ކޯވިޑް-19ގެ ދުވަސްވަރު އަންހެނުންގެ ޒިންމާތައް

އޭޕްރީލް 19، 2020: އެސްޓީއޯގެ އޮންލައިން ސްޓޯރަށް ގިނަ އަދަދެއްގެ އޯޑަރުތައް އައިސް ޑެލިވަރީތައް ފުނިޖެހުމާއެކު އެ މަސައްކަތް ކުރުމަށް ނިކުތީ ދިވެހި ސިފައިން. ސިފައިންގެ ބޭކަލުންނާއި، ބޭކަންބަލުން ދަނީ މާލޭގެ ގޭގެއަށް އެސްޓީއޯގެ ފަރާތުން މުދާ ޑެލިވަރ ކޮށްދެމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒީނަތު ޝާކިރު - ޔޫއެންޑީޕީ، ދިވެހި ރާއްޖެ


މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދުނިޔެއިން އަލަށްފެނިފައިވާ ކޮރޯނާވައިރަސް މިވަނީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައެވެ. އެކި ގައުމުތަކުގައި މިވަނީ އޮފީސްތަކާއި ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ރެސްޓޯރަންޓުތަކާއި އަދި ފިހާރަތައްވެސް ބަންދުކޮށް ކާފިއުތައް ހިންގާފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން އަންނަނީ ހުރިހާ އެންމެން ގޭގައި މަޑުކުރުމަށް ބާރުއަޅަމުންނެވެ. މިފަދަ ދުވަސްވަރަކީ މުޖުތަމަޢުގައި އުޅޭ އެންމެންގެ ދިރިއުޅުމަށް ތަފާތު އަސަރުތަކެއްކޮށް އާންމުކޮށް ކުރާ މަސައްކަތްތަކަށް ބަދަލުތަކެއް އަންނާނެ ދުވަސްވަރެކެވެ. މިގޮތުން، އާންމު ދިރިއުޅުމުގެ ޙާލަތު މިފަދަ ބާރު ސްޕީޑެއްގައި ބަދަލުވަމުންދާއިރު، އެކަންކަމުގެ ސަބަބުން އަންހެނުން މިހާރު އަދާކުރަމުންދާ ދައުރުތަކާއި އެމީހުންގެ މަސައްކަތްތަކަށް ކުރާނެ އަސަރުތައް ދެނެގަތުމަކީ މިފަދަ ދަނޑިވަޅެއްގައި މުހިންމުކަމެކެވެ.

ޒަމާނުއްސުރެ އެކި މުޖުތަމަޢުތަކުގައި ފިރިހެނުންނާއި އަންހެނުންނަށް ކަނޑައަޅާފައިވާ ދައުރުތައް ތަފާތެވެ. ގެއިންބޭރުގައި ފިރިހެނުން ހަރަކާތްތެރިވާއިރު އަންހެނުންނަށް އާންމުގޮތެއްގައި ކަނޑައަޅާފައިވާ ޒިންމާތަކަކީ ގޭތެރޭގައި އަދާކުރާ ޒިންމާތަކެވެ. އަދި ދިވެހިރާއްޖޭގައި ކުރިއަށްގެންދެވިފައިވާ ތަފާތު ދިރާސާތަކުންވެސް ދައްކާގޮތުގައި އަންހެނުންނަށް ބާރުއަޅަނީ ކުދިން ބެލުމާއި ގޭގައި މަސައްކަތްކުރުމަށެވެ. މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ދުނިޔެއާއި ދިވެހިރާއްޖޭގައިވެސް އަންނަނީ ކުރެވެމުންނެވެ. އެގޮތުން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތުތައް ކަށަވަރުކުރުމަށްޓަކައި ތަފާތު ޤާނޫނީ އޮނިގަނޑުތަކާއި މަސައްކަތުގެ މައިދާނުގައި ކަންކަން ހަޖަމެއްސުމަށްޓަކައި އެކިއެކި އުސޫލުތައް އެކުލަވާލާފައިވެއެވެ. ނަމަވެސް، ދުނިޔެއަށް މިއަދު ދިމާވެފައިވާ ހާލަތުގެ ސަބަބުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އިތުރު ގޮންޖެހުންތައް ދިމާވެއެވެ.

