ބޮޑު ތަދުން މިންޖުކޮށްދިން ގަމުގެ އަލަ އޮޅުތައް މަރުވެފައި!

ދިވެހި އަންހެނަކު އަލަ ދަނޑެއްގައި މަސައްކަތް ކުރަނީ: އަލަ ހެއްދުމަކީ މީގެ ކުރިން ގިނަ ބަޔަކަށް އާންމުދަނީ ލިބުނު ކަމެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާފަ ބުނާ ގޮތުގައި، ބޮޑު ތަދުގެ ދުވަސްވަރުގައި ހުވަދު އަތޮޅުގެ އެކި ކަންކޮޅުތަކުން މީސް މީހުން ރިޔާ ނަގާފައި ގދ. ގައްދޫއަށް ދަތުރު ކުރި އެވެ. އެ މީހުން ގައްދުއަށް ދަނީ އަތުގައި ހުންނަހާ އަގުބޮޑު އެއްޗެއް ހިފައިގެންނެވެ. ރަން ފައްޓަރުބައިތަކާއި، ބަންގާޅުން ގެނެސްފައި ހުންނަ ކަސަބާއި، ލިބާސްތަކާއި، ކާން ގެންގުޅޭ ތަށި ފަދަ ތަކެތި ދީފައި އެ މީހުން ގަންނަނީ ގައްދޫ އަލަ އެވެ.

އެ ޒަމާނުގައި ގައްދޫ މީހުން އަލަ ހެއްދީ، އެ ރަށް ކައިރީގައި އޮންނަ ބިޔަ ފަޅު ރަށެއް ކަމަށްވާ ގދ. ގަމުގަ އެވެ. ގައްދޫ މީހުން ދެކޭ ގޮތުގައި ގަމަކީ ގައްދޫގެ ބައެކެވެ. އެންމެ ތިޔާގި ޒަމާނުގައި ވެސް ގަމުން އަލަ ބަސްތާ ބަސްތާއަށް ނެރެ އެވެ. އަލަ ފޮތިކޮށް ކޮށައި، ތެލުލައިގެން "ތަރަފޮނެ" ހަދައި ޑަބިޔާތަކުގައި ވިއްކައި އުޅުނެވެ. އެކަމުން ނިކަން މަންފާވެސް ހޯދި އެވެ. އެއްތަނުން އަނެއް ތަނަށް އަލަ ގެންދަން މާސިންގާ ގަމުގެ ވާ ކޮށައި، މަގު ހަދައިގެންނެވެ. ގޮވާލީމާ އަޑު އިވޭ ހިސާބުގައި ދަނޑުވެރިއެއް ހުންނަހާ ގިނައިން އޭރު މީސް މީހުން ގަމަށް ގޮސް އުޅުނެވެ. އެކަމުން އެ ރަށަށް ދިރުމެއް ގެނަ އެވެ.

އެހެން ނަމަވެސް، ގަމުގެ އަލަ އޮޅުތަކުން ގައްދޫއަށް ގެނައި އެ ތިޔާގިކަން މިހާރު ގެއްލިއްޖެ އެވެ. މިހާރު ގަމުގައި އެއްވެސް ވަރަކަށް އަލަ ނުހެއްދެ އެވެ. ގަމުގައި އޮތް ދިރުން ގެއްލި، އަލަ އޮޅުތަކާއި، ކުރިން ހެދި މަގުތައްވެސް ވަލަށް ވެއްޖެ އެވެ.

ގދ. ގައްދޫއާއި ގދ. ގަން: 10 މިނެޓު ތެރޭގައި ގައްދޫއިން ގަމަށް އާދައިގެ ޑިންގީއެއްގައި ދެވޭ. ޒަމާނުއްސުރެ ގައްދޫ މީހުން ދަނީ ގަމުގައި ދަނޑު ހައްދަމުން -- ސެޓަލައިޓް ފޮޓޯ

ގައްދު އާއި އަލަ

ތާރީހު ދިރާސާ ކުރައްވާ ގދ. ގައްދޫ އަހުމަދު ސައީދު ވިދާޅުވި ގޮތުގައި ގަމުގައި އަލަ ހައްދަން ފެށީ މީލާދީން 1800ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެ ރަށަށް އަލަ ގެނައީ ފުވައްމުލަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީލާދީން 1800ގެ އަހަރުތަކުގައި މި ރަށު [ގައްދޫ] ގަމު ކަޅެބެއްޔާއޭ ކިޔުނު މީހަކު ފުވައްމުލަކަށް ގޮސްފައި އޭނަ ގެނައި ހައެއްކަ އަލަ ގަސް ގަމުގެ ޗަސްބިމެއްގައި އިންދައިގެން އޭތި ގިނަ ވެގެން މުޅި ގަމުގައި އެ އެއްޗެހި ހައްދައި އޭގެއިން އާމްދަނީ ލިބެން ފެށީ،" ގަމުގައި އަލަ ހައްދަން ފެށުނު ގޮތް އަހުމަދު ސައީދު ކިޔައިދެއްވި އެވެ.

