14 ޑިސެމްބަރ 2011 އާ ގުޅޭ

ރޭގަނޑުގެ ކެއުމުގައި މަންސޫރުގެ ހުރިހާ ދަރިންވެސް ބައިވެރިވިއެވެ. ދުވަހުގެ އެކިއެކި ކަންތައްތަކާއި ބޭހޭ ގޮތުން ވާހަކަދެކެވެމުން ދިޔައެވެ. އީލާކްގެ ހެދުން ފަރުމާތައް ދައްކާލުމަށް ބާއްވަން ހަމެޖެހިފައިވާ ޝޯގެ ކަންތައްތަކާއި އެހީތެރި ވުމަށް އޭނަގެ ރަޙުމަތްތެރިން ގެއަށް ގެނައުމުގެ ހުއްދައަކަށް މާމަ ލާއިގާގެ ގާތުން އެދުނެވެ. މަންސޫރު އޭނަގެ ކުންފުނީގެ ޒަމާންވީ ވަކީލު ސަމަދު ބައްދަލުކޮއްލުމަށް އެދިފައިއޮތް ވާހަކަ ޒައުލްގެ ގާތުގައި ބުނެލިއެވެ. އަދި މާދަމާގެ ހަވީރުގެ ވަގުތެއްގައި އޭނަ އަންނައިރު މަންސޫރު އާއިއެކު ޒައުލް އެ ބައްދަލުވުމުގައި ބައިވެރި ވުމަށް އެދުނެވެ.

"ކިހިނެއްތޯވީ ކުއްލިއަކަށް ކޮމްޕެނީ ލޯޔަރު ބައްދަލު ކުރަން އެބޭނުންވީ..." ޒައުލް ސުވާލުކޮއްލި އެވެ.
"އަމިއްލަ ވާހަކައެއް ދައްކާލުމަށާއި، އެވާހަކަ އާއި ކޮމްޕެނީ އާއި ގުޅުމެއްވާކަންވެސް ބުނި... ދެން ތަފްޞީލު ވާނީ މާދަން ބައްދަލު ކޮއްލުމުން، އެހެންވެ ދަރިފުޅު ގާތު މިބުނީ ބައްޕަ އާއިއެކު އެގަޑީގަ ގޭގަ މަޑުކޮއްލަދެއްޗޭ" މަންސޫރު ޒައުލްއަށް ބަލާލާފައި ޖަވާބުދިނެވެ.

ލާއިގާގެ ސަމާލުކަން ބޮޑަށް ދެވިފައިވަނީ ކާމޭޒުކައިރީ ތިބި އަންހެން ދެ ދަރިންނަށެވެ. ބަސްމަދުކަމަށް ފާހަގަ ކުރެވޭ ލޫލުއާ އާއި އެކި ސުވާލުތައް ލާއިގާ ކުރަމުންދިޔަ އެވެ. އެންމެ ދޮށީ ކުއްޖާއަށްވެފައި އަދިވެސް ދިރިއުޅުމަކާއިމެދު ނުވިސްނާތީ އެކަމާ ސުވާލު ކުރިއެވެ. ލާއިގާގެ އެއްފަރާތުގައިން އީލާކް މާމަގެ އެވާހަކައިން އޭނަގެ ދޮންތައާއި ދިމާކޮއްލިއެވެ.
"މާމަ ކަންބޮޑުވެލައްވަނީ ދޮންތަ ބޯއީ ފުރެންޑެއް ނުގެންގުޅޭތީ... ދޮންތަ ކަހަލަ ޑޮކްޓަރު ބޯއީ ފުރެންޑެއް ހޯދަބަލަ..." އީލާކް ބުނެލިއެވެ. ލޫލުއާގެ މޫނުން ކޮއްކޮގެ އެސަމާސާގެ ސަބަބުން ލަދުވެތިކަން ވެރިވިތަން ފެނުނެވެ.
"މީ ވަރަށް ލާނެތް ކުއްޖެއް..." ލޫލުއާ އީލާކްއަށް ލޯއަޅާލަމުން ބުނެލިއެވެ.