މިފަދަ ދަނޑިވަޅެއްގައި ގޭތެރޭގައި އަންހެނުން އަދާކުރާ ތަފާތު މަސައްކަތްތައް ދެނެގަންނަން ބަލާއިރު، ކުދިން ބެލުމާއި، ގޭތެރެ ހިންގުމުގެ ގޮތުން ކެއްކުމާއި ކުނިކަހައި ސާފުކުރުމާއި، ކާބޯތަކެތި ހޯދުމާއި، އުމުރުން ދުވަސްވީމީހުންނަށް އަޅައިލުމުގެ އިތުރުން، ވަޒީފާ އަދާކުރާ މީހުން ގޭގައި މަސައްކަތްކުރަންޖެހޭނަމަ، އެކަންކަންވެސް ފުރިހަމަކުރުން މިއީ، އަންހެނުން ކުރަންޖެހިފައިވާ ކަންކަމުގެ ތެރެއިން ބައެއް ކަންކަމެވެ. މިފަދަ ތަފާތު ޒިންމާތައް އަންހެނުންއަދާ ކުރަނީ ގިނަފަހަރަށް އެކަންޏެވެ. ނަތީޖާއެއްގެ ގޮތުން، އަންހެނުންނަށް އިޤްތިޞާދީ ފުރުޞަތުތަކުގައި ބައިވެރިވުން ހަނިވެ މުޖުތުމަޢުގައި އެމީހުންގެ ބައިވެރިވުން ހީނަރުވެގެންދެއެވެ. މީގެއިތުރުން، ގޭތެރޭގައި އަދާކުރާ މަސައްކަތްތައް މިދަނޑިވަޅުގައި އިތުރުވުމުން، އަންހެނުންނަށް ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އަސަރުކުރާނެކަން ޔަޤީނެވެ. ޒަމާނުއްސުރެ އަންހެނުންނާއި ފިރިހެނުންނަށް ތަފާތު ދައުރުތައް ކަނޑައަޅާފައިވުމާއެކު، މިފަދަ ދަނޑިވަޅެއްގައި އަންހެނުން އަދާކުރާ ދައުރުތަކަށް ލުއެއް ގެނައުމަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ގައުމު ހިންގާ ފަރާތްތަކާ އަދި މުޅި މުޖުތަމަޢުން ސަމާލުކަންދޭންވީ ކަމެކެވެ. ހަމައެއާއެކު، އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން، އަންހެނުން ގޭގައި ކުރާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި އެކަންކަމަށް ލުޔެއް ގެނައުމަކީ ވިސްނާލުން މުހިންމުކަމެކެވެ. މިގޮތުން، އަންނަވިނި ކަންކަމަށް ސަމާލުކަންދިނުން މުހިންމެވެ.

މިސާލަކަށް ކުދިން މަދަރުސާއަށް ނުގޮސް ގޭގައި ތިބޭ މި ދުވަސްކޮޅުގައި އެކުދިން ފޫހިވެ، ސިޔާސަވެ، މިޒާޖަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެކެވެ. ފިރިހެނުން ކުދިންނާއިއެކު ވަގުތު ހޭދަކޮށް، ފޫހިފިލުވައިދޭން މަސައްކަތް ކުރުމަކީ އަންހެނުން އުފުލަން ޖެހޭ ބުރަ ކުޑަ ވެގެންދާނެ ކަމެކެވެ. ކުދިންނާއިއެކު މުނިފޫހިފިލުވާލުމަށާއި، އާ ހުނަރެއް ނުވަތަ ފައިދާކުރަނިވި އިލްމެއް ދަސްކުރަން ކޮންމެ ދުވަހަކުވެސް ވަގުތު ހޭދަކުރުމަކީ ކުއްޖާއަށް ވެސް އޭގެ ހެޔޮ އަސަރު ކުރުވާނެ ކަމެކެވެ. މިފަދަ ހުނަރުތަކާއި ކުރެވިދާނެ ކަންތައްތަކަކީ އިންޓަރނެޓުން ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗެއްސެވެ.
ހަމައެއާއި އެކު ގޭތެރޭގައި ފިރިހެނުން އަދާކުރާ ދައުރު އިތުރަށް ފުޅާކުރަން ޖެހެއެވެ. އަންހެނުން ކުރާ މަސައްކަތުގައި އަތްގާތްކޮށްދިނުމުގެ ބަދަލުގައި އަމިއްލަ އިސްނެގުމުގެ މަތިން ގޭގެ މަސައްކަތްތައް – މިސާލަކަށް ނާސްތާ ތައްޔާރުކުރުމާއި، އަންނައުނު ދޮވެ އިސްތިރިކުރުން ފަދަ ކަންތައް – ކުރުމަކީ ވަކި ޖިންސެއް އެކަން ކުރުމުގެ ބަދަލުގައި ފިރިހެނުންނާއި އަންހެނުންވެސް ކުރާ ކަމަކަށް ހަދަންޖެހެއެވެ. މިފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިފިނަމަ ކުދިންނަށް ދެވިގެން އެދަނީ ވަރަށް ރަނގަޅު މެސެޖެކެވެ. މިންތީގެ ހަމަހަމަ ކަމާއި ކަރަމާތްތެރި ދިރިއުޅުމަކާއި ދިމާލަށް މިސްރާބުޖެހުމުގައި އަންނަން އޮތް ޖީލުތަކަށް ނަމޫނާދެއްކުމަކީ ބެލެނިވެރިންނާއި އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.
މި ދުވަސްވަރުގައި ކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އޯގާތެރިކަން ފޯރުކޮށް ދިނުމަކީ ވެސް ނުހަނު މުހިންމު ކަމެކެވެ. މިފަދަ ހައްސާސީ ދަނޑިވަޅެއްގައި އެމީހުންގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަނެ ވީހާވެސް ބޮޑަކަށް އުމުރުން ދުވަސްވީ މީހުންނާ އެކު ވަގުތު ހޭދަކުރުމަކީ މުޅި އާއިލާއަށް ވެސް ހިތްހަމަޖެހުން ގެނުވާނޭ ކަމެކެވެ.

ނޯޓު: ޒީނަތު ޝާކިރު މަސައްކަތް ކުރަނީ ޔޫއެންޑިޕީ ދިވެހި ރާއްޖޭގެ އިންޓަގްރޭޓަޑް ގަވަނަންސް ޕްރޮގްރާމްގަ

ގުޅޭ ޓެގު
comment ކޮމެންޓް