ފެން ކުންފުނީގެ ރިހި 25: ކުރިމަތިލަނީ އާ ޒަމާނަކަށް

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޑަބްލިއުއެސްސީގެ 25 އަހަރުގެ ތަޖުރިބާގެ އަލީގައި ހިދުމަތްތައް ފުޅާކޮށް، އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީސީއަށް 25 އަހަރު ފުރުމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ޝާހު ވަނީ އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ފުޅާކުރަން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފަ އެވެ.

"އެންމެ މުހިންމު އެއް ކަމަކަށް މިއޮތީ މާލޭގެ ފެނުގެ ރިޒާވެއް ހެދުން. އެގޮތުން ރިޒާވެއް ހެދުމަށްޓަކައި އެސްޓީއޯގެ ރެޑީމިކްސް ހަދަން ބޭނުންކުރާ 373 ނަންބަރު ކޮށި ސަރުކާރުން ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި. ބޭނުންވަނީ އެތަނުގައި ތިން ޓޭންކު ބަހައްޓައިގެން މާލެ ފެނަށް ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރެވޭނެ ތިން ދުވަހުގެ ސްޓޮކެއް ބިލްޑުކުރުން." ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް ނިންމަން ކުރިން ރާވާފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރު މަހަށް ކަމަށެވެ. އެ މަޝްރޫއަކީ ބޭރު ކުންފުންޏެއްގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫއަކަށް ވުމާއެކު ކޮވިޑް19ގެ ސަބަބުން އެ މަޝްރޫއު ލަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ ތިން މަހުގެ މަޑުޖެހުމެއް އެ މަޝްރޫއަށް އަތުވެދާނެ ކަމަށާއި ނަމަވެސް، މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ ހުޅުމާލެއާ މާލެއާ ދެމެދު ފެން ޕައިޕްލައިން އެޅުމުގެ މަސައްކަތުގެ ބޮޑު ބައި ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

"މާލޭގައި ޕަވާ ފެއިލް ވިޔަސް، (ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި) ހުޅުމާލޭން ބްރިޖު ދަށުން އަންނަ ޕައިޕްލައިން ކަލާފާނު ޓޭންކަށް ގުޅާލެވޭ ގޮތަށް ކަނެކްޝަނެއް ދިނުން. މި މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިމިފައި، ކަލާފާނުގެ ޓޭންކަށް ގުޅާލުމަށްޓަކައި ހޮޅި ވަޅުލުމުގެ މަސައްކަތް އެކަނި އޮތީ." ޝާހު ވިދާޅުވި އެވެ.

ހުޅުމާލޭން މާލެއަށް ޕައިޕްލައިނެއް އެޅުމުގެ މައިގަނޑު ބޭނުމަކީ ކަރަންޓު ކެނޑިގެން ނުވަތަ އެހެން ވެސް މައްސަލައެއް މާލޭން މެދުވެރިވި ނަމަވެސް، އެއްވެސް މެދެކެނޑުމަކާ ނުލައި އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ ފެން އުފެއްދުމުގައި ޒަމާނީ، އާ ގޮތްތަކެއް ދިރާސާ ކުރަމުންދާ ކަމަށެވެ.

މިހާރު ފެން ކުންފުނިން އުފައްދާ ފެނަކީ ބޯހޯލް ތޮރުފައިގެން ބިމުގެ 100 މީޓަރަށް އަޑިން ފެން ނަގައިގެން އުފައްދާ ފެނެވެ. އެ ކުންފުނި އުފައްދައިގެން އެންމެ ފުރަތަމަ ފެން އުފެއްދީ މޫދުން ނަގާ ލޮނު ފެން ޑީސެލިނޭޓް ކޮށްގެންނެވެ.

އެމްޑަބްލިއުއެސްސީގެ ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި ހުންނަ އާރުއޯ ޕްލާންޓް-- ފޮޓޯ: އެމްޑަބްލިއުއެސްސީ

ޝާހު ވިދާޅުވީ ބިމުގެ އަޑިން ނަގާ ފެން ޑީސެލިނޭޓްކޮށްގެން ފެން އުފެއްދުމަކީ މާ ރައްކާތެރި ގޮތެއް ކަމަށެވެ. ނަމަވެސް މިއަށްވުރެ ވެސް ޒަމާނީ މޮޑެލްތައް ބަލަމުންދާ ކަމަށް ޝާހު ވިދާޅުވި އެވެ.

"ބޭރުގެ ބައެއް ގައުމުތަކުގައި ވައިގެ ހުންނަ ފެން ކޮންޑެންސްކޮށްގެން އެއިން ވެސް މީރު ފެން އެބަ އުފައްދާ. އަޅުގަނޑުމެން ވެސް މި މޮޑެލް ބެލިން އެކަމަކު މި މޮޑެލްއަށް ހަކަތަ އެބަދޭ މިހާރު މި ބޭނުންކުރާ ހަކަތައިގެ 119ގުނަ އިތުރަށް... އެހެންވެ މިއީ އެހާ ފީސިބަލް މޮޑެލްއަކަށް ނުވޭ." ޝާހު ވިދާޅުވި އެވެ.

2014 ވަނަ އަހަރު މާލޭގައި ފެނުގެ ހިދުމަތް ކެނޑުނު ދުވަސްވަރު މީހަކު އިސްކުރުބަރިން ފުޅިއަކަށް ފެން އަޅަނީ --- ސަން ފައިލް ފޮޓޯ

އެމްޑަބްލިއުއެސްސީގެ ރިހި ޔޫބީލް ފާހަގަ ކުރުމަށް ކުރިން ވަރަށް ގިނަ ކަންތައްތަކެއް އޮތީ ރާވާފަ އެވެ. ނަމަވެސް މި ދުވަސްވަރު ކޮވިޑް19 ފެތުރެމުންދާތީ އެ ހަރަކާތްތަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވާ ގޮތަށް ބާއްވަން ރޭވި އަހަރީ ދުވަހުގެ ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ޝާހު ވިދާޅުވީ މި ހާލަތުން އަރައިގަނެވުމުން އަހަރީ ދުވަހަށް ރާވާފައިހުރި ކަންކަން އަލުން ބާއްވާނެ ކަމަށެވެ.

ކޮވިޑް19އާއެކު މި ދުވަސްވަރަކީ ދަތި ދުވަސްވަރެއް ނަމަވެސް ފެން ކުންފުނިން ދޭ އެއްވެސް ހިދުމަތެއް ހުއްޓުމަކަށް ނާންނާނެ ކަމުގެ ޔަގީންކަން ވެސް ޝާހު ވަނީ އާންމު ރައްޔިތުންނަށް އަރުވާފަ އެވެ.

މާލެއަށް ކުރިމަތިވި ފެނާއި ނަރުދަމާގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި އެމްޑަބްލިއުއެސްސީ އުފެއްދީ އޭޕްރީލް 1، 1995ގައެވެ. އޭރު 60 މުވައްޒަފުންނާއެކު އެކުންފުނި އުފެއްދީ 60،000 މީހުންގެ އާބާދީއަކަށް ހިދުމަތް ދިނުމަށެވެ.

އޭގެ 25 އަހަރު ފަހުން ކުންފުނީގައި 900އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު، ކުންފުނީގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 50 ޕަސެންޓަށްވުރެ ބޮޑު ބަޔަށް ވަނީ ފުޅާކޮށްފަ އެވެ.

comment ކޮމެންޓް