މިއީ އެންމެން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--- ފޮޓޯ: ހޯމް މިނިސްޓްރީ

ކޮރޯނާވައިރަހުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ކުރިމަަތިވެފައިވާ ބަލިމަޑުކަމާ ދެކޮޅަށް ދިވެހި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ގޮވާލައްވައިފިއެވެ.

ޝަހީދުންގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ، ކޮރޯނާވައިރަހުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ކުރިމަަތިވެފައިވާ ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިންވެސް އުނދަގޫ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާކަމަށެވެ.

އަދި މި ނާޒުކު ދަނޑިވަޅުގައި އާންމު ސިއްހަތަށް ނުރައްކާވާ މިންވަރު ކުޑަކުރުމަށްޓަކައި ސަރުކާރަށް އަޅަން މަޖުބޫރުވެފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސޯދު ހީނަރުވެ އާންމު ދިރިއުޅުން މަޑުޖެހެމުންދާ ކަމަށާއި މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ ގައުމީ ވާޖިބު އަދާކޮށް، ފަރުދީ ޒިންމާ ފުރިހަމަކުރަންވީ ވަގުތުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޝަހީދުންގެ ދުވަސް ހަނދާންކޮށްދެނީ މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައި މިވާ ފަދަ ނުރައްކާތަކުން މިންޖުވުމަށް މުޖުތަމައުގެ ހުރިހާ ފަރުދުން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ޖެހޭކަން. ސަރުކާރުގެ ލަފަޔާ އިރުޝާދަށް ފުރިހަމައަށް އަމަލުކުރަން ޖެހޭކަން،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ބައިބައިވުމާ، ފިތުނަ ފަސާދަ އުފެދޭ ބާވަތުގެ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން ވެސް މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.

މިނިސްޓަރު ވަނީ އާންމު ސިއްހަތަށް ނުރައްކާވެ، އިގްތިސޯދީ ގޮތުން ރާއްޖެއަށް ތަހައްމަލު ކުރަން ދަތިވާ ހާލަތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދަށް ފުރިހަމައަށް އަމަލުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައެވެ.

"މި ދަނޑިވަޅަކީ ހަމަ އެންމެ މީހަކު ފަރުދީ ޒިންމާއަށް ފަރުވާކުޑަކުރުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅި މުޅި ގައުމަށް އޭގެ ގެއްލުން އިންތިހާއަށް މެދުވެރިވެދާފަދަ ވަގުތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ދުވަހާ ގުޅުވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޝަހީދުންގެ ދުވަސް ދިވެހިންނަށް ހަނދާންކޮށްދޭ އެންމެ ބޮޑު ފިލާވަޅަކީ ގައުމުގެ ހަމަޖެހުމާ އަމަންއަމާންކަމާ ސުލްހަ މަސަލަސްކަމާ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރުމަކީ ހަމައެކަނި ވެރިކަމުގެ ފަރާތުން ކުރާ މަސައްކަތުން ހާސިލްކުރެވޭނެ ކަމެއް ނޫންކަން ކަމެވެ.

އަދި ކޮންމެ ދިވެހި ރައްޔިތަކީވެސް އަމިއްލަ މަސްލަހަތަށްވުރެ، ގައުމުގެ މަސްލަހަތު އިސްކުރާ މީހަކަށް ވުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރެ ކޮންމެ މީހަކުވެސް ވާންވީ މި ރާއްޖެއާ މި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ކުރިއެރުމަށް އެމީހަކު އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރާ މީހަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔޭގެ އާންމު ސިއްހަތަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް، މި ބަލިން ދިވެހި ގައުމު ސަލާމަތް ކުރުމަށް އެންމެ ކުރީ ސަފުގަައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާ ސަލާމަތީ ހިދުމަތްތަކާ ދަރުމަވެރިންނާ އެހެންވެސް ފަރާތްތަކުން ވަމުން އަންނަ ގުރުބާނީ މިނިސްޓަރުު ވަނީ ފާހަގަކުރައްވައިފައެވެ.

އެ ހިދުމަތްތެރީން އަމިއްލަ އާއިލާއާއި ގާތްތިމާގެ މީހުން ދޫކޮށް، ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަމުން އަންނަނީ ދިވެހި ހުރިހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރަން ކަމުގައި ފާހަގަކޮށް މިނިސްޓަރު ވަނީ އެ ހުރިހާ ފަރާތްތަކަށް ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބުތާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް އެ އަބްތާލުންގެ ޒިކުރާ އާކުރުމަށެވެ.

އެ ދުވަސް ނިސްބަތްވެގެން ވަނީ އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި އަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއްވަނަ ދުވަހެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން. މި އަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް