މިފްކޯ އިން ގޭގެއަށް ޑެލިވަރީކޮށްދިނުން ހުއްޓާލައިފި

މިފްކޯ މަސްފިހާރައިގައި ފަސްމީރު މަސްދަޅުތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިފްކޯ އިން ގޭގެއަށް ޑެލިވަރީކޮށްދިނުމުގެ ހިދުމަތް ހުއްޓާލައިފިއެވެ.

މާލެއިން ކޮވިޑް19 ގެ ކޭހެއް ފެނި، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން މިފްކޯ އިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފިހާރައަށް ނުގޮސް ހިދުމަތް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް، ޑެލިވަރީގެ ހިދުމަތް ފަށައިފައެވެ.

އެހެންނަމަވެސް މިވަގުތުގެ ހާލަތަށް ބަލައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ގޭގެއަށް ޑެލިވަރީގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.

ނަމަވެސް ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުން މިފްކޯގެ މާފަންނު ފިހާރަ އަދި ހުޅުމާލޭ ފިހާރައަށް ދިޔުމުން އެ ފަރާތްތަކަށް ހިދުމަތް ލިބޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.

ފިހާރައިން ހިދުމަތް ދޭނެ ގަޑިއަކީ ހެނދުނު 9:30 އިން ހަވީރު ހަޔަކަށެވެ. ހިދުމަތް ހޯދުމަށް ފިހާރައަށްދާ ފަރާތްތަކުން ރައްކާތެރިވުމަށް މާސްކާއި އަންގި ބޭނުން ކުރުމަށް މިފްކޯ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފްކޯ އިން ބުނީ އެ ކުންފުނިން ދެން ހިދުމަތްދޭނީ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށާއި އުޅަނދު ތަކަށް އެކަނި ކަމަށެވެ. ހިދުމަތް ހޯއްދަން ދާއިރު ސިއްހީ ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއްވާފައިވާ ގައިދުރުމިން ގެންގުޅުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

މިފްކޯ އިން ޑެލިވަރީގެ ހިދުމަތް މެދުކަނޑާލާފައިވަނީ މާލެއިން ބަލީގެ 49 ކޭހެއް ފެނިފައިވަނިކޮށެެވެ. ރާއްޖެއިން 69 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރޭގައި ބައެއް ވިޔަފާރިތަކުގެ ޑެލިވަރީ މުވައްޒަފުންވެސް ހިމެނެއެވެ.

comment ކޮމެންޓް