ސްޓޫޑެންޓް ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ރައީސް އޮފީސް

ސްޓޫޑެންޓް ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފިއެވެ.

ކޮރޯނާ އާއި ގުޅިގެން ރާއްޖޭގެ ހާލަތު އޮތްގޮތް ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ
މަތީ ތައުލީމް ހާސިލުކުރުމަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުގައިވެސް، މިދަނޑިވަޅުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މިހާރު ނިންމާފައިވާކަމަށެވެ.

އޭގެ ތަފްސީލު ހާމަކުރައްވާ ރައީސް ވިދާޅުވީ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ހަ މަހަށް ފަސްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މިހާރުވެސް ސްޓޫޑެންޓް ލޯނު އަނބުރާ ދައްކަން ޖެހިފައިވާ 4000 އަށްވުރެ ގިނަ ބޭފުޅުން އެބަތިއްބެވި. ސަރުކާރުން މިހާރު ނިންމާފައިވަނީ، މި ދެންނެވި ސްޓޫޑަންޓް ލޯނު އަނބުރާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިހާރު އޮތް ސްޓޫޑެންޓް ލޯނު ސްކީމް، ކަނޑައެޅިފައިވާގޮތަށް ކުރިއަށް ގެންދިޔުމަށްވެސް ސަރުކާރުން ނިންމާފައިވާ ކަމަށާއި ދަރިވަރުންނަށް ލޯނު ފައިސާ ލިބުމުގައި ދައްޗެއް ނުވާނެ ކަމަށެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ގިނަ ދަރިވަރުންނެއް ކިޔަވަމުންދާއިރު ކިޔެވުން ފުރިހަމަކޮށް ވަޒީފާތަކުގައި އުޅޭ ގިނަ ބަޔަކު ދަނީ އެ ލޯނު އަނބުރާ ދައްކަމުންނެވެ.

ކޮރޯނާ އާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދަށްވެސް ވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ. ރާއްޖޭގެ ޓޫރިޒަމް އިނދަޖެހި ރިސޯޓުތައް ބަންދު ކުރަމުންދާއިރު ސަރުކާރުން ވަނީ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް އެހީތެރިވުމަށް ބޭންކުތަކާ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ.އެގޮތުން ބީއެމްއެލް އާއި އެސްޑީއެފްސީ އަދި އެޗްޑީއެފްސީގެ ލޯނުތައް ދެއްކުން ވެސް ވަނީ ހަ މަހަށް ފަސްކޮށްފައެވެ.

comment ކޮމެންޓް