ގުޅިފަޅާއި ތިލަފުށީގެ ބިމާއި އެޕާޓްމަންޓު ކުލިން ތިން މަހަށް 30 ޕަސެންޓް އުނިކޮށްފި

ގުޅިފަޅު---- ސަން ފޮޓޯ/ އަހްމަދު އާޒިފް

ގުޅިފަޅާއި ތިލަފުށިން ބިން އަދި އެޕާޓަމަންޓްތަކަށް ކުރިއަށް އޮތް ތިން މަހަށް ދައްކަން ޖެހޭ މަހު ކުލިން 30 ޕަސެންޓު އުނިކޮށްދިނުމަށް ނިންމައިފި އެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)އިން ބުނީ ތިން މަހުގެ ކުލިން ލުޔެއް ދޭން ނިންމީ އެ ދެ ރަށުން ތަންތަން ކުއްޔަށް ހިފާފައިވާ މީހުންނަށް ކޮވިޑް19ގެ ސަބަބުން މި ދުވަސްވަރު ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމަށް ކަމަށެވެ.

އެގޮތުން އެކެއް އޭޕްރީލް 2020 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހު ދައްކަން ޖެހޭ މަހު ކުލީގެ 30 ޕަސެންޓު އުނިކޮށްދިނުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ.

ތިލަފުށި މަތިން ނަގާފައި ފޮޓޯއެއް --- ފައިލް ފޮޓޯ

މިކަމާ ގުޅޭ އިތުރު މައުލޫމާތު [email protected] އަށް މެއިލް ކުރުމަށް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ކޮވިޑް19އާ ގުޅިގެން ގުޅިފަޅާއި ތިލަފުށިން ބިން އަދި އެޕާޓަމަންޓްތަކަށް ކުރިއަށް އޮތް ތިން މަހަށް ދައްކަން ޖެހޭ މަހު ކުލިން 30 ޕަސެންޓު އުނިކޮށްދީފައިވާ އިރު، ހުޅުމާލޭގެ ރައްޔިތުން އެޗްޑީސީއަށް ދައްކާ ކުލި އެކުންފުނިން ވަނީ ފަސްކޮށްދީފަ އެވެ.

އެގޮތުން އެޗްޑީސީން ދޫކޮށްފައިވާ ފުލެޓު، ގޯތިތައް، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި އަދި ސިނާއީ ބިންތަކަށް ނިމިދިޔަ މާޗް މަހާއި މި މަހުގެ ކުލިން 30 ޕަސެންޓް ވަނީ ފަސްކޮށްދީފަ އެވެ.

comment ކޮމެންޓް