ބިދޭސީއަކަށް ހަމަލާ ދިން މީހުން ދުކޮށްލުން ރިވިއުކޮށް އަލުން ބަންދަށް

ރ. އިންނަމާދޫ: އެ ރަށުގައި ބިދޭސީއަކަށް އަނިޔާ ކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީޙުންގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފަ -- ފޮޓޯ/ އިންނަމާދޫ ފޭސްބުކް ޕޭޖް

ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކަށް ހަމަލަދީގެން ހައްޔަރު ކުރި ދެ ދިވެހީން އެރަށު ކޯޓުން ދޫކޮށްލަން ނިންމި ނިންމުން އެ ކޯޓުން ރިވިއުކޮށް އެ ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު 28 އަހަރުގެ ބަންގުލަދޭޝް ރައްޔިތަކަށް ހަމަލާ ދިނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން 38 އަހަރާއި 48 އަހަރުގެ ދެ ދިވެއްސަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން އެ ދެ މީހުން ދޫކޮށްލަން އެ ރަށު ކޯޓުން ވަނީ ނިންމައިފައެވެ. އެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

އެ ދެ މީހުން ދޫކޮށަލަން ނިންމި ނިންމުން ރިވިއު ކުރަން ދައުލަތުން ހުށަހެޅުމުން، އެ ނިންމުން ރިވިއު ކުރުމަށް ފަހު ކޯޓުން ނިންމާފައި ވަނީ ބިދޭސީ މީހާއަށް ހަމަލާދިން ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖެހުމަށެވެ. އެކަން މިއަދު ފުލުހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

އެ މާރާމާރީ ހިނގަން މެދުވެރިވީ، 48 އަހަރުގެ ދިވެހި ފިރިހެން މީހާ ދިރުއުޅޭގޭގައި ހުރި ގަސްތަކަށް އޭނަ ފެން ދޭން އުޅުމުގެ ތެރޭގައި، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅޭ މެޝިންތަކަށް ފެން ބުރުމުން ބިދޭސީ މީހާ އެ ޝަކުވާ ކުރުމުންނެވެ.

މާރާމާރީގައި އަނިޔާވި ބިދޭސީ މީހާގެ ނޭފަތްމަތި ފަޅައިގެން ގޮސް ދުޅަވުމުގެ އިތުރުން ވާއަތު ލޯކައިރިން ފަޅައިގެން ގޮސްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޕީޖީ ހުސެއިން ޝަމީމް ވަނީ މައްސަލަތަކުގެ ހަގީގަތްތަކަށް ރިއާޔަތް ނުކޮށް މައްސަލަތައް ނިންމާ ގާޒީންނާ މެދު ފިޔަވަޅު އަޅަން އެދިފައެވެ.

comment ކޮމެންޓް