އެއްދުވަސްތެރޭ ރާއްޖެއިން ރެކޯޑު އަދަދަކަށް ޕޮޒިޓިވް ކޭސް

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އޮތް ކޮރޯނާވައިރަހުގެ ހާލަތު ބަދަލުވީ މި މަހުގެ 15 ދުވަހު މާލެ ތެރެއިން ވައިރަހުގެ ފުރަތަމަ ކޭސް، ފެނުމާ އެކު އެވެ. އެއާ އެކު، މުޖުތަމައު ތެރޭގައި ބަލި ފެތުރުން ނޫނީ ކޮމިޔުނިޓީ ސްޕްރެޑްގެ ހާލަތް މާލޭގައި އޮތްކަން ޔަގީންވި އެވެ.

މިއަދަށް ބަރާބަރު ހަފްތާއެއް ވީއިރު އެ ދުވަހުގެ ފަހުން ދުވާލަކު 3-4 ކޭސް ވަރު އަންނަނީ މާލެ ތެރެއިން ފެންނަމުންނެވެ. އެކަމަކު މިއަދު މިއީ އެވައިރަހުގައި ހަފްތާއެއްވީ އިރު އެންމެ ޕީކް އެއް ދުވަހެވެ. ކުއްލިއަކަށް ގިނަ ކޭސްތަކެއް މާލެ ތެރެއިން ފެންނަން ފެށީ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރި ގޮތުގައި، ތޮއްޖެހިފައިވާ ބިދޭސީން ދިރިއުޅެމުން ދިޔަ ތަނަކުން މިފަހުން ސަރުކާރުގެ ބެލުމުގެ ދަށަށް، ގެންދިޔަ ބިދޭސީއަކު ފްލޫ ކުލިނިކަށް ދެއްކުމުން ހެދި އޭނާގެ ޓެސްޓްތަކުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއަށް ފަހު، ދެން އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ލިލީ އެންޓަޕްރައިސަޒްގައި މަސައްކަތް ކުރާ 13 ބަންގްލަސޭޝް ރައްޔިތަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ބްރައިޓް ބްރަދާޒްގައި މަސައްކަތް ކުރަމުން އަންނަ، އޭސީ ސާވިސްކުރާ ދެ ބިދޭސީއަކުވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އެއާ އެކު، މިއަދު އެކަނި މުޅި މާލެއިން 16 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ކޮމިޔުނިޓީ ސްޕްރެޑަށް ފަހު މާލެއިން ފެނުނު ކޭސްތަކުގެ އަދަދު މި ވަނީ 31 އަށް އަރައިފަ އެވެ.

އެ ކޭސްތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ޕޮޒިޓިވްވި 13 ބަންގްލަދޭޝް މީހުންނަކީ ޕޭޝަންޓް 27ގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށެވެ. ޕޭޝަންޓް 27 އަކީ ލިލީ އިންޓަޕްރައިސަސްގައި މަސައްކަތް ކުރާ، ދިވެހި އަންހެން މުވައްޒަފެކެވެ.

ފްލޫ ކުލިނިކަށް ދިޔަތަނުން ޕޮޒިޓިވްވީ ބިދޭސީ މީހާއަކީ މިހާރު ހޯދިފައިވާ ކްލަސްޓާތަކުގެ ތެރެއިން ކޮން ކްލަސްޓާއަކާ ގުޅުން ހުރި މީހެއް ކަމެއް އަދި އެއީ އާ ކްލަސްޓާއެއް ކަމެއް ވެސް ނޭނގޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެކަން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މީގެ އިތުރުން، މިފަހުން މާލެއިން އައުމަށް ފަހު، ހއ. އުލިގަމަށް ދިޔަ އެ ރަށު މީހަކު ވެސް އަލާމާތްތަކެއް ފެނިގެން ޓެސްޓް ކުރިއިރު، ފުރަތަމަ ޓެސްޓުން އޭނާ ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެއާ އެކު، ކޮވިޑް-19 ބަލި ހުރިކަން ކަށަވަރު ކުރަން ހަދާ ދެވަނަ ޓެސްޓް ހެދުމަށް ސާމްޕަލް ނަގައި ވަނީ މަސައްކަތް ފަށައިފަ އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި، މިދިޔަ ހަފްތާއެއްހާ ދުވަސްތެރޭ މާލެއިން ފެނުނު ކޭސްތަކުގައި އިޖުތިމާއި ގައިދުރުކަމަށް ސަމާލުކަން ނުދިނުމާއި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތްގޮތަށް ގެއިން ބޭރަށް ނިކުމެ އުޅުމަކީ ބަލި ބޮޑަށް ފެތުރެން ދިމާވި ސަބަބެއް ކަމަށް ފާހަގަ ވެފައިވާ ކަމަށެވެ.

