ހިމޭން ވަގުތުކޮޅަކަށް ފަހު ގަދަ ތޫފާނެއް، ވާނީ ކިހިނެއް؟

އޭޕްރީލް 2، 2020: މުޅި ދުނިޔޭގައި ހަލުއި ކަމާއިއެކު ފެތުރެމުންދާ އަދި ރާއްޖެއިންވެސް ފެނިފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އިތުރަށް ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށް އިއުލާން ކުރި ކާފިއުއާ އެކު، މާލޭގެ މަގުތަކުން މީހުން ހުސްވެ، ހިމޭންކަން ވެރިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހުގެ ނުރައްކާތެރިކަން ރާއްޖޭގައި މި ވަނީ ބޮޑުވެފަ އެވެ. ދުނިޔޭގެ އެންމެ ތޮށްޖެހިގެން މީހުން އުޅޭ އެއް ސިޓީ ކަމަށްވާ މާލެ ސިޓީއިން ފުރަތަމަ ފަހަރަށް ވައިރަސް އަށް ޕޮޒިޓިވް ވި ކޭސް އެއް ފެނުމާއެކު އޮތީ މުޅީން އާ ބިރުވެރިކަމެއް އުފެދިފަ އެވެ. މުޖުތަމައުގައި އުޅޭ މީހުންގެ ކިބައިން ބަލި ފެނި އެންމެ ނުރައްކާތެރި ހާލަތް ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން މި ވަނީ ޔަގީންވެފަ އެވެ.

މިހާރު އެންމެންގެ ސުވާލަކީ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނުތާ ތިން ދުވަސް ރަނގަޅަށް ހަމަނުވެ އުޅެނިކޮށް މިހާރު އެ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ. ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑް އުފެދިއްޖެ ހާލަތުގައި ކަންވާނެ ގޮތާ ގުޅޭ ގޮތުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކުލަވާލި އެޕިޑޮމޮލޮޖިކަލް ސާވޭއިން ހާލަތުގައި ބިރުވެރިކަން ބުނެދެ އެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އެޕިޑޮމިލޮޖިކަލް ސާވޭ ރިޕޯޓުގައި ބުނެފައިވަނީ ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ، އެންމެ ނުރައްކާތެރި ހާލަތަށް ގޮސް ރާއްޖެއިން 98،501 މީހަކަށް އެ ވައިރަސް ޖެހި، 10،891 މީހުން މަރުވުން އެކަށީގެންވާ ކަމަށެވެ.

އެކަމަކު އެ ހާލަތަށް ނުގޮސް ދިވެހިންނަށް ސަލާމަތް ވެވިދާނެ އެވެ.

ޗޮއިސެއް ނޫން، އިރުޝާދުތައް އަޑުއަހާ!

ރާއްޖެއިން ކޮރޯނާވައިރަސްގެ ފުރަތަމަ ކޭސް އެއް ފެނުނު ހިސާބުންވެސް ސަރުކާރުންނާއި ސިއްހީ ދާއިރާގެ މާހިރުން ދަައްކަމުން ދިޔައީ އެއް ވާހަކައެކެވެ. އެ ހުރިހާ ފަރާތްތަކުން އަމިއްލަ ފުރާނަ ނުރައްކަލަށް ލައިގެން ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތްކުރަމުން ދިޔައިރު އެ ފަރާތްތަކުގެ އޮތީ އެންމެ އާދޭހެކެވެ. އެއީ އިޖުތިމާއި ގައިދުރުކުރަން ދަމަހައްޓައި ގޭގައި މަޑުކުރުމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ޑޮކްޓަރުން ހާމަކުރާ ގޮތުން ގޭގައި މަޑުކުރުމުގެ ސަބަބުން އެ ވައިރަސް ފެތުރުން ކޮންޓްރޯލުކުރުމަށް އެހީތެރިކަން ލިބޭނެ އެވެ. އަދި އެ ވައިރަސް ޖެހިފައިވާ ގޮތާއި މަގުޗާޓެއް ހެދުމަށް ފަސޭހަކަމެއް ލިބިގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑް19ގެ ފަހުގެ މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަބް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ގުދު ފަތި ކުރުން" ވަރަށް މުހިންމު!

ރާއްޖެއިން ވައިރަސް ހުއްޓުވުމަށްޓަކައި ފެލްޓެނިން ދަ ކާވް ނުވަތަ ގުދު ފަތިކުރުން މުހިއްމު ކަމަށް ސަރުކާރުން ވެސް ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެކަން ކުރެވެން އޮތީ އާންމުންގެ އެއްބާރުލުމާއެކު އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ގުދު ފަތިކުރުމަށްޓަކައި އެންމެ މުހިއްމު ކަމަކަށް ކުރެވޭނެ މަސައްކަތަކީ ގިނައިން މީހުން އެއްވާ އެއްވުން ކޮންޓްރޯލުކޮށްގެން ކަމަށެވެ.