ލޫލުއާ އަކީ ފެށުނީއްސުރެން ވެސް މީހުންގެ ތެރޭ މާގިނަ ވާހަކަދައްކާ ކުއްޖެއް ނޫނެވެ. އޭނަގެ އިޙްސާސްތައް ދެނެގަންނަން އުނދަގޫވަނީ އެހެންވެއެވެ. ނަމަވެސް އޭނައަކީ ކުރާ ކޮންމެ ކަމަކުން ކުރިއެރުން ހޯދާ ޒުވާނެކެވެ. މޮޅު ޑޮކްޓަރަށް ވުމީ އޭނަގެ ކުޑައިރުއްސުރެ ދެކެމުންދިޔަ ހުވަފެނެކެވެ. މިއަދު އޭނައަށް ހުރިހާ އުފަލެއް ލިބިގެންވެއެވެ. ނަމަވެސް އާއިލާގެ ތެރޭގައި ހިނގާދިޔަ ކަޅު ބަނަދުވަސްތައް ވެސް އެންމެ ރަނގަޅަށް ހަނދާންހުރި ކުއްޖަކީ ވެސް ލޫލުއާ އެވެ.

ޔޫހާއަށް ދަރިފުޅުގެ ކަންތައްތަކުން މިންޖުވެވޭވަރުވީ އަށެއްޖަހަން އުޅެނިކޮށެވެ. އޭއީވެސް ކިޔާން ނިދުމުންނެވެ. ދެން އަވަސްވެ ގަތީ ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރު ކުރުމަށެވެ. ޔޫހާ އޭނައަށް ވީވަރަކުން ޝާއިން އާއި އަފްލީންގެ ކަންތައްތައް ބަލަހައްޓާދެ އެވެ. ގޭތެރޭގެ މަސައްކަތްތައް ކުރެއެވެ. އޭނައަކީ ހީވާގި އަންހެނެކެވެ. ވާޅަށްވެސް ތަނެއްގައި މަޑުކޮއްލާނީ ރޭގަނޑު ނިދަން ކޮޓަރިއަށް ވަދެފައެވެ. ޔޫހާ އެހެން ނޫޅޭނަމަ އަފްލީން އާއި ޝާއިންގެ ދިރިއުޅުން ވެސް އެހާ ހަމެޖެހޭ ދިރިއުޅުމަކަށްނުވީހެވެ. އަފްލީންއަކީ ކިޔަވާ ކުއްޖަކަށްވެފަ ޝާއިންއަކީ ގޭގައި ހަމައެކަނި މަސައްކަތް ކުރަން ހުރި ފަރާތަށް ވީއިރު ގޭތެރޭގެ ކަންތައްތަށް އެދެމީހުން ކުރަންވީމަ އޮންނާނީ ގިނަފަހަރަށް ނުވެފަކަން އޭނައަށް އެނގެއެވެ. ހުދު ޔޫހާއަށް އެމީހުން ކޮއްދޭކަންތައްތައްވެސް ކުޑައެއްނޫނެވެ. ޑިއުޓީގައި އުޅޭ ގިނަވަގުތުތަކުގައި ދަރިފުޅު ކިޔާން ބަލާދެނީ އަފްލީންއެވެ. ކިޔާން ބަލާ ސްކޫލު ދޮށަށް ކޮންމެ ދުވަހަކުހެން ދާނީ ޝާއިންއެވެ.

އެދޭތެރެއިން ޖެހިގެން ހުންނަގޭ ނައީމާގެ އެހީތެރިކަމުގެ އަތެއް ވެސް ޔޫހާއަށް ފޯރުކޮއްދެ އެވެ. އާމުކޮށް ހެނދުނު ގަޑިއަކީ އެ ތިން މީހުންނަށް ވެސް ވަރަށް ދަތިވާ ގަޑިއެކެވެ. ކިޔާން ބަލާނެ މީހަކު ނުހުންނާތީ ގިނަ ފަހަރަށް ދަނީ ނައީމާގެ ގާތުގައި ބަހައްޓާލާފަ އެވެ. އެފަދަ ދުވަސްދުވަހު ކިޔާން ގެއަށް ގެނެސްދެނީ އަފްލީން މެންދުރު ސްކޫލް ނިމިގެން އަންނައިރު އެވެ. އިންސާނުންނަކީ އެކަކު އަނެކަކުގެ އެހީބޭނުންވާ ބައެކެވެ. އެކަކު އަނެކަކުގެ އެކުވެރިކަމާއި ހިތްހެޔޮކަން ބޭނުންވާބައެވެ. ޔޫހާގެ ހިތްހެޔޮ ކަމީ އޭނަގެ ވަށައިގެން އުޅޭ މީހުންގެ ފަރާތުންވެސް އެފަދަ ސިފަތަށް ފެނިގެންދާ އެއްކަމެވެ.

