ހުރިހާ މުސްލިމުންނަކީ އެއް ހަށިގަނޑެއް، އެކަކު އަނެކަކަށް އަޅާލާ: އިސްލާމިކް މިނިސްޓަރު

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުރިހާ މުސްލިމުންނަކީ އެއް ހަށިގަނޑެއް ކަމުގައި ދެކިގެން މި ދަނޑިވަޅުގައި އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ގޮވާލައްވައިފި އެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްްކަވަމުން މިނިސްޓަރު ވިދާޅުވީ، މާތްﷲ އިންސާނުން އެކި ގޮތްގޮތަށް އިމްތިހާނުކުރައްވާ ކަމަށެވެ. އަދި ކޮވިޑް-19 ވައިރަސް ފެތުރިފައި މިވާ ހާލަތަކީވެސް އިމްތިހާނެއް ކަމަށް ވިދާޅުވިއެވެ. އަދި މި ހާލަތަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތު ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހުރިހާ މުސްލިމުންނަކީ އެއް ހަށިގަނޑެއްގެ ގޮތުގައި ކީރިތި ރަސޫލާ (ސއވ) ސިފަކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން، ހަށިގަނޑުގެ އެއް ގުނަވަނަށް ގެއްލުމެއް ލިބުނު ކަމަށްވިޔަސް މުޅި ހަށިގަނޑަށް އެކަމުގެ ގެއްލުންވާހެން މުސްލިމަކަށް ގެއްލުންވީމާ އަނެއް މުސްލިމް މީހާއަށްވެސް އެ ވޭނުގައި ބައިވެރިވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކީރިތި ރަސޫލާ (ސއވ) ހުރިހާ މުސްލިމުންގެ މިސާލު ޖައްސަވާފައި ވަނީ އެއް ހަށިގަނޑެއް ފަދައިން. އެހެންވީމަ އެކަކަށް ކަމެއް ވެއްޖެއްޔާ، ރަސޫލާ އެ ބަޔާން ކުރައްވަނީ ހަށިގަނޑުގެ އެންމެ ގުނަވަނަކަށް ގެއްލުމެއް ލިބުނު ކަމަށް ވަނީނަމަ މުޅި ހަށިގަނޑު އެ ގެއްލުމުގެ އިހުސާސް، އެ ތަދުގައި ބައިވެރިވާހެން މުސްލިމް އަޙަކަށް ގެއްލުމެއް ލިބިއްޖެއްޔާވެސް އަނެއް މުސްލިމް އަޙާވެސް އެ އަޅާ ވޭނުގައި އެ ކެކުޅުމުގައި އެބަ ޖެހޭ ބައިވެރިވާން. އެހެންވީމަ މިއީ އެ ވަގުތު. އަޅާލަން ޖެހޭ ވަގުތު. އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ވަގުތު،" މިނިސްޓަރު ވިދާޅުވިއެވެ.

މުސްލިމަކު އޭނާގެ މުސްލިމް އަޙާއާ މެދު އަޅާލާ ހިނދަކު މާތްﷲ އެ މީހަކަށް އަޅާލުމުގައި ދެމި ހުންނަ ކަމަށް ކީރިތި ރަސޫލާ (ސއވ) ހަދީސްކުރައްވާފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށް އެދޭ ކަންކަން ތިމާގެ އަޚާގެ މައްޗަށް އެދެން ޖެހޭނެ ކަމަށް ރަސޫލާ (ސއވ) ކުރެއްވި ހަދީސްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެދޭނެ އަމިއްލަ ނަފްސަށް ހެވާއި ލާބަ. އަޅުގަނޑުމެން އެދޭނެ އަމިއްލަ ދަރިން ސަލާމަތް ކުރަން. އަޅުގަނޑުމެން އެދޭނެ ލޯބިވާ މީހުން ސަލާމަތް ކުރަން. މައިންބަފައިން ސަލާމަތް ކުރަން. ހަމަ އެފަދައިން އަޅުގަނޑުމެން އެބަ ޖެހޭ މަސައްކަތް ކުރަން ތިމާގެ މުސްލިމް އަޚާވެސް ސަލާމަތް ކުރެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ. "އަނެކާއަށް އެ މީހެއްގެ ސަބަބުން އެއްވެސް ކަހަލަ ގެއްލުމެއް ނުވާ ގޮތަށް އަޅުގަނޑުމެން އުޅެވޭތޯ އެބަ ޖެހޭ މަސައްކަތް ކުރަން،"

އޭގެ އިތުރުން މިރޭ މިނިސްޓަރު ޑރ. ޒާހިރު ވަނީ ސަބަބުތަކުގައި ހިފައި ރައްކާތެރިވާނަް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅައި ކަމާ ބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ބޯލަނބަންވެސް ގޮވާލައްވައިފައެވެ.

"ކަމާ ބެހޭ ފަރާތްތަކުން ދޭ ލަފައާ އިރުޝާދުގައި ނުހިފާ ބޭނުންހާ ގޮތަކަށް އުޅޭކަމަށްވަންޏާ ވައިރަސް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު. ވާން ހުރި ކަމެއް ވާނެއޭ ކިޔާފައި ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާ ކަމަށް ވަންޏާ އެ މީހަކަށް މި ބަލީގެ އަސަރު ކުރުމަކީ ވަރަށް ގާތް ކަމެއް. ރައްކާތެރިވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެބަ ޖެހޭ އަޅަން،" މިނިސްޓަރު ވިދާޅުވިއެވެ.

ގޭގައި ތިބޭ އިރު ފަސް ނަމާދުކޮށް، ގުރުއާން ކިޔަވައި، ދުއާކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގޭތެރޭގެ ކަންކަމުގައި އަނބިމީހާއަށް އެހީތެރިވުމާއި ދަރިންނަށް އަޅާލުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

comment ކޮމެންޓް