުރާ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން މިއަދު ވަނީ މާފުށީ ހެލްތު ސެންޓަރުގައި ލޭ ހަދިޔާކޮށްފައެވެ.
އެ ހަރަކާތް ހިންގާފައިވަނީ މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެންނެވެ. އެ ލޭތައް ހަދިޔާ ކުރަން ނިންމާފައިވަނީ ތެލެސީމިއާ ސެންޓަރަށެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ އެ ހަރަކާތުގައި 69 އޮފިސަރަކު ވޮލައިންޓިއާކޮށް ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީ ކުރިކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިއަދު ލޭ ހަދިޔާކޮށްފައިވަނީ 19 އޮފިސަރުންނެވެ.
ކަރެކްޝަންސްގެ 40 އޮފިސަރަކު މިދިޔަ މަހުވެސް ވަނީ ލޭ ހަދިޔާކޮށްފައެވެ.
ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެގެން މޯލްޑިވްސް ބްލަޑް ސާވިސަސްއިން ލޭ ބޭނުންވެގެން އެދުމުން ބައެއް ފަރާތްތަކުން މިހާރު ދަނީ ލޭ ހަދިޔާ ކުރަމުންނެވެ. މޯލްޑިވްސް ބްލަޑް ސާވިސަސްއިން މިއަދު ބުނީ މިހާރު ހަފްތާއަކަށް ވާވަރަށް ލޭ އެބަހުރި ކަމަށެވެ.
މޯލްޑިވްސް ބްލަޑް ސާވިސްގައި މިހާރުވެސް 900 އެއްހާ ތެލެސީމިއާ ކުދިން ރަޖިސްޓްރީކޮށްފައިވެއެވެ.