ލޮކްޑައުން ހާލަތުގައި ތާޒާ ފެން ކޭސް ޑެލިވަރީ ކޮށްދޭން އެމްޑަބްލިއުއެސްސީއާއި އެކުންފުނީގެ ސަބްސިޑަރީ ކުންފުނި، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުން ނިކުމެވަޑައިގެންފި އެވެ.
މި މަސައްކަތުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު ހަރަކާތްތެރިވަމުން ގެންދަވަނީ ޕިކަޕު ޑްރައިވަރެއްގެ ގޮތުގަ އެވެ. އަދި އައިލެންޑް ބެވަރޭޖަސްގެ އެމްޑީ އިބްރާހިމް އަންވަރު އުޅުއްވަނީ ގެތަކާ ހަމައަށް ކޭސް ޑެލިވަރީ ކޮށްދެއްވުމުގަ އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1587129977407tHf.jpg)
ޑެލިވަރީ މަސައްކަތުގައި އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހު މަސައްކަތް ކުރައްވަނީ ޑްރައިވަރެއްގެ ގޮތުގައި-- ފޮޓޯ/ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް
އާންމު ހާލަތުގައި ހުކުރު ދުވަސްތަކުގައި ފެން ޑެލިވަރީ ނުކޮށްދިން ނަމަވެސް ލޮކްޑައުން ހާލަތުގައި ގިނަ އަދަދެއްގެ އޯޑަރުތައް ލިބިފައި ހުރުމުން އައިލެންޑް ބެވަރޭޖަސްއިން ވަނީ މިއަދު މެންދުރު 2:00ގައި ޑެލިވަރީގެ ހިދުމަތް ފަށާފަ އެވެ.
އެގޮތުން އާންމު ހާލަތާ އަޅާބަލާއިރު ލޮކްޑައުން ހާލަތުގައި ފެން ކޭހަށް ލިބިފައިވާ އޯޑަރުތައް 10 ގުނަ އިތުރުވެފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1587130052332nEd.jpg)
ޑެލިވަރީ މަސައްކަތުގައި އައިލެންޑް ބެވަރޭޖަސްގެ އެމްޑީ އަންވަރު-- ފޮޓޯ/ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް
މި މަސައްކަތް މިރޭ 12:00އާ ހަމައަށް ކުރިއަށްގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެ އެވެ.
އޯޑަރުތައް ގިނަވުމާއެކު ތާޒާ ފެނަށް އޯޑަރު ކުރުމަށްޓަކައި ހާއްސަ އޮންލައިން ފޯމެއް އިއްޔެ އެކުންފުނިން ވަނީ ތައާރަފުކޮށްފަ އެވެ.
މި ފޯމު އެކުންފުނީގެ ވެބްސައިޓުގެ އިތުރުން ފޭސްބުކް ޕޭޖު އަދި ޓުވިޓާ މެދުވެރިކޮށް ވެސް ފުރިހަމަ ކޮށްލެވޭނެ އެވެ. އަދި ހޮޓްލައިން ނަންބަރު 9885544 އަށް ގުޅައިގެން ވެސް ތާޒާ ފެނަށް އޯޑަރު ކުރެވޭނެ އެވެ.