ފާތިމަތު ޖަމީލް އަވަހާރަވެއްޖެ

ފޮޓޯ/ޕީއެސްއެމް

އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި، އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމުގައިވާ ފާތިމަތު ޖަމީލް އަވަހާރަވެއްޖެއެވެ.

ފާތިމަތު ޖަމީލް އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 81 އަހަރުފުޅެވެ.

ފާތިމަތު ޖަމީލަކީ ކުރީގެ މިނިސްޓަރ އޮފް ޖަސްޓިސް އަދި ކުރީގެ ބަންޑާރަނައިބު ފަޟީލަތުއްޝައިޚް މުހައްމަދު ޖަމީލު ދީދީގެ ދަރިކަނބަލެކެވެ. އަދި ކުރީގެ ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލްގެ ދައްތާފުޅެކެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ސަފީރުކަންވެސް ކުރެއްވި ޒާހިޔާ ޒަރީރަކީ ފާތިމަތު ޖަމީލްގެ ދަރިކަނބަލެކެވެ.

ފާތިމަތު ޖަމީލް ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަދާކުރައްވާފައެވެ. އަދި އަންހެނުންނާ ގުޅޭ ކަންކަން ކުރިއަރުވައި ތަރައްގީކުރަން 1979 ގައި ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އަންހެނުންގެ ކޮމިޓީގެ އިސްވެރިޔާގެ މަގާމާއި، އެ ކޮމިޓީ 1993 ވަނަ އަހަރު މިނިސްޓްރީ އޮފް ވިމެން އެފެއާޒް އުފެއްދުމާ ހަމައަށް އެތަނުގެ ޑިރެކްޓަރު ޖެނެރަލްކަން ކުރެއްވިއެވެ.

ފާތިމަތު ޖަމީލްގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމުގައިވާ މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ އެކަމަނާއަކީ ސަރުކާރުގައި އަންހެނުންގެ ކަންކަން ތަރައްގީކުރުމަށް އިސްކޮށް ހުންނަވައި، އަންހެނުންނަށް ބޮޑެތި އުންމީދުތަކެއް ގެނެސްދެއްވި ބޭފުޅެއް ކަމަށެވެ.

"މިންތީގެ ހަމަހަމަކަމަށް ގޮންޖެހުން ބޮޑު ދުވަސްވަރެއްގައި އެކަމަނާ ހުންނެވީ އަންހެނުންނަށްޓަކައި އުންމީދުގެ ހުޅުކޮޅާއެކު،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

comment ކޮމެންޓް