ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިލިއަނަކަށް، މަރުވި މީހުން ބައިލައްކައަށް

ދުނިޔޭގެ އެކި ގައުމުތަކުގައި އަދިވެސް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއް މިލިއަން އަށް އަރައި، މަރުވި މީހުންގެ އަދަދު ބައިލައްކައަށް އަރައިފި އެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ މި ބަލި މިހާތަނަށް 1,001,958 މީހުންނަށް ވަނީ ޖެހިފައެވެ. މަރުވި މީހުންގެ އަދަދަކީ، 51،432 އެވެ. ބަލިން ރަނގަޅުވެފައި ވަނީ، 210,273 އެވެ.

ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު އިއްޔެއާ ހަމައަށް އޮތީ 45،000 ގައެވެ. ޑަބްލިއުއެޗްއޯ އިން އިއްްޔެ ހާމަކޮށްފައިވާ ގޮތުގައި ހަފްތާއެއްހާ ތެރޭ މަރުވާ މީހުންގެ އަދަދު ބައިލައްކައެއް އަރާނެއެވެ. ނަމަވެސް އެއް ދުވަސްތެރޭ މަރުވި މީހުންގެ އަދަދު މިވަނީ ބޮޑުތަނުން އިތުރުވެފައެވެ.

މަރުވި މީހުންގެ އަދަދު ބައިލައްކައަށް އަރާފައިވާއިރު، ސިއްހީ މާހިރުން ބުނާ ގޮތުން މި ވައިރަސް ޖެހިގެން އާންމުގޮތެއްގައި މަރުވަނީ އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ އެހެން ބައްޔެއްގެ ސަބަބުން ދިފައީ ނިޒާމް ބަލިކަށި މީހުންނެވެ.

ޗައިނާގެ ވޫހާން އިން އެންމެ ފެތުރެން ފެތުރުނު މި ވައިރަސް މިހާތަނަށް 204 ގައުމަކުން ވަނީ ފެނިފައެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ، އެމެރިކާއިންންނެވެ. އެ ގައުމުން ވޭތުވެދިޔަ 24 ގަޑިއިރު އެކަނިވެސް 20،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެމެރިކާއިން މިހާތަނަށް ޖުމްލަ 235,747 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މަރުވި މީހުންގެ އަދަދަކީ، 5,624 އެވެ.

އެހެން ގައުމުތަކުގެ ތަފްސީލު:

  • އިޓަލީ - 115,242 ޕޮޒިޓިވިއިރު، މަރުވި މީހުންގެ އަދަދަކީ 13،915
  • ސްޕޭން - 110,238 ޕޮޒިޓިވިއިރު، މަރުވި މީހުންގެ އަދަދަކީ، 10,096
  • ޖަރުމަން - 84,415 ޕޮޒިޓިވިއިރު، މަރުވި މީހުންގެ އަދަދަކީ، 1,090
  • ޗައިނާ - 81,589 ޕޮޒިޓިވިއިރު، މަރުވި މީހުންގެ އަދަދަކީ، 3,318
  • ފްރާންސް - 59,105 ޕޮޒިޓިވިއިރު، މަރުވި މީހުންގެ އަދަދަކީ، 4,503
  • އީރާން - 50,468 ޕޮޒިޓިވިއިރު، މަރުވި މީހުންގެ އަދަދަކީ، 3،160
  • އިނގިރޭސިވިލާތް - 33,718 ޕޮޒިޓިވިއިރު، މަރުވި މީހުންގެ އަދަދަކީ، 2،921
  • ޗައިނާ - 81,589

މިހާތަނަށް ރާއްޖެއިން ކޮރޯނާވައިހަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 19 މީހުންނެވެ. އޭގެ ތެރެއިން ރާއްޖޭގައި މިވަގުތު ތިބީ 17 މީހުންނެވެ. އަނެއް ދެމީހުންނަކީ އިޓަލީ ދެ ފަތުރުވެރިންނެވެ. އެމީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.

ޕޮޒިޓިވްވެ ރާއްޖޭގައި ތިބި 17 މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. މިހާރު ފަރުވާދެމުން އަންނަނީ އިނގިރޭސީވިލާތުން އައި ހަތަރު ދިވެހީންނަށެވެ. އެމީހުން ޕޮޒިޓިވްވިއިރު، އެމީހުން ތިބީ ރާއްޖެ އަނބުރާ އައިތަނުން ކަރަންޓިނުކޮށްފައެވެ.

comment ކޮމެންޓް