ކޮވިޑްގެ ބިރުވެރިކަން ދުނިޔެއިން ފެނުމާއެކު ބަލިން ރައްކާތެރިވުމަށް ރާއްޖެއިން ވެސް ފިޔަވަޅުތައް އަޅަން ފެށި އެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަމަށް ބާރު އެޅުމާއި، ކާފިއު އިއުލާން ކުރުން ފަދަ ކަންކަމާއި ސަރުކާރު އޮފީސްތައް ބަންދު ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ރާއްޖެއިން މިހާތަނަށް ފެނިފައިވާ 51 ކޭހުގެ ތެރެއިން މާލެއިން ފެނުނު ކޭސްތަކުގެ ބޭރުން ރާއްޖެއިން މުޅިން ވެސް ފެނިފައި ހުރީ އިމްޕޯޓެޑް ކޭސަސް ނޫނީ ރާއްޖެއިން ބޭރުން ރާއްޖެ އައި މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ކޭސްތަކެވެ.

އެއީ، މާޗް ހަތްވަނަ ދުވަހު އެވެ.

ޅ. ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއެއް، އެނބުރި ގައުމަށްދިޔަ ފަހުން އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އަންގާފައިވަނިކޮށް އެ ރިސޯޓުން ދެ މީހަކު ބައްޔަށް ޕޮޒިޓިވްވި އެވެ. އޭގެ ފަހުން އެކި ރިސޯޓުތަކާއި ސަފާރީތަކުން ފަތުރުވެރިން ބައްޔަށް ޕޮޒިޓިވްވެގެން ފަރުވާދިނެވެ.

އޭގެ ފަހުން ރާއްޖެއިން ބޭރުން އައިތަނުން ކަރަންޓީނުގައި ތިބި އިތުރު ހަތަރު ދިވެއްސަކު ބައްޔަށް ޕޮޒިޓިވް ވިއެވެ.

މިހާރު އެންމެ ބިރުވެރި ކަމަކީ، ގިނަ ބަޔަކު އެއްތަނެއްގައި ނިދައި ކައިބޮއި ހަދާ ބިދޭސިންގެ މެދުގައި ބަލި ފެތުރިދާނެ ކަމުގެ ބިރުވެރި ކަމެވެ. އެހެން ވެއްޖެނަމަ، ގިނަ އަދަދެއްގެ ބިދޭސިން ތޮއްޖެހިގެން އުޅޭ މާލެ ސިޓީގައި އޮތް ބިރުވެރިކަން އިންތިހާއަށް ދާނެ އެވެ. ސިންގަޕޫރުގައި ކުއްލިއަކަށް ކޭސްތައް އިތުރުވެގެން އުޅެނީ، އެ ގައުމުގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ބަލި ފެތުރެން ފެށި ހިސާބުންނެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވާއިރު ރާއްޖޭގައި ކޮރޯނާވައިރަހުގެ ކޮމިޔުނިޓީ ސްޕްރެޑް ނޫނީ މުޖުތަމައުގެ ތެރެއަށް ފެތުރިއްޖެނަމަ ވެދާނެ ގޮތްތަކާ ގުޅޭ ދިރާސާއެއް އެޗްޕީއޭ އިން ވަނީ ހަދައިފަ އެވެ.

