ސަރުކާރު ބަންދު މުއްދަތުގައި އިސްތިއުނާފު މުއްދަތު ނުހިނގާނެ: ހައިކޯޓު

ހައިކޯޓު --- ސަން ފޮޓޯ

ކޮރޯނާ ވައިރަހާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށް ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ހައިކޯޓުގެ އިސްތިއުނާފު މުއްދަތު ނުހިނގާނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ހައިކޯޓުން ވަނީ ކޮރޯނާއާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށްގެންދާނެ އުސޫލެއް އާންމުކޮށްފައެވެ.

އެ ކޯޓުން ބުނީ އުސޫލުގެ ދެވަނަ މާއްދާ އިސްލާހުކޮށް މި ހާލަތުގައި މައްސަލަތަކުގެ އިސްތިއުނާފު މުއްދަތު ގުނާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ދައުލަތުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތު ނުހިމަނާ ކަމަށެވެ.

ދަށުކޯޓުތަކުން ނިންމާ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް 10 ދުވަސްް ލިބޭއިރު އެ 10 ދުވަސް ގުނަނީ ބަންދު ދުވަސްތައް ނުހިމަނައެވެ.

އެ ކޯޓުން މިހާރު ނިންމާފައިވަނީ ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ފަދަ މުހިންމު މައްސަލަތައް އީމެއިލް މެދުވެރިކޮށް ބަލައިގަތަސް އެ ނޫން މައްސަލަތައް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން އެ ކޯޓަށް ހުށަހެޅޭ ގޮތަށެވެ.

ހައިކޯޓުގެ އުސޫލުގައިވާގޮތުން މި މުއްދަތުގައި ކޯޓުގައި ކުރިއަށްގެންދާނީ ބަންދު އަމުރާއި ވަގުތީ އަމުރާއި ކޯޓު އަމުރުތަކާޢި އިސްތިއުނާފު ކުރެވިފައިވާ މައްސަލަތަކިގެ ތެރެއިން ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދިފައިވާ މައްސަލަތަކާއި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ މައްސަލަތަކާއި ގެވެށި އަނިޔާ އާއި ގުޅޭ މައްސަލަތަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކެވެ.

އަދި މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންތަކަށް ރިއާޔަތްކޮށް، އެ މައްސަލައަކީ އަވަހަށް ޝަރީއަތް ހިންގަންޖެހޭ މައްސަލައެއް ކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގު ވެވިއްޖެނަމަ، އެ މައްސަލައެއް ކޯޓުގައި ހިންގިދާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. އުސޫލުގައި އިތުރަށް ބުނެފައިވާގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުމަށް ގާނޫނީ ހުރަހެއް ނެތް މައްސަލައެއް ނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދާނެ އިންތިޒާމު ހަމަޖެހިފައިވާނަމަ، އެ މައްސަލައެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެ އެވެ.

comment ކޮމެންޓް