އަހުމަދު ސައީދު ވިދާޅުވި ގޮތުގައި އަލަ އަކީ ބޮޑު ތަދުގެ ދުވަސްވަރުގައި ގައްދޫ މީހުން ބަނޑުހައިހޫނުކަމުން ސަލާމަތްކޮށްދިން އެއްޗެކެވެ. އަދި އޭގެ ފައިދާ އެ ދުވަސްވަރު މުޅި ހުވަދުު އަތޮޅަށް ވެސް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަހުމަދު ސައީދު ވިދާޅުވި ގޮތުގައި އަލައަކީ ގައްދޫއާ ގުޅި ލާމެހިފައިވާ އެ ރަށަށް ވަރަށް މުހިންމު އެއްޗެކެވެ.

"ބޮޑު ތަދުގެ ދުވަސްވަރުގައިވެސް ގައްދޫގެ މީހުން ބަނޑަށް ނުޖެހި، މި ރަށަށް އައިސް އުޅުނު އަތޮޅުގެ ހުރިހާ ރަށެއްގެ މީހުން، ބައެއް މީހުން މި ރަށުގައި ބައިތިއްބައިގެން އެ މީހުންނަށް ކާންބޯންދީ ހެދި. އެގޮތަށް އައި ބައެއް މީހުންގެ އާއިލާތައް މި ރަށުގައި އަދިވެސް އެބަ އުޅޭ،" އަހުމަދު ސައީދު ވިދާޅުވިއެވެ.

ބައްޔެއް ޖެހި ޒަމާންވީ ތިޔާގިކަން ނިމުމަކަށް

ގދ. ގައްދޫ، ހަދީޖާ އަބްދުއްރަހްމާނަކީ ގަމުގައި އަލަ ހައްދައި އުޅުނު ދަނޑުވެރިއެކެވެ. އޭނާ ބުނި ގޮތުގައި ގަމުގައި އެއްވެސް ވަރަކަށް އަލަ ނުހެދޭތާ މިހާރު ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ އެވެ.

ހަދީޖާ ކިޔައިދިން ގޮތުގައި މިހާރު އިންދާ އަލަ ގަސްތަކުގެ ފަތުގައި އެންމެ ފުރަތަމަ ޖަހަނީ ކުޑަ ލަފެކެވެ. އެ ލަށް ބޮޑުވެ މުޅި ފަތަށް ފެތުރި، ހުރިހާ ފަތްތަކެއް މަރުވެދަނީ ކަމަށް އޭނާ ބުންޏެވެ. އަދި އެފަދަ ގަހަކުން ކަނޑާ އަލަ ކެވޭ ވަރު ނުވާ ކަމަށާއި އެތެރެ ހުންނަނީ ފެން ހެދިފައި ކަމަށް އޭނާ ބުންޏެވެ.

"ގަސް ހެދި ހެދިފައި، ކުއްލިއަކަށް ފަތް މަރުވަން ފަށަނީ. ފަތުގައި ޖަހަނީ ލަފެއްކެ. ޖަހައިގެން ފަތް ބޮނޑިވެގެން މަރުވެގެން ދަނީ،" ހަދީޖާ ކިޔައިދިނެވެ.

ގދ. ގައްދޫ ނިޝްރީނާ އަލީ ގދ. ގަމުގައި ހައްދަން ޖަހާފައިވާ އަލަ ގަސްތަކެއް: އަލަ ނުހެދުނު ނަމަވެސް، އޭނާ ގަސް އިންދަނީ ފެނުމުން ހިތަށް ހަމަޖެހުން ލިބޭތީ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ މާހިރަކު ވިދާޅުވި ގޮތުގައި ގަމުގައި އަލަ ނުހެއްދެނީ އެއަށް ޖެހޭ ބައްޔެއްގެ ސަބަބުންނެވެ. "ޓާރޯ ލީފް ބްލައިޓް"އޭ ކިޔާ އެ ބަލި މިހާރު މުޅި ދެކުނުގައި އެބަ އޮތެވެ. ގދ. ވާދޫގައި އާއި ޏ. ފުވައްމުލަކާއި، އައްޑޫގެ އަލަ އޮޅުތަކަށްވެސް އެ ބަލީގެ އަސަރު ކުރާ ކަމަށްވެ އެވެ.

ހަދީޖާމެންގެ ޖީލަކީ އަލަ ވިއްކައިގެން ލިބުނު ފައިސާއިން ބަލައި ބޮޑު ކުރި ޖީލެކެވެ. އަދި އޭނާގެ ދަރީންވެސް ބޮޑުކުރީ ހަމަ އަލަ ވިއްކައިގެން ހޯދި އާމްދަނީންނެވެ.