މިސާލަކަށް މަގު ހުރަސް ކުރާ އިރު ދެ މީހަކު ވައި އެޅިލުމާ ޖެހިޖެހިގެން އެއްގަޑިއިރު ވަންދެން ކައިރީގައި ތިބޭ އިރުގައި ދެ މީހުންގެ ތެރޭގައި ބަލި މީހަކު އިނދެއްޖެ ނަމަ ފެތުރުމުގެ ޗާންސް އިތުރުވާނީ ކައިރީގައި ތިބި މީހުންގެ މެދުގައި ކަމަށް މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެގޮތަށް ތިބޭ ތިބުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ޗައިނާގައި ބަލިމީހުންތަކެއް އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ގެންދިއުމަށް ތައްޔާރުވެގެން---

ޗައިނާއިން މިސާލު ނަގަމާ!

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އުފެދިގެން އައި ޗައިނާގެ ވޫހާން އަކީ އެ ވައިރަސް ކޮންޓްރޯލުކުރުމުގައި މިސާލަކަށް ބެލިދާނެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިރަސްގެ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވެގެން ދިޔައިރު، ޗައިނާއިން މިހާރު ފެންނަމުން ދަނީ މުޅީން ތަފާތު މަންޒަރެކެވެ. ޗައިނާއިން ފެނިގެންދަނީ ވައިރަސް ކޮންޓްރޯލުކުރެވެމުންދާ މަންޒަރުތަކެކެވެ.

ނަމަވެސް އެ ހިސާބަށް ވާސިލުވުމަށް ޗައިނާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. ވައިރަސްއާ އެކު އިޖުތިމާއީ ގައިދުރުކުރުން ގާއިމުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައި ވޫހާން އާއި ކައިރި ސަރަހައްދުތައް އެއްކޮށް ބަންދުކޮށްލި އެވެ. އެ ސަރަހައްދުތަކުން ބަޔަކަށް ބޭރެއް ނުވެވެ އެވެ. އަދި ބަޔަކަށް އެ ސަރަހައްދުތަކަށް އެތެރެއެއް ނުވެވެއެވެ. ޖުމްލަ އެއް މަހަށް މުޅި ސިޓީ އާއި ކައިރި ސަރަހައްދު ލޮކްޑައުންކޮށް މުޅި ސަރަހައްދުގެ ދަތުރުތައްވެސް މަޑުޖައްސާލި އެވެެ.

ޗައިނާއިން އެޅި ފިޔަޅުތަކަށް ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ވެސް ތާއިދުކޮށްފަ އެވެ.

"މީގެ ކުރީން ނުވެސް އެނގޭ ވައިރަސް އެއް ހުއްޓުވުމަށްޓަކައި ޗައިނާގެ ފަރާތުން އަޅާފައިވަނީ ވަރަށް ވަރުގަދަ އަދި ވަރަށް އުއްމީދީ ފިޔަވަޅުތަކެއް. މިއީ ވައިރަސް އެއް ކޮންޓްރޯލުރުމަށް ތާރީހުގައިވެސް އެޅި އެންމެ ވަރުގަދަ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭނެ ކަމެއް،" ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމެރިކާގެ ނިއުޔޯކްގެ ހޮސްޕިޓަލްއެއް ކައިރިގަިއ ބަޔަކު--

ކޮމިއުނިޓީ ސްޕްރެޑްގައި ވަނީ މިހެން!

ކޮމިއުނިޓީ ޓްރާންސްމިޝަނެއް އުފެދިދާނެ ކަމުގެ ބިރު އޮތް އިރު އެފަދަ ކަމެއް ވުމުން ކަންތައް ވެދާނެ ގޮތުގެ މިސާލަކަށް ބަލާނަމަ އެމެރިކާ އެއީ މިސާލެކެވެ. އިމްޕީރިއަލް ކޮލެޖް ލަންޑަނުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި، އެމެރިކާއިން ވަރުގަދަ ފިޔަވަޅުތަކެއް ނާޅައިފިނަމަ އެ ވައިރަސްގެ ސަބަބުން 2.2 މިލިއަން ވަރަކަށް މީހުން މަރުވާނެ އެވެ.

އެމެރިކާގެ ސީޑީސީ އިން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އެ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި ޓެސްޓުކުރުމުގެ ކެޕޭސިޓީ ވަރުގަދަކޮށް އެނދުތަކުގެ އަދަދު އިތުރުކުރަން ޖެހިފައިވާ ކަމަށެވެ.

އެމެރިކާގެ ސިއްހީ ދާއިރާގެ މާހިރުން ބުނާގޮތުގައި އެމެރިކާގެ ހާލަތު އެހާ ހިސާބަށް ވެއްޓުނުއިރު އެކަމަކީ އޭގެން ސަލާމަތްވެވެން ގޮތްތައް އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނެތުމުގެ ސަބަބުން އެ ވައިރަސް ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށް ސިއްހީ ދާއިރާގެ މާހިރުން ބުނެ އެވެ.

