ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ކަމަށް އޮބާމާގެ ތާއިދު ބައިޑެންއަށް

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއަށް ތާއިދު ކުރަން ނިންމަވާފައިވާކަން ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ އިއުލާން ކުރައްވާފަ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޭޕްރިލް 15): އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ކަމަށް ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއަށް ތާއިދު ކުރައްވާކަން ކުރީގެ ރައީސް ބަރަކް އޮބާމާ އިއުލާން ކުރައްވައިފި އެވެ.

ބައިޑެންގެ ކެމްޕޭނުން އާއްމު ކުރި 12 މިނިޓުގެ ވީޑިއޯއެއްގައި އޮބާމާ ވަނީ އޭނާގެ ކުރީގެ ނައިބު ރައީސްއަކީ "އެމެރިކާ މިހާރު ވެއްޓިފައިވާ އަނދިރިގަނޑުން ސަލާމަތްކޮށްދީ، ގައުމު ރަނގަޅު ހާލަތަކަށް ގެންދިޔުމުގެ ތަޖުރިބާ ހުރި، އެފަދަ ޝަހުސިއްޔަތެއްގެ ވެރިޔެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި ބައިޑެން އިންތިހާބުވެއްޖެ ނަމަ އޭނާ ސަރުކާރަށް އަައްޔަން ކުރައްވާނީ "ސަރުކާރު ހިންގަން އެނގޭ އަދި އެމަސައްކަތް ރަނގަޅަށް ކުރުމަށް ބޭނުންވާ" މީހުން ކަމަށް ވިދާޅުވެފަ އެވެ.

"މި ކާރިސާގެ ސަބަބުން އަޅުގަނޑުމެންނަށް އެބަ އެނގޭ ސަރުކާރުގެ މުހިއްމުކަން. ރަނގަޅު ސަރުކާރެއްގެ މުހިއްމުކަން. ހަގީގަތާއި ސައިންސުގެ މުހިއްމުކަން. ގާނޫނީ ވެރިކަމުގެ މުހިއްމުކަން. ހޭލުންތެރި، ތެދުވެރި އަދި މީހުން ބައިބައި ކުރުމުގެ ބަދަލުގައި އެއްބައިވަންތަ ކުރުވާ ލީޑަރުންގެ މުހިއްމުކަން،" އޮބާމާ ވިދާޅުވި އެވެ.

އެމެރިކާގައި 2009އިން 2017އަށް ރައީސް ކަމާއި ނައިބު ރައީސްކަން ކުރެއްވި އޮބާމާ އާއި ބައިޑެންއަކީ ގާތް ދެ އެކުވެރިންނެވެ. ނަމަވެސް މިފަހަރުގެ ޕްރައިމަރީ ތެރޭ އޮބާމާ، ބައިޑެންއަށްވެސް އަދި އެހެން ކެންޑިޑޭޓަކަށްވެސް ވަކިން ތާއިދު ކުރައްވާކަން މީގެ ކުރިން އިއުލާން ކުރައްވާފައި ނުވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު ތިނެއްގަ އެވެ. އެ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

comment ކޮމެންޓް