މުޅިން އާދުވަހެކެވެ. ޔޫހާ ފޫހިކަމާއިއެކު ތައްޔާރުވަމުންދިޔަ އެވެ. ޝާއިން އޭރު ސައި ބޮނީއެވެ. އަފްލީންއަށް ގޮވާނެގުމަށްފަހު ކަންތައްތައް ކުރަންވީ ގޮތް އާދައިގެމަތިން ޔޫހާވަނީ ކިޔާދީފައެވެ. ޔޫހާ އާއި ޝާއިންއަށް އަފްލީންއަށްވުރެ ކުރިން ގޭން ނުކުންނަންޖެހެ އެވެ. އެހެންވެ ދެންހުންނަ ކަންތައްތައް ދޫކޮއްލަނީ އަފްލީންގެ އަތް މައްޗަށެވެ. އަބަދުވެސް އެންމެންގެ ޒިންމާތައް ހިމެނިފައިވާ ތަވާލެއް އައިސްއަލަމާރި ކައިރީ ފާރުގައި ހަރުކޮއްފައި ހުރެއެވެ.

"ޔޫހާ...ކޮބާ ނިމުނީތަ... އަހަރެން ސައި ވެސް ބޮއެ ނިމިއްޖެ" ޝާއިން ޔޫހާގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން އަހާލިއެވެ.
"މިނިމުނީ..." ޔޫހާ އެނދުގައި ނިދާފައި އޮތް ކިޔާންގެ ނިތުގައި ބޮސްދީފައި ރީތިވާ މޭޒުމަތީ އޮތް އޭނަގެ އަތް ދަބަސް ނަގަމުން ބުނެލި އެވެ. އަދި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
"އަފޫ ދަނީ..." ޝާއިން އާއި ޔޫހާއަށް އެކުއެކީހެން ބުނެލެވުނެވެ. އަދި ދެމީހުން އެކުގައި ގޭން ނުކުމެގެން ދިޔައެވެ.

ދުވަހުގެ މަސައްކަތްތައް ފެށިގެން ދިޔައެވެ. ހޮޓެލްގެ ރެސްޓޯރެންޓުގައި ސްޓާފުންނަށް ވަކި މެނޫތަކެއް ތައްޔާރު ކުރެވިފައި ހުރެއެވެ. ކޮންމެ ގަޑިއެއްގައި ވެސް ކޮފީ ފަދަ ބުއިންތަކާއިއެކު ކެވޭނޭ އިންތިޒާމް ހަމަޖައްސާފައި އޮވެއެވެ. ނަމަވެސް އެތަނަށް ދާނެ ވަގުތު ލިބެނީ ވަރަށް މަދު ސްޓާފަކަށެވެ. ފައުޒީ ހެނދުނުގެ ސައި ނިންމާލާފައި އޭނަގެ ކެބިންއަށް އައިއިރު ޔޫހާ އޭނަގެ ކެބިންގެ ބޭރުގައި އިށީނދެލައިގެން އިންތަން ފެނުނެވެ. އަދި ސުވާލު ކުރުމުން އޭނަ އާއި ބައްދަލު ކޮއްލަން ބޭނުންވާ ވާހަކަ ބުނެލިއެވެ.

