ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލްކޮށް، އަގުބޮޑުކޮށް ވިއްކާ ނަމަ ލައްކައަކުން ޖޫރިމަނާ ކުރަނީ

މިވަގުތު އިގްތިސޯދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު އިކޮނޮމިކް މިނިސްޓްރީން ކޮންޓްރޯލް ކޮށް، އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާކުރަން ސަރުކާރުން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި މަހުގެ ހައެއް ވާ ހޯމަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށެވެ. ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ އަށެވެ. އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ކަމަށެވެ.

އެ އަގަށް ވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް ގިނަވެގެން 100,000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ސަރުކާރުން މި ބާވަތްތަކުގެ އަގު ކޮންޓްރޯލް ކޮށްފައިވާއިރު، ބާޒާރުގައި އެ ބާވަތްތަކުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލެން ފަށައިފައެވެ. މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު އުޅެނީ 25 ރުފިޔާ އަށެވެ. އަލުވި ކިލޯއެއްގެ އަގު ވަނީ 30 ރުފިޔާއަށް އުފުލިފައެވެ. އަދި ބިހެއް ލިބެނީ 2.30 އަށެވެ.

ބާޒާރުގައި މި ބާވަތްތަކުގެ އަގު އުފުލެން ފެށުމުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ވަނީ އެ ބާވަތްތަކުގެ އަގު ހެޔޮކޮށް، ވިއްކުން ކޮންޓްރޯލް ކޮށްފައެވެ.

comment ކޮމެންޓް