ކިލޯއެއްގެ ކެނަބިސް އެތެރެކުރި ލަންކާ މީހަކު އުމުރަށް ޖަލަށް

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު -- ސަން ފައިލް ފޮޓޯ

ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ އަދަދަކަށް ކެނަބިސް އެތެރެ ކުރި ލަންކާގެ ރައްޔިތަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ނަސްމިން މުހައްމަދު މުބީންގެ މައްޗަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ ކުރީ، 12 ޖޫން 2017ގައި އައި ޗައިނާ އީސްޓާންސްގެ ފްލައިޓަކުން ރާއްޖެ އައި އިރު އޭނާ ގެނައި ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާތީއެވެ.

އޭނާގެ ލަގެޖު ކަސްޓަމްސްގެ އޮފިސަރުން ބަލައި ފާސްކުރި އިރު ޕްލާސްޓިކް ފުޅިއެއްގައި 812.6 ގްރާމު ކެނަބިސް ހުރި ކަމަށާއި އަދި ދަޅެއްގައި 198.1 ގްރާމުގެ ކެނަބިސް ހުރި ކަމަށް އޭނާގެ މައްޗަށް ކުރި ދައުވާގައިއެވެ. އޭނާގެ ލަގެޖުން ފެނުނީ ޖުމްލަ 1010.7 ގްރާމުގެ ކެނަބިސްއެވެ.

ކްރިމިނަލް ކޯޓުގައި އޭނާގެ މައްސަލަ ބެއްލެވީ ގާޒީ އަލީ ރަޝީދު ހުސެއިންނެވެ. އޭނާ ނިންމެވީ ނަސްމިންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށެވެ. އަދި ކުށުގެ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ހުކުމް ކުރިއެވެ. އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރަންވެސް ހުކުމުގައި އަންގާފައިވެއެވެ.

އެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ބައިވެރިވެވަޑައިގެންނެވީ ވީޑިއޯ ކޮންފަރެންސްއިންނެވެ.

comment ކޮމެންޓް