"އާން... ދެން ބުނަބަލަ..." ކެބިންއަށް ވަދެވުމާއިއެކު ފައުޒީއާއި ބައްދަލު ކުރުމަށް ޔޫހާ ބޭނުންވި ސަބަބެއް އޮޅުންފިލުވަމަށް އޭނަ އަހާލި އެވެ.
"އަޅުގަނޑު ބޭނުންވަނީ މިހޮޓާ ނޫން އެހެން ހޮޓަލަކަށް ބަދަލުވާން..." ޔޫހާ އަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.
"ކިހިނެއްވީ، މިތަން ކަމުނުދަނީ ކީއްވެ... ޔޫހާ ދޯ ކިޔަނީ... އާމުކޮށް އެހެން ހޮޓެލްތަކުގައި މަސައްކަތްކުރާ ކުދިން ބަލަނީ މީ ރަނުގެ ފުރުޞަތެއް ކަމަށް، ޓޮފް ސްޓާފުންގެ ތެރެއިން ވެސް ހޮވާލެވޭ ބައެއް ޕާކްވިއު ހޮޓެލަށް އައުމަށް ޗާންސް ދެވެނީ..." ފައުޒީ ހައިރާން ކަމާއިއެކު ބުނެލި އެވެ.
"އެއްވެސް ޗާންސްއެއް ނެއްތޯ އަޅުގަނޑު އެހެން ހޮޓަލަކަށް ޓްރާންސްފާ ވުމުގެ" ޔޫހާ އަނެއްކާ ވެސް އެދުނީ ހަމައެއްކަމަކަށެވެ.
"މްމްމް...ގަބޫލު ކުރެވޭވަރުގެ ރަނގަޅު އުޒުރެއް ނޫނީ، ސަބަބެއް ޔޫހާ އަހަންނަށް ދައްކައިފިއްޔާ ތިކަމަށް އިތުރަށް އަހަރެން ވިސްނާނަން" ފައުޒީ ފުންނަޒަރަކުން ޔޫހާއަށް ބަލާލަމުން ބުނެލިއެވެ. އެއާއިއެކު އިރުކޮޅަކަށް ޔޫހާ ހިމޭންވިއެވެ. އޭނަ ދައްކަން އޮތް އުޒުރަކީ ވެސް ސަބަބަކީ ވެސް ޒައުލްއެވެ. އެކަމަކު އޭނަގެ ކުރިމަތީގަ ވެސް އިނީ ޒައުލްގެ މުވައްޒަފެކެވެ. އޭނައަށް ކުރެވޭނެކަމެއް ނޯންނާނެކަން ޔޫހާއަށް ވިސްނުނީ ދެނެވެ. ޒައުލްގެ ބާރަކީ ކޮބާކަން އޭނައަށް ވިސްނާނުލެވުނީ އެވެ. ދެ ތިން ަހަރަކު އެއްޗެއް ބުނަން އުޅެފަ ވެސް ބޭކާރު ބަހެއް ދުލުން ބޭރު ނުކުރަންވެގެން މަޑުމަޑުން ޔޫހާ އިނެވެ.
"ކިހިނެއްވީ، ނޯ ރީޒަންތަ... ވެލް، ވަގުތަކީ ވަރަށް އަގުހުރި އެއްޗެއް... ހާއްޞަކޮށް މިހޮޓެލްގަ އެއްވެސް ސްޓާފަކު ވަގުތު ބޭކާރު ކުރާކަން އެނގިއްޖެނަމަ އެކަމާ ފިޔަވަޅު އެޅޭނެ... ޔޫހާއަށް މިތަނުގެ ގައިވައިދުތައް ވަރަށް އާވެފަ މި މާހައުލަށް ހޭނެން ދުވަސްކޮޅެއް ނަގާނެ، ކުދި ކުދި ކަންތައްތަކާ މިގޮތަށް ބައްދަލު ކުރަން އައުން އެއީ ރަނގަޅު ކަމެއް ނޫން... އިތުރު ވާހަކައެއް ބުނަންވެފަ ނެތިއްޔާ އަވަހަށް ޑިއުޓީއަށް އެނބުރި ދާންވީނު..." ފައުޒީގެ ވާހަކަތަކުން ޔޫހާ އައީ ބޭކާރު ކަމެއްގައިކަން ފާހަގަވިއެވެ. އެކަމުގައި އޭނަގެ ކުށެއް ވެސް ނެތެވެ.