އަލައަކީ ހަ މަހުން ހެދޭ އެއްޗެކެވެ. ބޮޑު އަލަ ހެދެނީ އަށް މަހުންނެވެ. އެންމެ ތިޔާގި ދުވަސްވަރު ހަދީޖާމެން ދުވާލެއްގެ މައްޗަށް ހަތަރު ވަރަކަށް ބަސްތާގެ އަލަ ކަނޑައި އުޅުނެވެ. އޭނާ ބުނި ގޮތުގައި އަލަ ބަސްތާއެއް އޭރު 1000 ރުފިޔާއާއި 1500 ރުފިޔާއާ ދެމެދުގެ އަގަކަށް ވިކެ އެވެ. އަދި "ތަރަފޮނެ" ނުވަތަ ތެލުލި އަލަ ޑަބިޔަލެއް 150 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދުގެ އަގަކަށް ވިކެ އެވެ.

ގދ. ގަމުގައި ނިޝްރީނާ އަލީ އިންދާފައިވާ އަލަ ގަސްތަކުގެ ތެރެއިން ބައެއް ގަސްތައް ވަނީ މަރުވާން ފަށާފައި: މި ފޮޓޯއިން ފެންނަނީ އެއްކޮށް ރީީނދޫވެ މަރުވެފައިވާ ފަތެއް. އެ ގަހުގެ ބާކީ ހުރި ފަތްތައްވެސް ދިޔައީ ރީނދޫވަމުން -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

"އަހަރެމެންގެ މާމަމެން ކާފަމެން ދުވަސްވަރުގައިވެސް، ދަތިވެގެން މަސް ނުބާނައި އުޅުނު ދުވަސްވަރުވެސް އަތޮޅު މީހުން އެންމެން ގައިގައި އަޅާ ރަން ފަށާ އެއްޗެހި ހިފެއިގެން އައިސް، އަލަ ގެނެގެން އެ މީހުން އުޅުނީ. މަންމަމެން ކިޔާ އަޑު އަހަރެމެން އަހަނީ، ރިއްސާއި ރަންވެސް ވިއްކި ކަމަށް ވަނީ. ހަމަ އަލައިން މުޅި މި ދެ އަތޮޅެ ބޮޑު ތަދުގައި ހިފަހައްޓާލީ،" ހަދީޖާ ބުންޏެވެ.

ހަދީޖަ ގަމަށް ނުދާތާ މިހާރު ތިން އަހަރު ވެދާނެ އެވެ. އޭނާ ބުނި ގޮތުގައި އޭނާ އަލަ ހައްދައި އުޅުނު ސަރަހައްދު އޮންނާނީ މިހާރު މުޅިން ވާ ހެދިފަ އެވެ. އޭނާ ފަދައިން އެތައް ބަޔަކު މިހާރު އަލަ ނުހެއްދޭތީ މާޔޫސްވެ ގަމަށް ދިޔުން ހުއްޓާލައިިފި އެވެ.

އަލަ ނުހެއްދުނު ނަމަވެސް، އަދިވެސް ގަމުގައި ދަނޑުވެރިކަން ކުރެ އެވެ. އެ ރަށު ނިޝްރީނާ އަލީ އަކީ އަދިވެސް ގަމުގައި ދަނޑުވެރިކަން ކުރާ އަންހެނެކެވެ. މީގެ ކުރިން އޭނާވެސް އަލަ ހައްދައި އުޅުނެވެ. އަލަ ނުހެއްދުނު ނަމަވެސް، އޭނާގެ ދަނޑުގެ ޗަކަބިންތަކުގައި އަލަ ޖަހާފައި ހުރެ އެވެ. ނިޝްރީނާ ބުނި ގޮތުގައި އަަލަ ނުލިބުނަސް އެ ގަސްތައް އިންދަނީ ގަސްތައް ފެނުމުން އޭނާގެ ހިތަށް ހިތްހަމަޖެހުން ލިބޭތީ އެވެ.

ނިޝްރީނާ އިންދާފައި ހުރި ގަސްތައް ބަލާލި އިރު ބައެއް ގަސްތަކުގެ ފަތްތަކުގައި ހުދު ކުލައިގެ ފުސްގަނޑެއް ޖަހާފައި ހުއްޓެވެ. ދެބައިކުޅަ އެއްބައި ގަހުގެ ފަތް ހުރީ ރީނދޫވާން ފަށައިފަ އެވެ. އެއްބައި ގަސްތައް ހުރީ އެއްކޮށް މަރުވެ ހިކިފަ އެވެ.

