ބޭރުގައި ތިބި ދިވެހީން ގެންނަން މޯލްޑިވިއަން އިން ބާއްވާ ފްލައިޓުތަކުގެ އަގުތައް ހެޔޮކޮށްފި

މޯލްޑިވިއަންގެ ފްލައިޓެއް: މިހާރު ބޭރުގެ ގައުމުތަކަށް ކުރާ ދަތުރުތަކުގެ އަގުތައް ވަނީ ކުޑަކޮށްފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮވިޑް19އާ ގުޅިގެން އެކި ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިހާރު ބާއްވަމުން ގެންދަވާ ހާއްސަ ފްލައިޓުތަކުގެ ޓިކެޓް އަގުތަށް ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިހާރު ވަނީ އިންޑިއާގެ ކޮޗިން އަދި ސްރީލަންކާގައި ތިބި ދިވެހިން ގެނައުމަށް ރާއްޖެއަށް އެއް ފްލައިޓު ބާއްވާފައެވެ. އަދި މެލޭޝިއާގެ ތިބި ދިވެހިން ގެނައުމަށް މިހާރު ޓިކެޓް ވިއްކާފައިވާއިރު، އެ ފްލައިޓު އައުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިހުއެވެ. ފްލައިޓުުތަކުގެ ޓިކެޓު އަގުބޮޑުވެގެން ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ޕީއާރު އަދި މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފީތަކަށް ދިން ލުއި ދިނުމާއެކު މަޝްވަރާކުރުމަށްފަހު ޓިކެޓްގެ އަގުތަށް ރިވައިސްކޮށްފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން ދެން ދަތުރުކުރާ މަންޒިލްތަކުގެ އަގުތަށްވެސް މޫސަ ހާމަ ކުރެއްވިއެވެ. މޫސަ މިރޭ ހާމަކުރެއްވި އަގުތަކުގެ ތެރެއިން އަގު ކުޑަ ނުވަނީ ހަމައެކަަނި މެލޭޝިއާއަށް ކުރާ ދަތުރުތަކުގެ އަގުތަކެވެެ. މީގެ އިތުރުން ޓްރިވެންޑްރަމަށް އަންނަ ހޮނިހިރު ދުވަހު ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަަމަށްވެސް މުސަ ވިދާޅުވިއެވެ.

މިހާރު ކަނޑައަޅާފައިވާ އަގުތައް:

  • ސްރީލަންކާ، ކޮލަމްބޯ - 220 ޑޮލަރު (3،388 ރުފިޔާ)
  • އިންޑިއާ، ކޮޗިން - 149 ޑޮލަރު (2،295 ރުފިޔާ)
  • އިންޑިއާ، ޓްރިވިންޑްރަމް - 199 ޑޮލަރު (3،065 ރުފިޔާ)
  • މެލޭޝިއާ، ކުއާލަލަމްޕޫރު - 330 ޑޮލަރު ( 5،082 ރުފިޔާ)

މީގެ ކުރިން މޯލްޑިވިއަން އިން ލަންކާއަށް ކުރި ދަތުރުގައި ޓިކެޓް ވިއްކި އަގަކީ، 300 ޑޮލަރެވެ. އިންޑިއާގެ ކޮޗިންގެ ޓިކެޓް ވިއްކި އަގަކީ ގަކީ 260 ޑޮލަރެވެ. އަދި މެލޭޝިއާގެ ޓިކެޓެއްގެ އަގަކީ 330 ޑޮލަރެވެ.

ޓިކެޓް ދިނުމުގައި ބައެއް މީހުންނަށް އުސޫލުން ބޭރުން ޓިކެޓް ދޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ޓިކެޓް ދިނުމުގައި އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބެލުމަށް މަޝްވްރާ ކުރަމުންދާ ކަމަށެވެ.

މިހާތަނަށް މޯލްޑިވިއަން އިން ލަންކާއިން ގެނެސްފައިވަނީ، 100 މީހުންނެވެ. އަދި ކޮޗިން އިން ގެނެސްފައިވަނީ 183 މީހުންނެވެ. މެލޭޝިއާ އިން 200 މީހުންނެވެ. މީގެ އިތުރުން އަދިވެސް އެ މަންޒިލްތަކަށް އިތުރު ފްލައިޓުތައް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް