ކޮރޯނާވައިރަސް: 5 މިނިޓުން ނަތީޖާ ލިބޭ ޓެސްޓެއް އެމެރިކާގެ ކުންފުންޏަކުން ތައާރަފްކޮށްފި

އެބޮޓް ލެބޯރެޓަރީސް އިން ވަނީ ފަސް މިނިޓުން ނަތީޖާ ލިބޭ ކޮރޯނާވައިރަސް ޓެސްޓެއް ތައާރަފްކޮށްފަ -- ފޮޓޯ: އެބޮޓް

ވޮޝިންޓަން (މާޗް 29): ދުނިޔޭގައި މިހާރު ފެތުރެމުންދާ އާ ބާވަތުގެ ކޮރޯނާވައިރަހަށް ޕޮޒިޓިވްކަން ނުވަތަ ނޫންކަން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަންގައިދޭ ޓެސްޓެއް އެމެރިކާގެ ކުންފުންޏަކުން ތައާރަފްކޮށްފި އެވެ.

ސިއްހީ ފަރުވާއަށް ބޭނުންވާ އާލާތްތައް އުފައްދާ ކުންފުންޏެއް ކަމަށްވާ އެބޮޓް ލެބޯރެޓަރީސްއިން ބުނި ގޮތުގައި އެ ކުންފުނިން ކޮރޯނާވައިރަހަށް ޓެސްޓު ކުރަން ހަދާފައި ވަނީ މީގެ ކުރިންވެސް އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކަށް ޓެސްޓު ކުރުމަށް ބޭނުން ކުރާ ޓެކްނޮލޮޖީއެއް ކަމަށްވާ "އައިޑީ ނައު" ސިސްޓަމެވެ. އައިޑީ ނައު ސިސްޓަމުން މީގެ ކުރިން އިންފްލުއެންޒާ އާއި ކަރުގެ އިންފެކްޝަނަށް ޓެސްޓު ކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.

އެބޮޓްއިން ބުނި ގޮތުގައި އެ ސިސްޓަމުން ފަސް މިނިޓު ތެރޭ ޕޮޒިޓިވް ނަތީޖާ ދައްކުވައިދޭނެ އެވެ. އަދި ނެގެޓިވް ނަތީޖާ އެއް ނަމަ 13 މިނިޓު ތެރޭ ދައްކުވައިދޭނެ އެވެ. އަދި ބަރުދަނުގައި އެންމެ ހަތް ޕައުންޑު ހުންނަ އެ ސިސްޓަމް ފަސޭހަ ކަމާއެކު ޑޮކްޓަރުންގެ އޮފީސްތަކުގައިވެސް ބޭނުން ކުރެވޭނެ އެވެ. އެ ސިސްޓަމުން ވައިރަހަށް ޓެސްޓު ކުރަން ބޭނުން ވާނީ އަނގަ ނުވަތަ ނޭފަތުން ނަގާފައިވާ ސާމްޕަލެކެވެ.

އެބޮޓްއިން ބުނި ގޮތުގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ އެ ޓެސްޓު ބައެއް ތަންތަނުގައި ބޭނުން ކުރުމަށް ވަގުތީ ހުއްދައެއް ދީފަ އެވެ. އަދި އެ ކުންފުނިން ވަނީ އަންނަ ހަފްތާ ތެރޭގައި ޓެސްޓު ކިޓުތައް ފޮނުވަން ފަށާނެ ކަމަށާއި އަންނަ މަހުގެ އެކަކާ ހަމަޔަށް ދުވާލަކު 50،000 ކިޓު ސަޕްލައި ކުރެވޭ ވަރު ވާނެ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ބައެއް ޕްރައިވެޓް ކުންފުނިތަކުން ވަނީ ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް މިހާރު އެގައުމުގައި ހަފްތާއެއްހާ ދުވަސް ނަގާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެމެރިކާގައި އެކަށީގެންވާ ވަރަށް މީހުން ވައިރަހަށް ޓެސްޓު ނުކުރާ ކަމަށް ބުނެ، އެގައުމަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން ވައިރަސް ފެތުރުން މިހާރު ކޮންޓްރޯލްކޮށްފައިވާ ދެކުނު ކޮރެއާގައި ކޮންމެ 100،000 މީހުންގެ ތެރެއިން 700 މީހުން ވައިރަހަށް ޓެސްޓުކޮށްފައިވާ އިރު އެމެރިކާގައި ކޮންމެ 100،000 މީހުންގެ ތެރެއިން ޓެސްޓުކޮށްފައި ވަނީ 200 މީހުންނެވެ.

އެމެރިކާއަކީ މިހާރު ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގޮތުން އެގައުމުގައި 124،600އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ސަބަބުން 2،191 މީހަކު ވަނީ މަރުވެފަ އެވެ.

މުޅި ދުނިޔޭގައި މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު 124,686އަށް އަރާ، އޭގެ ތެރެއިން 31,734 މީހަކު ވަނީ މަރުވެފަ އެވެ. އަދި 145,625 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް