ރައީސް ކީރިތިކުރެއްވުމުން ދޭހަވަނީ އެމަނިކުފާނު ގައުމުދެކެ ލޯބިވާ މިންވަރު: މައުމޫން

ރައީސް ސޯލިހު(ކ) އާއި ރައީސް މައުމޫން ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

މާލެއިން ކޮވިޑް19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކުރައްވައި ވާހަކަ ދެއްކެވި އިރު، ކީރިތި ކުރެއްވުމުން ދޭހަވަނީ އެމަނިކުފާނު ދިވެހި ގައުމާއި ރައްޔިތުން ދެކެ ލޯބިވެވަޑައިގަންނަވާ މިންވަރު ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ އެދުވަހު ގައުމާ މުހާތަބު ކުރެއްވީ ގައުމަށްޓަކައި ވަރަށް ބޮޑަށް ފިކުރުކުރައްވާ ވެރިއެއް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ އެ ދުވަހު ރައީސް ސޯލިހަށް ކުރައްވާފައިި ހުރި އަސަރު، އަޑުފުޅުން ސާފުކޮށް ފެންނަމުން ދިޔަ ކަމަށެވެ.

"އެއީ އެމަނިކުފާނުގެ ހިތްޕުޅުގައި ގައުމަށް ލޯބި އޮތް މިންވަރު. އެކަހަލަ ކަންތައްތަކަށް އިހްތިރާމް ކުރަން ޖެހޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫނު ވިދާޅުވީ މިހާލަތުގައި ކޮންމެ ބޭފުޅަކަށް ވެސް އެފަދަ އަސަރެއް ކުރާނެ ކަމަށާއި، ޚުދު އެމަނިކުފާނަށް ވެސް މީގެ ކުރިން އުނދަގޫ ދަނޑިވަޅުތަކުގައި އެހެން ވެފައި އެބަހުރި ކަމަށެވެ.

ރައީސް މައުމޫންގެ އިތުރުން އެހެން ބޭފުޅުންނަށް ވެސް އެފަދަ ކަންކަމާ ދިމާވި ކަމަށާއި އެއީ އިންސާނީ ތަބީއަތް ކަމަށް ވިދާޅުވި އެވެ.

ކޮރޯނާވައިރަހަށް މާލެއިން ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ރައީސް ސޯލިހު ކީރިތި ކުރައްވައި އެދިވަޑައިގަތީ ރައްޔިތުންގެ އެއްބާރުލުމަށެވެ.

ރައީސަށް ކީރިތި ކުރެއްވުމުން އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފަ އެވެ.

comment ކޮމެންޓް