އޮންލައިންކޮށް ކިޔަވައިދޭން އާރުއޯއެލްއިން ފްލެޓްފޯމެއް

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް (ވ) ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އޮންލައިންކޮށް ކިޔަވައިދޭން ރާއްޖެ އޮންލައިން (އާރުއޯއެލް)އިން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމްއެއް ޓެކްނޮލޮޖީ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

މިއަދު ޓެކްނޮލޮޖީ މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައި އެ ޕްލެޓްފޯމް ވަނީ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއަށް ދައްކާލައިފައެވެ.

އެކަމާ ގުޅޭގޮތުން މަލީހް ވިދާޅުވީ އެފަދަ ޕްލެޓްފޯމްތަކަށް މިނިސްޓްރީން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށެވެ.

އަދި މިއަދު ދައްކާލި ޕްލެޓްފޯމްތަކުގެ ފިޗާސްތައް ހުރީ ޔުނިވާސިޓީތަކާއި ސްކޫލްތަކުން ބޭނުންވާވަރަކަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކުރިއަށް ދިއުމުގައި އަޅުގަނޑަށް ފެންނަނީ ކޮންމެވެސް އެއް ޔުނިވާސިޓީއެއް. އިސްލާމިކް ޔުނިވާސިޓީވެސް ރަނގަޅު އޮޕްޝަނަކަށް ވެދާނެ އޭގެ ޕައިލެޓްކުރުމަށްޓަކައި. ދެން އަމަލީ ގޮތުން ކްލާސްތަކެއް ނަގަން ފެށީމަ އޭގައި ހުރި ބައެއް ޗެލެންޖަސްތަކަށް އެޑްރެސް ކުރަން އަޅުގަނޑަށް ހީވަނީ ފަސޭހަވާނެހެން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް މިހާރު ވަނީ ބަންދުކޮށްފައެވެ. ގްރޭޑް 9 އަކުން ފެށިގެން މަތީގެ ދަރިވަރުންނަށް ޓީވީ ޗެނަލްތައް މެދުވެރިކޮށް ކިޔަވައިދެމުންދާއިރު ދަށުގެ ގްރޭޑްތަކަށް ކިޔަވައިދެމުންދަނީ ގޫގަލް ކްލާސްރޫމްތައް ފަދަ ވަސީލަތްތައް މެދުވެރިކޮށެވެ.

comment ކޮމެންޓް