ކުރިމިނަލް ކޯޓް ބަންދު މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް

ކުރިމިނަލް ކޯޓު---ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާލެއިން ކޮވިޑް-19 ފެނުމާ ގުޅިގެން، މާލެ ލޮކްޑައުން ކޮށްފައިވާތީ އެއްވެސް މީހަކު ކޯޓަށް ހާޒިރުނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ބުނީ، މަގުމައްޗަށް މީހުން ނުކުމެ އުޅުން އެޗްޕީއޭ އިން މަނާކޮށްފައި ވުމުން، އެއްވެސް މީހަކު ކޯޓަށް ހާޒިރުނުކުރަން ނިންމާފައިވާ ކަމަށެވެ.

ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރާ ވަކީލުން، ސީދާ ކޯޓަށް ހާޒިރުވުމުގެ ބަދަލުގައި، ވީޑިއޯ ކޮންފަރެންސުން ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ގަވާއިދަށް އަމަލުކުރަން ވަނީ އަންގައިފައެވެ.

ސުޕްރީމް ކޯޓުން އެކުލަވާލައި މިއަދު އަމަލު ކުރަން ފެށި އެ ހާއްސަ ގަވައިދުގައި ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް ކުރެވޭނެ ހާލަތްތަކާއި، ވީޑިއޯ ކޮންފަރެންސް ކޯލު މެދުވެރިކޮށް ޝަރީއަތް އިންތިޒާމު ކުރުމާ ގުޅޭ އިޖުރާއަތްތަކާއި، އަޑުހުއެންތައް ކުރިއަށްގެންދާނެ ގޮތުގެ އިޖުރާއަތްތައް ބަޔާންކޮށްފައިވެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުންތައް ބޭއްވޭނެ އަށް ހާލަތެއް އެ ގަވައިދުގައިވެއެވެ.

ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެތުރިދާނެ ކަމުގެ ބިރު އޮއްވައި، އެކަމާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި ނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަަކައި، ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ބޭއްވޭނެ ކަމަށްވެސް އެ ގަވައިދުގައި ބުނެއެވެ. އަދި އެފަދަ ހާލަތެއްގައި ދިފާއީ ވަކީލުންވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުން ބާއްވަން އެދޭ ނަމަ ދިފާއީ ވަކީލުންވެސް ވަކި ތަނެއްގައި ތިބެގެން އަޑުއެހުން ބޭއްވޭނެއެވެ.

މިހާތަނަށް މާލެއިން ކޮވިޑް19 އަށް ތިން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.

comment ކޮމެންޓް