ސީޑީސީއިން މިހާރު ބުނަނީ އެ ވައިރަސް ޖެހިފައިވާ މީހުންގެ ސީދާ އަދަދެއް ހޯދަން އުނދަގުވާނެ ކަމަށެވެ. އަދި ރިޕޯޓުނުކުރާ ގިނަ މައްސަލަތައްވެސް ހުރުން އެކަށީގެންވާ ކަމަށް ސީޑީސީއިން ބުނެ އެވެ. މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެމެރިކާއިން ވަނީ 700،000 އާ ގާތްކޮށްފައެވެ.

އެކަމާ ގުޅިގެން އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނެފައިވަނީ ޓެސްޓު ކިޓުތައް ގައުމުން މަދުވެފައިވާ ކަމަށެވެ. އަދި ބަލިވާ ފަރާތްތަކަށް ފަރުވާ ދޭނެ ވަސީލަތްތައް މަދުވެފައިވާ ކަމަށާއި އެ ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައި ފަރުވާ ދޭނެ ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށް ވަނީ ސީޑީސީއިން ދާދި ފަހުން ހާމަކޮށްފައެވެ.

އެއާއެކު އެމެރިކާގެ ސަރުކާރަށް ދަނީ ގިނަ ބައެއް ފާޑުކިޔުން ރައްދުވަމުންނެވެ. އެއީ ވައިރަސް ފެތުރެމުންދާކަން އެނގިހުރެވެސް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް ބުނެއެވެ. އެހެންކަމުން ވައިރަސްއާ ގުޅޭގޮތުން ފަރުވާކުޑަކޮށްލައިފި ނަމަ އެމެރިކާއިން ފެނުނު ފަދަ މަންޒަރުތަކެއް ފެނުން އެކަށީގެންވެއެވެ.

މާލެ ސިޓީއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވިކަން އިއުލާނު ކުރުމާއި އެކު މީހުން އެއްޗެހި ގަތުމަށް އެސްޓީއޯ ސުޕަރމާކެޓް ކައިރީގައި ކިޔު ހަދައިގެން --- ފޮޓޯ: ސަން

ރާއްޖެއިން ފިޔަވަޅު އެޅި، އިހުމާލުވީ ރައްޔިތުން!

ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނުމާއެކު ވަނީ ތަފާތު ގިނަ ފިޔަވަޅުތައް ސަރުކާރުން އަޅާފަ އެވެ. އެގޮތުން ބޭރުގެ ގައުމުތަކާއެކު ދަތުރުތައް މެދުކަނޑާލައި ރާއްޖޭގެ އެތެރޭގެ ދަތުރުތައް ވަނީ ކޮންޓްރޯލުކޮށްފަ އެވެ. ސަރުކާރު ބަންދުކޮށް، މާލެ ސިޓީ ސަރަހައްދު ލޮކްޑައުންއަކަށް ގެނެސް އިޖުތިމާއީ ގައިދުރުކުރުމަށް ބާރުއަޅައި ކޮންމެ ދުވަހަކު ސިއްހީ ދާއިރާގެ މާހިރުން ގޮވަމުން ދިޔައީ ގޭގައި މަޑުކުރާށެވެ. އިޖުތިމާއީ ގައިދުރުކުރުން ޕްރެކްޓިސް ކުރުމަށެވެ.

ސަރުކާރު ބަންދުކުރުމާއެކު ގިނަ ބަޔަކަށް ހީވީ ބޮޑު ޗުއްޓީއެއް ލިބުނުހެނެވެ. އެކުވެރިންނާއެކު ރަށްރަށަށް ދަތުރުގޮސް، ޕާޓީތަކަށްގޮސް މަސްދަތުރު ދިޔައީ ބޮޑު އީދެއް އައިސްގެން އުޅުނުހެނެވެ. ގޭގައި މަޑުކުރުމަށް އިރުޝާދު ދިނުމުންވެސް ރަށް ރަށަށް ފުރައިގެން ދާން ފެށި އެވެ.

ވައިރަސް ފެތުރުން ކޮންްޓްރޯލުކުރަން ކޮން ކަމެއް؟

ސިއްހީ މާހިރުން ބުނާގޮތުގައި ކޮވިޑް-19 ކޮންޓްރޯލުކުރުމުގެ މަސައްކަތުގައި ފަރުދީ ޒިންމާ ވަރަށް ބޮޑެވެ. އެގޮތުން އެ ވައިރަސް ކޮންޓްރޯލުކުރުމަށް ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންތައްތައް ހުންނާނެ އެވެ.

  • ސެލްފް އައިސޮލޭޓްކޮށް ގޭގައި މަޑުކުރުން.
  • ވައިރަސްގެ އެއްވެސް އަލާމާތެއް ހުރި ނަމަ ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި އެކަމަށް ހާއްސަ ނަމްބަރަށް ގުޅުން.
  • އެއްޗެހި ގަންނަން ބޭރަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް ތަކެތި ގަތުން.
  • ބިލްތައް ދެއްކުންވެސް އޮންލައިންކުރުން.
comment ކޮމެންޓް