މަންސޫރު އާއި ބައްދަލުކުރުމަށް ސަމަދު އައިއިރު ޒައުލްވެސް މަންސޫރު އާއިއެކު ޓެރެސްގެ ހިޔާކުރެވިފައިވާ ތަނުގައި ބަހައްޓާފައި ހުރި ސޯފާސެޓުގައި އިށީނދެލައިގެން އިނެވެ. އެ ދެބަފައިންނަށް ވެސް އިތުރު ހައިރާންކަމެއް ލިބުނީ ސަމަދު އާއިއެކު އިތުރު މީހަކު އަންނަކަން އެނގިފައި ނުވުމުންނެވެ. މަންސޫރާއި ޒައުލް އެކުއެކީހެން ތެދުވެ ސަމަދު އާއި އޭނަ އާއިއެކު ހުރި ޒުވާނާ އާއި ސަލާމްކުރިއެވެ.

"ކުއްލިގޮތަކަށް ބައްދަލުކޮއްލަން ބޭނުންވީ ކިހިނެއްވީތޯ" މަންސޫރު ވާހަކަ ދައްކަންފެށި އެވެ.
"މާބޮޑުކަމެއްނުވޭ، އެހެންނަމަވެސް އަޅުގަނޑު ވެސް މިހާރު ބޭނުންވަނީ ޒުވާން ޖީލަށް ތަންދީފައި އުމުރުގެ ބާކީ އޮތް ދުވަސްކޮޅު ގޭގައި މަޑުކޮއްލުމަށް... މަންސޫރު، ޒައުލް... މީ އަޅުގަނޑުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ހާޒިމް، މިއައީ މަންސޫރު ކައިރިން ކަމަކަށް އެދިލައްވަން ކަމަށް..." ސަމަދުގެ ވާހަކަތައް ކޮންމެވެސް ވަރަކަށް މަންސޫރަށް ނަގައިގަނެވުނު ކަމުގައި ވިޔަސް ސިދާ ބުނަން އުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަމުގައި ވަކި އެއްޗެއް ނުބުނެ މަންސޫރު އިންނެވިއެވެ. ސަމަދުއަށް އޭނަގެ ވާހަކަ ކުރިއަށް ގެންދަންވީކަން އެނގުމުން ވާހަކަ ހުއްޓާނުލާ ކުރިއަށް ގެންދިޔައެވެ.
"ކޮމްޕެނީއިން އަޅުގަނޑަށް ދެއްވި މަގާމު މިހާރު އަޅުގަނޑު ބޭނުންވަނީ މިދަރިފުޅަށް ދޭން، އޭނައަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ގާބިލް އެއްވަކީލު... އަޅުގަނޑުގެ ދަރިއަކަށްވެފަ، އަޅުގަނޑަށްވުރެ މާފުޅާ ތަނަސް ހިޔާލުތަކެއް ގެންގުޅޭ ކުއްޖެ... މަންސޫރަށް ވެސް އެނގިލައްވާނެ އަޅުގަނޑުގެ ބަލިހާލަތު ހުރިގޮތް... ރާއްޖޭން ބޭރަށް އިރުއިރުކޮޅާ ދާންޖެހިފަ މިއޮންނަނީ، އެހެންވެ އަރާމުކޮއްލަން ވެސް ބޭނުންވަނީ" ސަމަދު ބުނެލި އެވެ.
"ތީ ސަމަދު ބޭނުންވެ ލައްވާ ގޮތްނަމަ، ބުނާނީ އަޅުގަނޑަކަށް ވަކި ތިހިޔާލު ގޯހެއް ނޫނޭ، މިހާ ޒަމާންވިއިރު ސަމަދުއަކީ އަޅުގަނޑުގެ ކޮމްޕެނީގެ ވަކީލުގެ އިތުރުން އިތުބާރުކުރެވޭ ރަނގަޅު ރަޙުމަތްތެރިއެއް ވެސްމެ، ވަރަށް ހިތްހަމަޖެހޭނެ މި ނިންމުމާއި ދޭތެރޭ ހާޒިމްގެ ހިޔާލު އޮޅުން ފިލައިފިނަމަ... އެހެންނު ޒައުލް، ދަރިފުޅު ކީކޭ ބުނަނީ؟" ވާހަކައިގައި ތިއްބާ ގޭގައި ގެންގުޅޭ ކުއްޖާ ގެނެސް މޭޒުމަތީގައި ބެހެއްޓި ސައި ތަބަކުން ސައިޖޯޑެއް ސަމަދުއަށް ދިއްކޮއްލަމުން ބުނެލި އެވެ.
"ބައްޕައަށް ފެނިލައްވާ ކޮންމެ ގޮތެއް ރަނގަޅުވާނެ، ބައްޕަ ސަމަދުއަށް ވަރަށް އިތުބާރު ކުރައްވާކަން އެނގިލައްވާ އަޅުގަނޑަށް ވެސް، އެހެންވެ ހާޒިމްއަށްވެސް އަޅުގަނޑު އެއިތުބާރު ކުރާނަން" ޒައުލް ބުނެލިއެވެ. ވިޔަފާރީގެ ވާހަކަތަކުގައި މަސްޢޫލުވެ އިރުއޮއްސެންދެން ތިބެވުނެވެ. މަންސޫރަށް ވެސް ޒައުލްއަށް ވެސް ހާޒިމްވީ ވަރަށް ކަމުދާ ޒުވާނަކަށެވެ. ޒައުލްއަށްވުރެ އުމުރުން ދޮށި ކަމުގައިވިޔަސް ހާޒިމް ހުރީ ޒައުލްއާއިއެކު މަސައްކަތްކުރަން ތައްޔާރަށެވެ.