ގދ. ގައްދޫ ނިޝްރީނާ އަލީ ގދ. ގަމުގައި ހައްދަން ޖަހާފައިވާ އަލަ ގަސްތަކެއް: އަލަ ނުހެދުނު ނަމަވެސް، އޭނާ ގަސް އިންދަނީ ފެނުމުން ހިތަށް ހަމަޖެހުން ލިބޭތީ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

އުންމީދެއް އެބައޮތް

މިހާރު އަލިވިލެމުން މިދަނީ ރާއްޖޭގައި ދަނޑުވެރިކަމުގައި ކުރިިން ނުދާ ހަރުފަތަކަށް ގެންދަން މަސައްކަތް ކުރަމުންދާ ޒަމާނަކަށެވެ. މުޅި ރާއްޖޭގައި ދަނޑުވެރި މަސައްކަތް ފުޅާ ކުރަން ސަރުކާރުން ވަނީ އަތުކުރި އޮޅާލައިފަ އެވެ. ސަރުކާރުން މިހާރު ވަނީ އާންމުން ނުކުމެ ދަނޑުގޮވާން ކުރަން ގޮވާލައިފަ އެވެ. ހައްދާ ހުރިހާ އެއްޗެއް އެސްޓީއޯ މެދުވެރިކޮށް ގަންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ. ސަރުކާރުން ވަނީ، އަލަ ފަދަ ފަލަމަޑީގެ ބާވަތްތައް ހެއްދުމަށް އާންމުންނަށް ގޮވާލައިފަ އެވެ.

އެކަމަކު، ގަމުގެ އަލަ އޮޅުތަކަށް ޖެހިފައިވާ ބަލި މުޅި ރާއްޖޭގައިވެސް އޮތުމުން، ރާއްޖޭގައި އަލަ ހެއްދެނީ ވަރަށް މަދުންނެވެ. ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވި ގޮތުގައި، މިހާތަނަށް ރާއްޖޭގެ އަލަ އޮޅުތައް ސަލާމަތް ކުރެވިފައި ނުވަނީ، ރާއްޖޭގައި ހައްދާ އަލައިގެ ބާވަތަކީ ބަލިތަކާ ދުރުނޫން ބާވަތަކަށް ވުުމުންނެވެ. އެކަމަކު، އަލުން އަލަ ހެއްދުމުގެ މަސައްކަތް ފެށޭނެ ގޮތުގެ ޕްލޭނެއް ޒަހާ ގެންގުޅުއްވަ އެވެ.

ގދ. ގަމުގައި މީހަކު އިންދާފައި ހުރި އަލަ ގަސްތަކެއް މަރުވެ ހިކިފައި: މިހާރު އެ ރަށުގައި އަލަ ނުހެއްދޭތާ ފަސް ވަރަކަށް އަހަރުވެއްޖެ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

މިނިސްޓަރު ޒަހާ ވިދާޅުވި ގޮތުގައި މިހާރު މިނިސްޓްރީއިން ރާވާފައި ވަނީ ބޭރުގެ ގައުމަކުން މުޅިން އެހެން މުޑުވަކެއް ރާއްޖެއަށް ތައާރަފު ކުރުމެވެ. އެއީ ބަލިތަކާ ދުރު "ކްލައިމެޓް ރެޒިލިއަންޓް" ބާވަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޒަހާ ވިދާޅުވި ގޮތުގައި މިހާރު ފިޝަރީޒް މިނިސްޓްރީއިން އެ ބާވަތް ހަނިމާދޫގައި ހެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"އަޅުގަނޑުމެން ހަނިމާދޫ ސެންޓަރުގައި އެބަ ގެންގުޅެން [އެ ބާވަތުގެ އަލަ]. އެ ގިނަ ކުުރުމުގެ މަސައްކަތް އެބަ ކުރަން. އެ ބާވަތް އިންދައިފި ކަމަށްވަންޏާ ބަލިތަކާ ދުރަށްދާނެ. މިހާރު ދިމާވެގެން އުޅޭ މައްސަލައެއް ދިމަލެއް ނުވާނެ،" ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަހާ ވިދާޅުވި އެވެ.

ދިވެހިންގެ ފުޑްސެކިއުރިޓީ ޔަގީންކުރުމަށް ފަލަމަޑީގެ ބާވަތްތައް ހައްދަން ސަރުކާރުން ބާރުއަޅާއިރު، ގދ. ގަން ފަދަ ރަށްތަކުގައި އަލަ އިންދުމަށް ހުރި މައްސަލަތަކަށް ފަރުވާއެއް ބޭނުންވެ އެވެ. އަޅާނުލާ، އެތައް ޒަމާންތަކެއް ވުމުން މަރުވެފައި އޮތް ދަނޑުވެރިކަމަށް އާރޯކަން ގެނެވެން އޮތީ، ގަން ފަދަ ބިންހެޔޮ ރަށްތަކަށް އަލުން ދިރުން ލިބިގެންނެވެ.

comment ކޮމެންޓް