މި ދިރާސާގައި ބުނާގޮތުން ރައްކާތެރިކަމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅާނަމަ ހަފްތާއެއްގެ ތެރޭގައި 19،000 ކޭސް ރާއްޖެއިން ފެންނާނެ އެވެ. މި ހާލަތުގައި 2000 އަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކާއެކު ރައްކާތެރިވެއްޖެ ނަމަ ބަލިޖެހޭ މީހުންގެ އަދަދު 23 އަށް ތިރިކުރެވޭނެ ކަމަށް އެޗްޕީއޭ އިން އެކުލަވާލި އަންދާސީ އަދަދުތަކުގައި ވެއެވެ.

އެ ދިރާސާގައި ލަފާކުރާ ގޮތުގައި މިހާރުވެސް 100 އެއްހާ ޕޮޒިޓިވް މީހުން ރާއްޖޭގައި އުޅުން އެކަށީގެންވެ އެވެ. މި ބާރު މިނުގައި ވައިރަސް ފެތުރިގެންފި ނަމަ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ޑޮކްޓަރުން ގެނެސްގެން ވެސް ބަލި ޖެހޭ މީހުންނަށް ފަރުވާ ނުދެވޭނެ ކަމަށް އަންދާސީ އަދަދުތައް އެކުލަވާލާ ރިޕޯޓު ތައްޔާރުކުރެއްވުމުގައި އުޅުއްވި ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.

ވައިރަހަށް ފަރުވާތެރި ނުވިވިއްޖެ ނަމަ، 100،000 އަށް ވުރެ ގިނަ މީހުންނަށްވެސް ވައިރަސްޖެހި، ފަރުވާދޭން ޖެހިދާނެ ކަމުގެ އިންޒާރު އެ ދިރާސާގައި ދީފައިވެ އެވެ.

ޑރ. ޝީނާ ވިދާޅުވެފައިވާ ގޮތުގައި މިހާރު ވައިރަސް ފެތުރޭ ހަލުވި މިނުގައި ފެތުރިއްޖެ ނަމަ، ކުރިއަށް އޮތް ރޯދަ މަހަކީ، އެންމެ ގިނަ މީހުން ވައިރަށް ޕޮޒިޓިވްވާ އަދަދު ގިނަ ވާނެ ދުވަސްވަރު ކަމަށާއި އެ ސްޓޭޖަށް ދާއިރު އެ އެންމެނަށް ފަރުވާ ދެވޭނެ ކެޕޭސިޓީއެއް ރާއްޖޭގެ ހެލްތް ސިސްޓަމްގައި ނެތެވެ.

މިހާރު މާލެއިން ބަލީގެ ކޭސްތައް ފެންނަމުންދާ މިންވަރަށް ބަލާއިރު ކުރިން ފެނިފައިވާ ކޭސްތަކާ ގުޅުން ނެތް މީހުންވެސް ދަނީ ފެންނަމުންނެވެ. ބަލި ކޮންޓްރޯލު ކުރުމަށް މާލެ ސަރަހައްދު ލޮކްޑައުންކޮށް ބޭރަށް ނިކުތުން މަނާކޮށްފައިވާއިރު ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުންވެސް ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީ އިންް އަންގާފައިވާއިރު، ރަށްރަށުގައި ވަނީ ބަލި ފެތުރިދާނެ ކަމަށް މުހިއްމު ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އާންމުން އެއްވެ އުޅުން މަނާކުރުމާއި، ފިހާރަތަކުގެ ވިޔަފާރި ގަޑިތައް މަދުކޮށް ފިހާރައަށް ދިޔުމުގެ ބަދަލުގައި ޑެލިވަރީގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރުން ހިމެނެ އެވެ.

އެންއީއޯސީ އިން މިއަދުވެސް ވަނީ ބަލިން ރައްކާތެރިވުމަށް މިވަގުތު އެޅުންއޮތް ފިޔަވަޅު އަޅައި، ގެއިން ބޭރަށް ނުނިކުމެ ތިބުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.

ރާއްޖެއިން ޖުމްލަ 51 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 16 މީހުންނެވެ.

comment ކޮމެންޓް