ހަފްތާއެއް ވޭތުވެގެންދިޔައިރު އީލާކުގެ މަސައްކަތްވަނީ ފެށިފައެވެ. އޭނަގެ ގިނަ ވަގުތުތައް ރަޙުމަތްތެރިންނާއެކު ހޭދަކުރަމުން ދިޔައީ ލައިބްރަރީ އާއި ޖެހިގެން ހުރި ހުސް ބޮޑު ކޮޓަރީގަ އެވެ. ހެނދުންތައް އެޅުވުމަށް ތައްޔާރު ކޮއްފައިވާ ބުދުތައް އެކޮޓަރީގައި ހުރި އިރު ފެހުމަށް ބޭނުންވާނެ ހުރިހާ އެއްޗެއް ލިބެން ހުއްޓެވެ. އީލާކް ދެން ބޭނުންވަނީ ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައެކެވެ. އެހެނީ އެކިވައްތަރުތަކުގެ ލޭސްތަކާއި ފޮއްޗާއި މިނަލާ ކުލަކުލައިގެ ސްޓޯންފަދަ ތަކެތި ގަތުމަށެވެ. އެ އެއްޗިއްސާނުލާ އޭނަގެ ހެނދުންތަށް ފުރިހަމަ ނުވާނެތީ އެވެ.

ކޮންމެ ތިންދުވަހުން ޑިއުޓީ ބަދަލުވާ ޕާކްވިއުހޮޓެލްގައި ޔޫހާ އުޅޭތާވެސް ހަފްތާއެއް ފާއިތުވެގެންދިޔައީ އެވެ. އޭގެތެރެއިން ދެ ދުވަހު ގަޑިޖެހިއްޖެ އެވެ. މަސައްކަތަށް ފަރުވާކުޑަކުރެއެވެ. އެހެން ސްޓާފުންގެ ތެރޭ ޔޫހާގެ ނަން ފާހަގަވެއްޖެއެވެ. އޭނަ އާއިއެކު އެކި ދުވަހު ޑިއުޓީ ނަގަނީ އެކިކުދިންނެވެ. ހޮޓެލްގެ މެނޭޖްމަންޓަށް މިކަން ފާހަގަކުރެވިއްޖެ އެވެ. ފައުޒީ ޔޫހާގެ ވާހަކަ ޒައުލް އާއި ހަމައަށް ގެންދިޔަ އެވެ. ޔޫހާގެ މިއާދަޔާ ހިލާފު އުޅުމުގެ ވާހަކަ ޝާއިންއާއި ހަމައަށް ވެސް ދިޔައީ ފައުޒީ އޭނައަށް ގުޅުމުންނެވެ. އެތަނުގައި އޭނަ މަސައްކަތްކުރިއިރު ވެސް އެއީ ފަރުވާކުޑަ ސްޓާފެއްތޯ އެހުމުންނެވެ.

