ޑަބްލިޔުއެޗްއޯ އިން ތެލަސީމިޔާ ޑައިގްނޯސްކުރާ މެޝިނެއް ޝީ އަށް ހަދިޔާކޮށްފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ]ޑަބްލިޔުއެޗްއޯ[ އިން ތެލަސީމިޔާ ޑައިގްނޯސްކުރާ ޑީ 10ގެ މެޝިނެއް ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަށް ހަދިޔާކޮށްފި އެވެ.

އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި އެ މެޝިން ޝީ އާ ހަވާލުކޮށްދެއްވީ ރާއްޖެ އަށް މިހާރު ވަޑައިގެން އުޅުއްވާ ޑަބްލިޔުއެޗްއޯ ދެކުނު އިރުމަތީ އޭޝިޔާ ރީޖަންގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރު މިސް ޕޫނަމް ހެތްރަޕަލް ސިންގް އާއި މިނިސްޓަރު އޮފް ހެލްތު އެންޑް ފެމެލީ އާމިނަތު ޖަމީލް އެވެ. އަދި ޝީގެ ފަރާތުން އެ މެޝިނާ ހަވާލުވެ ވަޑައިގަތީ ޝީގެ ވައިސް ޗެއާމަން ހުސެއިން ހަލީމެވެ.

އެ ރަސްމިއްޔާތަށް ފަހު މިސް ޕޫނަމް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ ގައުމު ކަމަށެވެ. އަދި ރާއްޖެއަކީ ރައްޔިތުންގެ ސިއްހަތަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ގައުމެއް ކަމަށާއި ޑަބްލިޔުއެޗްއޯ އިން އަބަދު ވެސް ރާއްޖެ އާއި އެކީގައި ވެދެން އޮތް އެހީއެއް ވެދެއްވުމުގައި ދެމި ތިބޭނެ ކަމަށް މިސް ޕޫނަމް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރީން ބުނި ގޮތުގައި އެ މެޝެނަކީ ޝީން މިހާތަނަށް ތެލަސީމިޔާ ތަހުލީލުކުރުމަށް ބޭނުންކުރުމުން ގެންދިޔަ މެޝެނުގެ މުއްދަތު ހަމަވެ، އުފެއްދި ކުންފުނި ވެސް ބައްދުކުރުމާ ގުޅިގެން ދެއްވި މެޝެނެއް ކަމަށެވެ.

ތެލެސީމިއާ އަށް ކުރެވޭ "ހައި ޕާފޯމަންސް ލިކުއިޑް ކްރެމޮޓޯގޮރަފީ" (އެޗްޕީއެލްސީ) އަށް ތަހުލީލު ކުރާ އެމެޝެނަކީ 24،500 އެމެރިކާ ޑޮލަރު ]377،790ރުފިޔާ[ގެ އަގު ހުރި މެޝެނެއް ކަމަށާއި އެ މެޝިނުން ދުވަހުން ދުވަހަށް ކުރެވޭ ޓެސްޓްތަކުގެ ސައްހަކަމާއި ސްޓޭންޑަޑް ހިފެހެއްޓުމާއި މޮނިޓަރު ކުރުމުގެ ގާބިލްކަން ދެނެގަނެވޭނެ ފަދަ އިންޓާނަލް ކޮލިޓީ ޕްރޮގްރާމެއް އެކުލެވިފައިވާނޭ ކަމަށް މިނިސްޓަރީ އިން މައުލޫމާތު ދިނެވެ.

ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަކީ ރާއްޖޭގައި 1988 ވަނަ އަހަރުން ފަށައިގެން މިއަދާ ހަމަ އަށް މަސައްކަތްކުރަމުން އަންނަ އަމިއްލަ ޖަމާއަތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު