އެޑިއުކޭޝަން މިނިސްޓަރުގެ މައްސަލައިގައި ޑީއާރުޕީން ވޯޓުދޭނީ، އެކަމުގައި ގައުމުގެ ރޫހުއޮތް ގޮތް ބަލައި، މަޖިލީހުގެ މެންބަރުންނާ މަޝްވަރާކުރުމަށްފަހު: އަލީ ވަހީދު

14:30


މިމަހު ތިރީސްވަނަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެޖެންޑާކޮށްފައިވާ، އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ޑީއާރުޕީން ވޯޓުދޭނީ، އެކަމުގައި ގައުމުގެ ރޫހުއޮތް ގޮތް ބަލައި، މަޖިލީހުގެ މެންބަރުންނާ މަޝްވަރާކުރުމަށްފަހު މެންބަރުންގެ ރޫހަށް ވެސް ބަލައިގެން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ވެސް މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓަރގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ޑީއާރުޕީން ވޯޓުލާނެ ގޮތް އަދި ނުނިންމާ ކަމަށެވެ. ނަމަވެސް އެމައްސަލަ ދިރާސާކުރުމަށް ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށާއި، އަންނަ އާދިއްތަ ދުވެހު ބާއްވާ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށްފަހު އެކަމަށް ގޮތެއް ނިންމާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި ޑރ. މުސްތަފާއާ ދެކޮޅަށް ވޯޓު ދިނުމަށް އެދި ތައުލީމީ ދާއިރާއާއި އާއްމު ރައްޔިތުންގެ ފަރާތުން އެ ޕާޓީއަށް ވަރަށް ގިނަ ސިޓީ ފޮނުވަމުންދާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.


އަލީ ވަހީދު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ބައެއް މެންބަރުން ޑރ. މުސްތަފާ ލުތުފީއަށް އިންޒާރުދެމުންދާ ވަގުތެއްގަ އެވެ.


ދިވެއްސާއި އިސްލާމް މި ދެމާއްދާ އިހްތިޔާރީ މާއްދާއަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓަރ ގެންގުޅުއްވާ ސިޔާސަތަށް ފާޑު ވިދާޅުވެ، އަންގާރަ ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަށީދު ވިދާޅުވެފައި ވަނީ،  އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ގެންގުޅުއްވަނީ އަމިއްލަފުޅު ސިޔާސަތެއް ކަމަށެވެ. އަދި ޑރ. މުސްތަފާ ލުތުފީގެ ސިޔާސަތަކީ، ސިޔާސީ ބޭފުޅުންގެ އަގު ވައްޓާލެއްވުންކަމަށް ވިދާޅުވެ އެސިޔާސަތު ބަދަލު ނުކުރައްވައިފިނަމަ އިތުބާރުނެތް ކަމަށް ވޯޓު ދެއްވައި މިނިސްޓަރކަމުން ޑރ. މުސްތަފާ ލުތުފީ ވަކިކުރައްވާނެ ކަމަށް ވެސް ރިޔާޒު ރަޝީދު ވަނީ ވަރަށް ހަރުކަށި އިބާރާތުން އިންޒާރު ދެއްވައިފަ އެވެ. އަދި ޑީއާރުޕީއާއެކު ކޯލީޝަން ހަދާފައިވާ ޕީއޭއިން ވެސް ބުނެފައިވަނީ ޑރ. މުސްތަފާ ލުތުފީގެ އިތުބާރު ނެތްކަމަށް އެ ޕާޓީން ވޯޓުދޭނެކަމަށެވެ. ޕީއޭއަށް ނިސްބަތްވެ ވަޑައިގަންނަވާ، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ޑރ. މުސްތަފާ ލުތުފީގެ އިތުބާރުނެތްކަމުގެ މައްސަލައިގައި، ޕީއޭއިން އޮތީ ވަރަށް ސީރިއަސްކޮށް ކަމަށެވެ. އަދި އެކަމުގައި ޕީއޭގެ ފިކުރަށް ޑީއާރުޕީން ވޯޓުލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު