ރާއްޖެ އަށް އަންނަން ބޭނުންވަނީ މުއްސަނދިން އެކަންޏެއް ނޫން، އެންމެން ވެސް ބޭނުން، ފުރުސަތު ނެތީ: އަފީފު

އަފީފު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ ސަން ފައިލް ފޮޓޯ

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އަންނަން ބޭނުން ވަނީ ހަމައެކަނި މުއްސަނދި މަހުޖަނުން ނޫން ކަމަށާއި ފުރުސަތު ލިބިއްޖެ ނަމަ، ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ދުނިޔޭގެ އެކި ގިންތީގެ މީހުން އަންނަން ބޭނުންވާ ކަމަށް ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރެއްވި އެއް ބާނީ ޗަމްޕާ ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.

ސަން އަށް ދެެއްވި އިންޓަވިއުއެއްގައި އަފީފު މިއަދު ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކަށް ބުކިން ހަދާ ފަރާތްތަކުން ބަލަބަލައި ތިބީ، ރާއްޖޭގެ ރަށްތައް ޓޫރިސްޓުންނަށް ހުޅުވާލާނެ އިރަކަށް ކަމަށާއި އޭގެ ތެރޭގައި އެންމެ އާދައިގެ މީހާ އިން ފެށިގެން އެންމެ މުއްސަނދި މީހާ ވެސް ހިމެނޭ ކަމަށެވެ.

އަދި ގިނަ ބަޔަކު ބުކިން ކެންސަލް ނުކުރާ ކަމަށާއި އެއް ތާރީހަށް ފަހު އަނެއް ތާރީހަކަށް ބުކިން ބަދަލު ކުރަމުން އަންނަ ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.

ނަމަވެސް އަފީފު ވިދާޅުވީ މުޅި ދުނިޔެ ކަހަލަ ގޮތަކަށް ލޮކްޑައުން ސިޓުއޭޝަންގައި އޮއްވައި ރާއްޖޭގެ ބޯޑަރު ވަކި ބަޔަކަށް ހުޅުވާލުމަކީ އިންސާފެއް ނޫން ކަމަށާއި އަދި އެއީ ރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ވެސް އެންމެ ރައްކާތެރި، އަދި ފައިދާ ހުރި ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އަފީފު މި މޭރުމުން ވާހަކަ ދެއްކެވީ ލަގުޒަރީ ރިސޯޓް ޗެއިން ސޮނެވާގެ ސީއީއޯ އަދި ކޯ ފައުންޑާ، ސޮނު ޝިވަދަސާނި ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއު ކުރި އޮޕީނައަން އާޓިކަލަކާ ގުޅިގެންނެވެ.

ސޮނު ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރަނަ ނުދިނުމަށް، އަދި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެއީ ރަނގަޅަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އެކަމަކު އެއާ އެކު ގައުމަށް ލިބޭ އިގްތިސާދީ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އަދި އޭނާ ވަނީ ސަރުކާރުން ކުރާ މަސައްކަތްތަކާ އެކު، ރާއްޖެ އަކީ ވައިރަސް ނެތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމުން ރާއްޖޭގެ ބޯޑަރު ފުރަތަމަ ހުޅުވާލަން ފެންނަ ގޮތުގެ ތަސައްވަރެއް ވެސް ކުރައްސަވައިފަ އެވެ.

އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލާ އިރު އެކަން ކުރަން ފެންނަ ގޮތަކީ ފުރަތަމަ ޕްރައިވެޓް ޖެޓްތަކުގައި އަންނަން ބެނުންވާ ޓޫރިސްޓުންނަށް އެ ފުރުސަތު ހުޅުވާލުމެވެ. އެ ގޮތުން ޕްރައިވެޓް ޖެޓްތަކުގައި އަންނަ މީހުން އެއާޕޯޓްގައި ވަކިކޮށް އަދި ޓެސްޓްކޮށް ނެގެޓިވްވާ މީހުން އެ މީހަކު އަންނަ ރިސޯޓަކަށް ފޮނުވުން ކަމަށާއި ކޮވިޑް19 އަށް ޕޮސިޓިވްވާ މީހުން ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީ ކުރުން ކަމަށެވެ.

ކަރަންޓީން ކުރާ މީހުން ރައްޔިތުންގެ ހަރަދުގައި ބަލަހައްޓަން ސޮނު ވިދާޅުވި އިރު، އެކަމަށް ހިނގާ ހަރަދާ ބެހޭ ގޮތުން އޭނާ އެއްޗެއް ވިދާޅެއް ނުވެ އެވެ.

ސޮނު އަކީ ދުނިޔޭގެ މުއްސަނދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި މަތީ ފެންވަރުގެ ޓޫރިސްޓް ރިސޯޓް ހިންގަވާ ބޭފުޅެކެވެ.

އަފީފު ވިދާޅުވީ ސޮނު އެ ވާހަކަ އެ ގޮތަށް ދެއްކެވި އިރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައި ކަމަށާއި އަދި އެފަދަ ތަންތަނުން އަންނަ މީހުން އެނބުރި އެ މީހުންގެ ގައުމަށްް ދާ އިރު އަނެއްކާ 14 ދުވަހު ކަރަންޓީން ކުރާ ފަދަ ހާލަތެއްގައި އެކަން ކުރާނެ ގޮތް ވިސްނިވަަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ބައިލެޓްރަލްކޮށް ވާހަކަ ދައްކައިގެން ވެސް މުއްސަނދިންނަށް އެކަން ހާއްސަކުރާނެ ވަކި ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

އަފީފު ވިދާޅުވީ ކޮރޯނާ ވައިރަހާ އެކު، މިވަގުތަކީ ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއް ކަމަށާއި އަދި އެކަމުން އެއް ވެސް ބަޔަކު އިސްތިސްނާ ނުވާ ކަމަށެވެ. އެހެން ނަމަވެސް މިވަގުތަކީ އެެއްވެސް ބޭފުޅަކު އެ ބޭފުޅެއްގެ އަމިއްލަ މަސްލަހަތުގެ ވާހަކަ ދައްކަވަންވީ ވަގުތު ނޫން ކަމަށާއި މި ވަގުތަކީ ކެއްތެރި ކަމާ އެކު މިކަމުން އަރައިގަތުމަށް ޖުމުލަކޮށް މަސަކަތްކޮށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށެވެ.

ކޮވިޑް19 އިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން، އަދި ޑޮކުޓަރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަފީފު ވަނީ ތައުރީފު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ކޮވިޑް ނެތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ވީހާ ވެސް އަވަހަކަށް ހުޅުވާލެވުމަކީ ކުރައްވާ އުންމީދު ކަމަށެވެ.

comment ކޮމެންޓް