ގޭގައި ތިބެންވީ މީހަކު ބުނީތީއެއް ނޫން، އަމިއްލަ ސަލާމަތަށް: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތުގައި ކޮންމެ މީހަކު ވެސް ގޭގައި މަޑުކުރަންވީ ގައުމާއި އަމިއްލަ ސަލަމާތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ 30 އަހަރުުގެ ދިގު ވެރިކަމުގައި ރާއްޖެއަށް ކުރިމަތިވި ކާރިސާތައް ވަރަށް ގާތުން ފެނިވަޑިގެންނެވި ކަމަށެވެ.

ޝިގެއްލާ ރޯގާ އަދި ސުނާމީ ކާރިސާފަދަ ކަންކަމުން އަރައިގަނެވުނީ، ރައްޔިތުންގެ ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންކަން ފާހަގަކުރައްވައި، ރައީސް މައުމޫން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމީ ރޫހެއްގައި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ދިވެހި ރައްޔިތުން ވީހާވެސް އެއްބައިވަންތަކޮށް ތިއްބެވުން. ހުރިހާ އެންމެން ވެސް އެކަތިގަނޑަކަށް ވެގެން އެއް ރޫހެއްގައި މަސައްކަތް ކުރެއްވުން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރިކަން އޮތީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށާއި، މުޅި ދުނިޔެވެސް މިވަގުތު އޮތީ އެ ބިރުވެރިކަމުގެ ތެރޭގައި ކަމަށެވެ.

އެހެންކަމުން ހުރިހާ ދިވެހިން ވެސް ކެތްތެރިވެ، އަޅުކަންތައް ކުރުން އިތުރުކުރުމަށާއި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ކިޔަމަންވުމަށް ރައީސް މައުމޫން އެދިވަޑައިގަތެވެ.

ރައީސް މައުމޫން ވިދާޅުވީ ބަލިމަޑުކަމެއް ފެތުރެމުން އަންނަ އިރު ގޮތް ނިންމާނީ ސިޔާސީ މީހުން ނޫން ކަމަށާއި، ބަސް ބުނާނީ ކަމާބެހޭ މާހިރުން ކަމަށެވެ.

"މިހާރު އެބޭފުޅުން މިވަނީ އަންގަވާފަ ގެއިން ބޭރަށް ނުނުކުންނާށޭ. އެހެންވީމަަ ކޮންމެ ބޭފުޅަކު ވެސް އެބަ ޖެހޭ ގޭގައި މަޑުކުރަން. ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގޮތަކަށް ވެސް ބޭރަށް ނުދާން. އަދި ބޭރަށް ދާއިރު ސޯޝަލް ޑިސްޓެންސް ބަހައްޓާން،" މައުމޫން ވިދާޅުވި އެވެ.

ސިއްހީ މާހިރުން ދެއްވާ ލަފަޔާ އިރުޝާދުތަކަށް ރަައްޔިތުން ފުރިހަމައަށް ކިޔަމަންވާނަމަ، ލަސްތަކެއް ނުވެ މިކަމުން އަރައިގަނެވޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"ކޮންމެ މީހަކު ވެސް މިކަން ކުރަންވީ އެމީހެއްގެ އަމިއްލަ ވާޖިބެއް ކަމުގައި ދެކިގެން، އެހެން މީހަކު ބުނީމަކާ ނޫން، ގައުމަށްޓަކައި އަދި އޭނާގެ އަމިއްލަ ސަލާމަތަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވަނީ ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން އަޅާފައިިވާ އަދި އަޅަމުން އަންނަ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައިފަ އެވެ. މައުމޫން ވިދާޅުވީ އެ ފިޔަވަޅުތައް ނޭޅިނަމަ، ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ.

"މިވަރަށް ވެސް ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި ހިފެހެއްޓިފައިި މިއޮތީ އަޅުގަނޑުމެންގެ ރަސްމީ ފަރާތްތަކުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން. އެ ފިޔަވަޅުތައް ނޭޅުއްވިނަމަ މިއަށްވުރެ މާ ހާލު ގޯސް ވީސް،" މައުމޫން ވިދާޅުވި އެވެ.

މިހާރު ކަމާބެހޭ ފަރާތްތަކުން އަޅަމުން އަންނަ ފިޔަވަޅުތަކަކީ، ރާއްޖޭގައި ބަލީގެ ހާލަތު އޮތް ގޮތް ދިރާސާކުރުމަށްފަހު، އެކަމަށް އެންމެ އެކަށޭނަ ފިޔަވަޅުތައް ކަމަށާއި، އެހެންކަމުން އެކަންކަމާ ދެކޮޅު ހެދުމުގެ އިހްތިޔާރު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް މުޅި ޖުމްލަ 52 މީހަކަށް ބަލި ޖެހިފައި ވާއިރު، މުޖުތަމައުގެ ތެރޭގައި ބަލި ވަނީ ފެތުރެން ފަށައިފަ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް ބައްޔަށް ޕޮޒިޓިވް 17 މީހަކު ފެނިފައިވެ އެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް، ޒަރޫރީ ބޭނުމެއްގައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން އޮތީ މަނާކޮށްފަ އެވެ.

comment ކޮމެންޓް