ރޭގަނޑު ބާރަ ޖަހަނިކޮށް ޑިއުޓީ ނިންމާލާފައި ޔޫހާ ހިނގައިގަތީ ޕާކްވިއު ލޮބީގެ ތެރެއިން ބޭރަށް ނުކުތުމަށެވެ. އެހެންނަމަވެސް މަޑުކޮއްލެވުނެވެ. އަދި ގެއަށް ދިއުމަށް ޝާއިންއަށް ގުޅާލަން ބަލާލިއިރު ފޯނު ވެސް އޮތީ ބެޓެރީގެ ޗާޖު ހުސްވެގެން ނިވިފައެވެ. އެކަން މާބޮޑުކަމަކަށް ނުހަދާ އޭނަގެ ދަބަހުގައި އޮތް ވޮލެޓް ނަގާ ބަލާލީ ޓެކްސީއެއްގައި ދާނެހާ ރުފިޔާ ހުރިތޯއެވެ. ތުންފަތަށް ލުއިހިނިތުންވުމެއް ވެރިވުމާއިއެކު ޔޫހާ ހިނގައިގަތެވެ. އެވަގުތު ރިސެޕްޝަން ކައުންޓަރުގައި ޑިއުޓީއަށް ހުރި ފިރިހެން ކުއްޖާ ގޮވާލި އަޑުއިވުނެވެ.

"ފޯނެއް، ޔޫހާއަށް..." އެފިރިހެން ކުއްޖާ ބުނެލި އެވެ.
"ހެލޯ...އަފޫ، މިދަނީއޭ ގެއަށް، ކިޔާން ހޭލީދޯ، ކޮބާ ޝާއިން، ގޭގަ އެބައުޅޭތަ..." ޔޫހާ ރިސެޕްޝަންގެ ކައިރިއަށް ގޮސް ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސާލިގޮތަށް ބުނެލި އެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ.
"ހެލޯ...ކާކު..." އެއްވެސް މީހަކު ޖަވާބު ނުދިމުން ޔޫހާއަށް އަހާލެވުނެވެ. ހަމަގައިމުވެސް ފޯނުގެ އަނެއް ކޮޅުގައި ހުރި މީހަކު ނޭވާލާއަޑު އިވޭކަން ގައިމެވެ. އަނެއްކާވެސް ޔޫހާ ކާކުތޯ އަހާލިއެވެ. އަދި ފޯނު ބޭއްވިއެވެ. ޔޫހާއަށް ނުނިކުމެވެނީސް ރިސެޕްޝަނުގައި އިންކުއްޖާ އަނެއްކާވެސް ގޮވާލިއެވެ. އަދި މިފަހަރު ދިއްކޮއްލީ ކުޑަ ކަރުދާސްކޮޅެކެވެ.
"މި ރޫމަށް އައިސް ދޭށޯ" ރިސެޕްޝަނުގައި ހުރި ފިރިހެންކުއްޖާ ދިއްކޮއްލި ކަރުދާސްކޮޅުގައި ހިފުމުން އޭނަ ބުނެލި އެވެ. ޔޫހާ ބޯޖަހާލަމުން އޭގައިވި އެއްޗެއް ބަލާލި އެވެ. އޭގައިވަނީ ހޮޓެލްގައި ހުރި ޕްރެސިޑެންޝިއަލް ސުވީޓް ކޮޓަރިތަކުގެ ތެރެއިން ކޮޓަރިއެއްގެ ނަންބަރެވެ. ޔޫހާގެ ސިކުނޑި ސުވާލުން ފުރުނެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު